ޗެލްސީއާއި ބެޓިސްއިން ވެސް ފައިނަލުގެ އުންމީދު ބޮޑުކޮށްފި

ޔުއޭފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގު ޗެލްސީއާއި ރެއާލް ބެޓިސްއިން ވެސް ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގައި ޗެލްސީއާއި ޔާގާޑެން ބައްދަލުކުރި ސެމީ ފައިނަލްގެ ފުރަތަމަ ލެގު ޗެލްސީން ކާމިޔާބު ކޮށްފައިވަނީ ރަށުން ބޭރުގައި 4-1 އިންނެވެ. ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗު އެ ޓީމުން ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މިގޮތުން، މެޗުގެ 12 ވަނަ މިނެޓުގައި ޖޭޑަން ސަންޗޯ ކާމިޔާބުކޮށްދިން ލަނޑުން މެޗުގެ ލީޑު ނަގައި ހަމަޖެހިލިއެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮަށް ޗެލްސީގެ ލީޑު ފުޅާކޮށްދިނީ ނޯނީ މަޑުއެކީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗުގައި ޗެލްސީއިން ކާމިޔާބުކުރި ފަހު ދެ ލަނޑު މެޗުގެ 59 ވަނަ މިނެޓާއި 65 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ގާތްގަނޑަކަށް ކަށަވަރުކޮށްދިނީ ނިކޮލަސް ޖެކްސަންއެވެ. މެޗުގައި ޔާގާޑެންއިން ކާމިޔާބުކުރި ހަމައެކަނީ ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިސާކް އެލެގްޒެންޑާ އަލެމަޔޭހޫ މުލުގޭޓާއެވެ. ޗެލްސީން ހޯދި މި ކާމިޔާބީއާ އެކު އަންނަ ހަފުތާގައި އަމިއްލަ ދަނޑުގައި ކުޅޭ ދެވެނަ ލެގަށް ނުކުންނައިރު މިވަނީ ފައިނަލަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް ބޮޑުކޮށްފައެވެ. މި މުބާރާތުގައި ރެއާލް ބެޓިސްއާއި ފޮއިރެންޓީނާ ބައްދަލުކުރާ ސެމީ ފައިނަލްގެ ފުރަތަމަ ލެގު ބެޓިސްއިން ކާމިޔާބު ކޮށްފައިވަނީ 2-1 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނީ މެޗުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީ ކުޅުނު ބެޓިސްއިން ވަނީ ފެށުން ރަނގަޅުކޮށްފައެވެ. މެޗުގެ ހަވަނަ މިނެޓުގައި އަބްދޭ އެޒަލްޒޫލީ ކާމިޔާބުކޮށްދިން ލަނޑުން ލީޑު ނެގިއެވެ. އަދި، މެޗުގެ 64 ވަނަ މިނެޓުގައި އެންތަނީ ކާމިޔާބުކޮށްދިން ލަނޑުން ބެޓިސްއިން އެޓީމުގެ ލީޑު ފުޅާވެސް ކޮށްފައެވެ. ނަމަވެސް، ފިއޮރެންޓީނާއިން ވަނީ މެޗުގެ 72 ވަނަ މިނެޓުގައި ލޫކާ ރަނިއޭރީ ކާމިޔާބުކޮށްދިން ލަނޑުން ދެވަނަ ލެގަށް ނުކުންނައިރު އެ ޓީމުން ފައިނަލާ މެދު ކުރާ އުންމީދު ބޮޑުކޮށްފައެވެ. އަންނަ ހަފްތާގައި ކުޅޭ ދެވަނަ ލެގު ފިއޮރެންޓީނާގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވުމުން އެ ޓީމަށް ވެސް ފައިނަލްގެ ފުރުސަތު ކުޑައެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ