ސުޕްރީމް ކޯޓު ބިލު ގާނޫނުއަސާސީއާ ހިލާފު: އަޒާން
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކޮށްލުމަށް ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަތުމަށް ވޯޓު ނުދެއްވީ އެ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް ގަބޫލުކުރައްވާތީ ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެ އެވެ.ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރާ ގޮތަށް ގާނޫނު ބަދަލު ކުރަން ހުށަހެޅި ބިލު ފާސް ކުރުމަށް މިއަދު ނެގި ވޯޓުގައި އަޒާން ބައިވެރިވެވަޑައިނުގަންނަވަ އެވެ.އަޒާން މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި ނަމަވެސް، އެ ވޯޓު ނެގުމުގެ ކުރިން އޭނާ ވަނީ ތަޅުމުން ނުކުމެވަޑައިގެންފަ އެވެ. މި ބިލު ބަލައިގަތުމަށް އިއްޔެ މަޖިިިލީހުގައި ނެގި ވޯޓުގައި ވެސް އަޒާން ބައިވެރިވެވަޑައިނުުގަންނަވަ އެވެ. އިއްޔެގެ ޖަލްސާއަށް ވެސް އަޒާން ވަޑައިގެންނެވި އެވެ. ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހު ބަލަމުންދަނިކޮށް، އެ ކޯޓުގެ ބެންޗު ފަސް ފަނޑިޔާރުންނަށް މަދުކޮށް، ދެ ފަނޑިޔާރުން ގިނަވެގެން 12 ދުވަސް ތެރޭ ވަކިކުރާ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނު ބަދަލު ކުރަން ހުށަހެޅި ބިލު ޕީއެންސީގެ 64 މެންބަރުންގެ ވޯޓާ އެކު ވަނީ ފާސްކޮށްފަ އެވެ."އަދި މި ބިލަކީ ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ހިލާފު ބިލަކަށް ވާތީ އެފަދަ ބިލަކަށް ތާއީދު ކުރުމަކީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމުގައި ދެކޭތީ،" އަޒާންގެ ބަޔާނުގައި ލިޔުއްވާފައިވެ އެވެ.އަޒާން ވިދާޅުވެފައި ވަނީ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް އޮތްނަމަ ޖުޑީޝަލް ސާވިސް ކޮމިޝަން މެދުވެރިކޮށް އެ މައްސަލަ ބަލައި އެފަދަ މައްސަލައެއް ސާބިތުވާ ނަމަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފަނޑިޔާރުން ވަކި ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ނުކޮށް، މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީއަށް އޮއްވައި ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައި ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރަން މަޖިލީހުން ނިންމުމަކީ ގާނޫނީ ގޮތުން ދެކޮޅު ޖެހޭ ކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށް އަޒާން ވިދާޅުވި އެވެ.އަމުދުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް އެ ކޯޓުގެ ދެ ފަނޑިޔާރެއް މަގާމުން ވަކި ކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ގަބޫލެއް ނުކުރައްވާ ކަމަށް އަޒާން ވިދާޅުވި އެވެ."އެއީ ހުޅުވާލެވިފައިވާ މިނިވަން ދިމިގުރާތީ މުޖުތަމައުތަކުގައި އަމަލު ކުރާ އުސޫލުތަކާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކާއ ބީރައްޓެހި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ކުރެވިގެންދާ ކަމެއް ކަމަށް ވާތީ އެފަދަ ކަމެއްގައި ބައިވެރިވެ ތާއީދު ނުކުރެވޭނެ،" އަޒާން ވިދާޅުވި އެވެ.އެ ބިލަށް ތާއީދު ނުކުރެއްވި ނަމަވެސް އަދިވެސް ދެމި ހުންނެވީ ސަރުކާރަށް ތާއީދު ކުރާ މެންބަރެއްގެ ގޮތުގައި ކަމަށް އަޒާން ވިދާޅުވި އެވެ. ނަމަވެސް އައްޑޫ ރައްޔިތުންނަށް ކޮށްދޭން ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދޭ ނަމަ ސަރުކާރާއި ސަރުކާރުގެ މުއައްސަސާތައް ޖަވާބުދާރީ ކުރުމުގައި ދެމިހުންނަވާނެ ކަމަށް އަޒާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ