ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ގާޒީ، ޕީޖީ ވަކީލުންނަށް: ”މިއީ ހީ ސަކަރާތް ޖަހާ މަޖިލީހެއް ނޫން“!

ޝަރީއަތުގެ މަޖިލީހުގައި ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހުގެ ވަކީލުން ހީ ސަކަރާތް ޖަހާނަމަ އެ މީހަކާއި މެދު ފިޔަވަޅު އަޅާނެކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ވ. އާރަށް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ ފައިސާއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލައްގައްޔޫމް މަންފާ ނެންގެވިކަމަށް ބުނާ މައްސަލައިގެ އަޑުއެހުމެއް މިއަދު ކުރިޔަށް ގެންދާއިރު އެއީ ދިފާއުން ހުށަހަޅާފައިވާ ހެކި ބަސް ނެގުމުގެ ބައެވެ. ވ.އަތޮޅު ތިނަދޫ ކައިރީ އޮންނަ އާރަށަކީ ޕިކުނިކު ދިއުމަށް ބޭނުން ކުރަމުން އައި ފަޅު ރަށެކެވެ. މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް މާނީ ލޯންޑްރިން އާއި ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އުފުލައި ކޯޓަށް ހުށަހެޅީ މިދިޔަ ނޮވެމްބަރު މަހު އެވެ.
ރައީސް ޔާމީންގެ މައްޗަށް މި ދައުވާ އުފުލީ ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރިކަމަށް އެމްއެމްޕީއާރްސީގެ ތަހުގީގުގެ ތެރެއިން ހާމަވާތީ އެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އިސް ގާޒީ އަހުމަދު ޝަކީލެވެ.
މައްސަލައިގެ އަޑުއެހުމުގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ ހެކި ބަސް ނެގުން ކުރިޔަށް ގެންދިޔަ އިރު ދައުލަތުން ވަނީ އޭނާ ގެންދިޔަކަމަށް ބުނާ ފައިސާ ގުނުމަށް ހޭދަވީ ވަގުތާއި މެދު ސުވާލުކޮށްފަ އެވެ. އެއީ 2015 ގައި ހިނގިކަމަކަށް ވާތީ ސީދާ ވަގުތެއް ބުނަން އުނދަގޫކަމަށް ނަރީޝް ވިދާޅުވުމުން ތަކުރާރުކޮށް ދައުލަތުން އެ ސުވާލު ކުރަމުން ގެންދިޔަ އެވެ. އަދި އެ ސުވާލުގެ ތެރެއިން ދައުލަތުގެ ވަކީލު ޕަބްލިކް ޕްރޮސެކިއުޓާރ ނައުފަލް ވަނީ އެގޮތަށް ވަގުތު ހަނދާން ނެތީ މާގިނައިން ފައިސާ ގުނާތީތޯ ސުވާލުކޮށްފަ އެވެ. އެހެންވެ ރައީސް ޔާމީންގެ ވަކީލުން ވަނީ ދައުލަތުގެ ސުވާލުތައް އިއުތިރާޒުކޮށް މިއީ ފުރައްސާރަ ކުރުންކަން ފާހަގަކޮށްފަ އެވެ.
ދައުކަތުގެ ސުވާލުތައް ހުރީ ފުރައްސާރަ ކުރާ މޭރުމަކުންކަމަށް ބުނެ އިއުތިރާޒު ނުކުތާތައް ނަންގަވަން ފެށުމުން ދައުލަތުގެ ވަކީލުންގެ ދެމެދު ބައެއް ވާހަކަތައް ބަދަލު ކުރި އެވެ. އަދި ސިއްރު ވާހަކަތައް ދެއްކުމާއި އެކު، ހީ ހދި މަންޒަރު ފެނުނެވެ. ޝަރީއަތުގައި ނައުފަލްއަށް އިޝާރާތުން، އިރުޝާދު ދެއްވަމުން ގެންދެވީ ޕަބްލިކް ޕްރޮސެކިއުޓާރ މަރިޔަމް ޝަހުމާ އެވެ. އަދި ގާޒީ ސުވާލެއް ކުރެއްވި ވަގުތު، ސަމާސާ ކުރާ މިޒާޖަކަށް އަނގަމަތީ އަތް އެޅީ ދައުލަތުގެ ވަކީލު ޝަހުމާ އެވެ.
އެކަމާއި ގުޅިގެން އިސް ގާޒީ ޝަކީލް ވިދާޅުވީ ޝަރީއަތުގެ މަޖިލީހުގައި ހީ ސަކަރާތް ނުޖެހޭނެ ކަމަށެވެ. ކޮންމެ ވަކީލަކީ ވެސް ހުވައެއްކޮށް، ވަރަށް ގިނަ އިލްމީ މަސައްކަތާއި އެކު މިހާހިސާބަށް އާދެވޭ މީހެއްކަން ފާހަގަކޮށް ގާޒީ ވިދާޅުވީ ޝަރީއަތުގައި ޖެއްސުން ކުރުމަށް ނުވަތަ އުނދަގޫ ކުރުމަށް އެއްވެސް ވާހަކައެއް ކުރިޔަށް ގެންގޮސްގެން ނުވާނެކަމަށެވެ. އެއީ ވަކީލުންގެ ފަރާތުން ފެނިގެން ވާނެ އަމަލެއް ނޫންކަމަށާއި ޝަރީއަތުން އެފަދަކަމަކަށް ފުރުސަތެއް ނުދޭނެކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
”މިހާރު ދައުލަތުގެ ވަކީލު… ހީ ސަކަރާތް ޖަހާ މަޖިލީހެއް ނޫން އިނގޭތޯ ޝަރީއަތުގެ މަޖިލީހަކީ.. އެއް ބޭފުޅަކު އަނެއް ބޭފުޅަކު ކޮއްޓައި ހީސަމާސާކުރާ މަޖިލީހެއް ނޫން. އެގޮތަށް އަމަލު ކުރާނަމަ ޝަރީއަތުން ޖެހޭނީ ފިޔަވަޅު އަޅަން… ޝަރީއަތަށް ޖެއްސުން ކުރުމާއި އުނދަގޫ ކުރުން އެއީ ވަކީލުންގެ ފަރާތުން ފެންނަން ޖެހޭ ސިފައެއް ނޫން“ އިސް ގާޒީ އަހުމަދު ޝަކީލް
ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގައި ދައުލަތުގެ އިސް ވަކީލަކަށް މީގެ ކުރިން ހުންނެވީ އައިޝަތު މުހައްމަދެވެ. ވޮޑަމުލާ މައްސަލަ ތިން މަރުހަލާގައި ކުރިޔަށް ދިޔައިރު ވެސް ދައުލަތުގެ ވަކީލަކަށް ހުންނެވި އައިޝަތު މުހައްމަދު ވަނީ ރައީސް ޔާމީންގެ މައްސަލަ އިން އެއްފަރާތްވެވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ