ވިލާއިން ސައުތެމްޕްޓަން ބަލިކޮށް ފަސް ވަނައަށް
އިންގްލިޝް ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އާއި ސައުތެމްޕްޓަން ބައްދަލުކުރި މެޗު ވިލާއިން ކާމިޔާބުކޮށް ތާވަލްގެ ފަސް ވަނައަށް ކުރިއަށް ޖެހިލައިފިއެވެ. ސައުތެމްޕްޓަންގެ ދަނޑުގައި ކުޅުނު މިމެޗު ވިލާއިން ކާމިޔާބު ކޮށްފައި ވަނީ ތިން ލަނޑު ސުން ލަނޑުންނެވެ. ވިލާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައި ވަނީވެސް ވިލާއިންނެވެ. ނަމަވެސް މިއާއެކުވެސް މިދިޔަ ހަފުތާގައި ޕްރިމިއާ ލީގުން ރެލިގޭޓްވިކަން ކަށަވަރު ވެގެންދިޔަ ސައުތެމްޕްޓަންއިން ވަނީ ހިތްވަރު ގަދަ ކުޅުމެއް ދައްކާފައެވެ. މިގޮތުން މިމެޗުގެ 73ވަނަ މިނެޓާ ހަމައަށް ވިލާއަށް ލަނޑެއް ކާމިޔާބުވިޔަނުދީ ހިފަހައްޓާލިއެވެ. މިމެޗުގައި ވިލާއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 73ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ އޮލީ ވޮޓްކިންސްއެވެ. މިލަނޑު ޖެހުމުގެ ތިން މިނެޓް ކުރިން ވިލާއަށް ވަނީ މެޗުގެ ލީޑު ނަގާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް މާކޯ އަސެންސިއޯ ޖެހި ޕެނަލްޓީ ވަނީ ސައުތެމްޕްޓަންގެ ކީޕާ އާރޮން ރަމްސްދޭލް ދިފާއު ކޮށްފައެވެ. މިމެޗުގައި ވިލާގެ ދެވަނަ ލަނޑު މެޗުގެ 79ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑޮންޔެލް މާލެންއެވެ. މިމެޗުގެ އިތުރު ވަގުތުގައި ވިލާއަށް މިމެޗުގައި ލިބިގެންދިޔަ ދެވަނަ ޕެނަލްޓީ އަސެންސިއޯ ޖެހުމުން މިފަހަރުވެސް ވަނީ ރަމްސްޑޭލް ދިފާއު ކޮށްފައެވެ. ނަމަވެސް މިފަހަރު ވިލާގެ ކެޕްޓަން ޖޯން މެކްގިންވަނީ ރީބައުންޑް ގޯލްގެ ތެރެއަށް ވައްދާލާ ލީޑު ފުޅާކޮށްފައެވެ. މިކާމިޔާބީ އާއެކު ވިލާ މިހާރު އުޅެނީ 54 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައެވެ. އަދި ސައުތެމްޕްޓަން އުޅެނީ 10 ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ. މިމުބާރާތުގައި ބްރައިޓަން އެންޑް ހޯވް އެލްބިއަން އާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު ދެ ލަނޑު ދެ ލަނޑުން ދެޓީމުވީ އެއްވަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ