ސަން ބަދިގެ: ކަނޑު ކުކުޅު
އެސްއެސްޓީވީގެ ދިވެހި ރަހަ ޕްރޮގްރާމުގައި މިފަހަރު ގެނެސްދީފައި ވަނީ ވަރަށް ތަފާތު ގޮތަކަށް މަސް ތައްޔާރުކޮށްގެން ކައްކާ ރިހައެކެވެ. އެގޮތުން މިއީ މ. އަތޮޅުގައި ކަނޑު ކުކުޅު ހަދާ ގޮތެވެ. ބޭނުންވާ ތަކެތި ރޯމަސް ހަވާދު ފިޔާ ފޮނިތޮށި ކާފޫރުތޮޅި އޯބަތް ލޮނުމެދު ރާނބާފަތް ހިކަނދިފަތް ގިތެޔޮމިރުސް ފެންކިރު ބޯކިރު އަޖުނަމޮޓޯ ލޮނު މަސް ބަންނަން ތެޔޮ ތައްޔާރުކުރާނެ ގޮތް މަސްއަރި، ދެ އިންޗި ހުންނަ ވަރުގެ ބައިތަކަށް ކޮށާލާށެވެ. އެ ބައިތައް ވަކިވަކިން ނަގައި، އޮޅައިލެވޭ ގޮތަށް ތުނިކޮށް ކޮށާލާށެވެ. އެ މަސްކޮޅުގެ އެތެރެއަށްވާ ގޮތަށް ހަވާދު އުނގުޅުމަށްފަހު، އޯޅައިލާށެވެ. ބޭރުގައި ވެސް ހަވާދުކޮޅެއް ހާކަން ވާނެއެވެ. އެއަށްފަހު މަސްކޮޅު ފަނުން ބަންނާނީއެވެ. ދެން މަސްކޮޅު ބެހެއްޓުމަށް ފަހު، ރިހަ ކައްކަން ފަށާނީއެވެ. ފުރަތަމަ ތެއްޔެއް އުދައި، ތެޔޮފޮދެއް އަޅައި، ފިޔާ ވެސް އެޅުމަށްފަހު އުނދުން ޖައްސާނީއެވެ. ފިޔާ މީރުކުރަމުން، އޭގެ ތެރެއަށް ހިކަނދިފަތާއި ރާނބާފަތާއި ލޮނުމެދާއި ގިތެޔޮ މިރުހާއި ފޮނިތޮށްޓާއި ކާފޫރުތޮޅި އަޅާލާށެވެ. ފިޔާ މީރުވުމުން ކުޑަ އެތިކޮޅެއް ތަށްޓަކަށް ނަގައިފައި ބެހެއްޓުމަށް ފަހު، ތެލީގެ ތެރެއަށް ހަވާދުކޮޅު އަޅާލާނީއެވެ. ހަވާދާއެކު ފެންކިރު ވެސް އަޅާލަން ވާނެއެވެ. ދެން އަޅާނީ، އަޖުނަމޮޓޯއާއި ރަހަލާ ވަރަށް ލޮނެވެ. އެއަށްފަހު ރިހަ ކެކެން ފެށުމުން، ގިނި މަޑުކޮށްފައި މަސް އަޅާލާށެވެ. މި މަސް ކައްކާއިރު ފުށުން ޖަހަން ވާނީ ވަރަށް ބަލައިގެންނެވެ. ދެން، ބޯކިރު އަޅައިފައި ހުރި ތަށީގެ ތެރެއަށް، ކުރިން ނެގި، މީރުކޮށްފައި ހުރި ފިޔާ ކޮޅު އަޅައި އެއްކޮށްލާށެވެ. އޭގެ ތެރެއަށް މުގުރާފައި ހުރި ފޮނިތޮށި ކާފޫރުތޮޅި ވެސް އެޅުން ރަނގަޅެވެ. ރިހަ އެއްކޮށް ކެކުމުން އެންމެ ފަހުން އަޅާނީ ބޯކިރެވެ. އެ ހިސާބުން އުނދުން ނިއްވާލުމުން، ކަނޑު ކުކުޅު ތައްޔާރުކޮށް ނިމުނީއެވެ. ކަނޑުކުކުޅު ބަތާއި، ރޮށްޓާއެކު ވެސް ކެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ