އުމަރު ފިޔަވައި ހުރިހާ ކެންޑިޑޭޓުން ވޯޓަރސް ލިސްޓްގައި ސޮއިކޮށްފި

ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓުތަކުގައި ސޮއިކުރަން ކެންޑިޑޭޓުންނަށް ދީފައިވާ ވަގުތު ރެއަށް ހަމަވިއިރު، އުމަރު ނަސީރު ނޫން ހުރިހާ ކެންޑިޑޭޓުން ލިސްޓުގައި ސޮއިކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ބުނެފި އެވެ.
ވޯޓާސް ލިސްޓުތަކުގައި ސޮއިކުރަން ހުޅުވާލި މުއްދަތު ހަމަވީ ރޭ 10:00 އަށެވެ. ރިޔާސީ އިންތިޚާބުގައި ބަހައްޓާ 574 ވޯޓު ފޮށި ބަހައްޓާއިރު، އެއިން ކޮންމެ ފޮއްޓެއްގެ ވޯޓާސް ލިސްޓުގައި ވަކިވަކިން ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރަން ޖެހޭނެ އެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު ނޫން އެހެން ހުރިހާ ކެންޑިޑޭޓުންގެ ފަރާތުން ވޯޓާސް ލިސްޓުގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި ދަ ޑިމޮކްރެޓްސް ގެ ކެންޑިޑޭޓުން ފިޔަވައި، އެހެން ހުރިހާ ކެންޑިޑޭޓުންގެ ފަރާތުން ހުރިހާ ލިސްޓެއްގެ ސައްހަކަން ކަށަވަރުކޮށް ވެސް ސޮއިކޮށްފައިވާ ކަމުގައި ހަބީބް ވިދާޅުވި އެވެ.
ވޯޓާސް ލިސްޓުގައި ސޮއިކުރުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަވުމަށްފަހު އެއްވެސް ކެންޑިޑޭޓަކަަށް އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށް ހަބީބު އިއްޔެ ވިދާޅުވި އެވެ. އެގޮތުން އެއްވެސް ޕާޓީއެއް ނުވަތަ ކެންޑިޑޭޓެއްގެ އެދުމަށް ސޮއިކުރަން ދީފައިވާ މުއްދަތު އީސީން އިތުރު ނުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވޯޓާސް ލިސްޓުތަކުގައި ކެންޑިޑޭޓުން ސޮއިކުރުމުގެ އުސޫލު އައީ ސެޕްޓެމްބަރު 7، 2013 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ބާތިލްކޮށް ސުޕްރީމް ކޯޓުން ނެރުނު ހުކުމުގެ ގައިޑްލައިންގައި އެ ގޮތަށް އަމަލު ކުރުމަށް ބަޔާންކޮށް އަމުރު ކުރި ފަހުންނެވެ.
ސެޕްޓެމްބަރު 9، ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓުގައި 282،395 މީހުންގެ ނަން އެބަ އޮތެވެ. އޭގެ ތެރޭގައި އަލަށް ރިޔާސީ އިންތިޚާބުގައި ވޯޓު ލެވޭ މީހުންގެ އަދަދަކީ 27,006 އެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވެނީ ވޯޓުލީ މީހުންގެ 50 އިންސައްތަ އަދި އިތުރު އެއް ވޯޓު ލިބިގެނެވެ. އެ ވަރަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބޭނަަމަ، ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަން ޖެހެ އެވެ.
މި ފަހަރު ދެ ވަނަ ބުރަކަށްދާ ނަމަ އެ ވޯޓު ލުން އޮންނާނީ ސެޕްޓެމްބަރު 30، ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ