ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތް ރޯދަ މަހުން ފެށިގެން ބޭންކަށް ނުގޮސް ހުރިހާ ހިދުމަތެއް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފި އެވެ.
ބީއެމްއެލްއިން ހިދުމަތްތަކަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ކާޑު ނަގަން ކަސްޓަމަރުން ބޭންކަށް އަންނަން ނުޖެހޭ ގޮތަށް ހަމަޖައްސައި، ކަސްޓަމަރުގެ ގެއަށް ކާޑު ފޮނުވައިދިނުމުގެ ހިދުމަތް ފެށުން ހިމެނެ އެވެ.
އެގޮތަށް ފޮނުވާ ކާޑުތައް އެކްޓިވޭޓްކޮށް އަދި ޕިން ބަދަލުކުރެވޭނީ އިންޓަނެޓް ބޭންކިން ނުވަތަ ބޭންކުގެ އެޕް މެދުވެރިކޮށް ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބޭންކުގެ ކާޑުތަކުން ބޭންކުގެ ޕީއޯއެސް ނުވަތަ އޮންލައިންކޮށް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް ވިޔަފާރިތަކުން ބަލައިގަންނަ ފައިސާ، ދުވަހުގެ ސެޓްލްމެންޓް ފުރިހަމަކޮށްފައިވާނަމަ 24 ގަޑިއިރު ތެރޭގައި އެކައުންޓަށް ޖަމާކޮށްދިނުމަށް ފަށަން ވެސް ބީއެމްއެލް އިން އަންނަނީ ތައްޔާރުވަމުންނެވެ.
މީގެއިތުރުން ބީއެމްއެލްއިން ބުނީ މަދު ފަހަރަކު ދިމާވާ ގޮތަކުން އޭޓީއެމް އިން ފައިސާ ނެގުމާއި ޖަމާކުރުމުގައި މުއާމަލާތް ފުރިހަމަނުވެ، ފައިސާ ނުނެގޭ ނުވަތަ ޖަމާނުވެދާ ފައިސާ އެއް ގަޑިއިރުތެރޭގައި އެކައުންޓަށް އަނބުރާ ޖަމާކޮށްދޭން ވެސް ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
"ކުންފުނިތަކަށާއި ވިޔަފާރިތަކަށް ބޭނުންވާ ހާއްސަ ހިދުމަތްތައް، ކަނޑައެޅިފައިވާ ރިލޭޝަންޝިޕް މެނޭޖަރުން މެދުވެރިކޮށް ފަސޭހައިން ހިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުން. ކަސްޓަމަރުން ބޭންކާ މުއާމަލާތް ކުރުމަށް 24 ގަޑިއިރުގެ ހިދުމަތްދޭ ކޮންޓެކްޓް ސެންޓަރާއި ޗެޓްބޮޓް، ލައިވް އެޖެންޓްގެ އިތުރުން ވަޓްސްއަޕް އަދި ވައިބަރ އިން މެސެޖް ކުރެވޭނެ،" ގެންނަ ބަދަލުތަކާ ގުޅިގެން ބީއެމްއެލްއިން ބުންޏެވެ.
1. އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތައް އޮންލައިންކޮށް ހުޅުވައިދިނުން. މިހާރުވެސް އެކައުންޓެއް ހުޅުވާފައިވާ ކަސްޓަމަރުންނަށް އިތުރު އެކައުންޓްވެސް އޮންލައިންކޮށް ހުޅުވޭނެ.
2. ވިޔަފާރި އެކައުންޓްތައް އޮންލައިންކޮށް ހުޅުވައިދިނުން.
3. ގެދޮރު ގަތުމާއި ގެދޮރު އިމާރާތްކުރުމާއި ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ލޯނު ހިމެނޭހެން ހުރިހާ ލޯނަކާއި ފައިނޭންސަށް އެދި އޮންލައިންކޮށް ހުށަހެޅޭނެ ގޮތް ހަމަޖެއްސުން.
4. ރާއްޖެއިން ބޭރުން އަންނަ ފައިސާގެ ތެރެއިން 10 ހާސް ޑޮލަރުން ފެށިގެން ދަށުގެ އަދަދުތައް ވަގުތުން ވެރިފިކޭޝަން ނިންމުމަށްފަހު އެކައުންޓަށް ޖަމާކޮށްދިނުން.
5. ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ (ޓީޓީ އަދި އޮންލައިން މަނީ ޓްރާންސްފާ) ތެރެއިން 5 ހާސް ޑޮލަރުން ފެށިގެން ދަށުގެ އަދަދުތައް އޮންލައިންކޮށް ފޮނުވޭނެ ގޮތް ހަމަޖެއްސުން.
6. ވިޔަފާރިތަކުން ނަގުދުފައިސާ ނެގުމަށް ޗެކުގެ ބަދަލުގައި، ބިޒްނަސް ކާޑުން ފައިސާ ނެގޭ އަދަދު ދެ ލައްކަ ރުފިޔާއަށް އިތުރު ކުރުން.
އެކަމަކު އެއްވެސް ސަބަބަކާހުރެ ކަސްޓަމަރަކު ބޭންކަށް ޒިޔާރަތްކުރަން ޖެހޭ ނަމަ، ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު (ބަންދު ދުވަސްތައް ފިޔަވައި) ބެންކުގެ ބްރާންޗްތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:30 އާ ހަމައަށް ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްއިން ބުނީ މާޗު 27، އާއި 29 ފިޔަވައި ރޯދަ މަހު ފަހު 10 ދުވަހު ޑިޖިޓަލްކޮށް ބޭންކުގެ ހުރިހާ ހިދުމަތެއް ދިންކަމުގައި ވިޔަސް ބޭންކުގެ ބްރާންޗްތައް ބަންދުވާނެ ކަމަށެވެ.
ބީއެމްއެލްއަކީ ރާއްޖޭގައި ޑިޖިޓަލް ބޭންކިން ހިދުމަތް އެންމެ ފުޅާކޮށް ދެމުންދާ ބޭންކު ކަމަށްވާއިރު، ރާއްޖެއަށް އިންޓަނެޓް ބޭންކިން، މޯބައިލް އެޕް، ކާޑާއި ސެލްފް ސާވިސްގެ އިތުރުން މޯބައިލް ވޮލެޓްގެ ހިދުމަތްތައް ފަދަ ގިނަ ޑިޖިޓަލް ބޭންކިން ހިދުމަތްތައް ތައާރަފް ކޮށްފައި ވަނީ ވެސް އެ ބޭންކުންނެވެ.
ބީއެމްއެލްގެ ހުރިހާ ހިދުމަތެއް ވެސް ބޭންކަށް ނުގޮސް ލިބޭނެ އިންތިޒާމު ހަމަޖައްސަނީ ބީއެމްއެލްގެ ހުރިހާ ހިދުމަތެއް ވެސް ބޭންކަށް ނުގޮސް ލިބޭނެ އިންތިޒާމު ހަމަޖައްސަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ