ޕީއެންއެފްގެ ރައީސަކަށް ޔާމީން، ނައިބަކަށް ޖަމީލު އަދި ދަރިކަލުން ޒެއިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދެވި ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ރައީސަކަށް އެމަނިކުފާނު ހޮވިވަޑައިގެންފިއެވެ.
ޕީއެންއެފްގެ ގައުމީ ޖަލްސާ ރޭ ވަނީ މާލޭގެ އާޓިފިޝަލް ބީޗުގައި ބާއްވާފައެވެ.
މި ޖަލްސާގައި ވަނީ ޔާމީން އެ ޕާޓީގެ ރައީސަކަށް ހޮވިވަޑައިގެންފައިވާކަން ޢިއުލާންކޮށްފައެވެ. އަދި އެ ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް، ޔާމީންގެ ވަކީލު ޑރ. މުޙައްމަދު ޖަމީލް އަޙްމަދާއި، ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން ހޮވިފައިވާކަން ވެސް ޢިއުލާންކުރިއެވެ. އެ ބޭފުޅުން އެ މަގާމްތަކަށް ހޮވުނީ އެ މަގާމުތަކަށް އިތުރު މެމްބަރަކު ވާދަނުކުރުމުން އިންތިޚާބަކާއި ނުލައެވެ.
ޕީއެންއެފްގެ ފުރަތަމަ ޤައުމީ ޖަލްސާގައި އެ ޕާޓީގެ ސެނެޓަށް 14 މެމްބަރުން ހޮވާފައިވާއިރު، ޕާޓީގެ އިސް މަގާމުތަކަށް ވެސް ވަނީ މެމްބަރުން ހޮވާފައެވެ. މިގޮތުން ޕާޓީގެ އެސްޖީ އަކަށް ޔާމީން ސަރުކާރުގެ ޔޫތު މިނިސްޓަރު، މިދިޔަ އެމްޑީޕީ ސަރުކާރުގެ ޓެކެނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް، ޓްރެޝަރާގެ މަގާމަށް ޔާމީން ސަރުކާރުގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ މުހައްމަދު އަދި ރަޖިސްޓްރާއަކަށް އަލީ ޝިޔާން ނާޝިދު ވަނީ ހޮވާފައެވެ.
ޕީއެންއެފްގެ ސެނަޓަށް ހޮވާފައިވާ 14 މެމްބަރުންނަކީ، ގާނޫނީ ވަކީލު އާދަމް އާސިފް، އަހުމަދު ފަޔާޒް އަލީ (ޕާޕާ)، އަބްދުﷲ ސަމަދު (ސަމަދުބެ)، ޔާމީން ސަރުކާރުގެ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ނާއިފް ޝައުކަތު، ޔާމީން ސަރުކާރުގެ މިފްކޯގެ ވެރިޔާ އަދްލީ އިސްމާއިލް، ޔާމީން ސަރުކާރުގައި މުލިއާގޭގައި އިސްކޮށް އުޅުއްވި ފާތިމަތު ރަހްމާ، މުހައްމަދު މައިޒަރު އަހުމަދު ޒާހިރު، ޝަރީފާ ސައީދު، ހަލީމަތު ޒުހައިރާ، އަލީ ޝާހް، މުހައްމަދު އަބްދުއްލަތީފް، އަބްދުﷲ ސަހީލް ޖަލީލް، އައިޝަތު ހަފީޒް، ޑރ. އަބްދުﷲ އިބްރާހިމް އަދި އަބްދުﷲ ސަހީލް ޖަލީލެވެ.
ޕީއެންއެފް އުފެއްދުމުގެ ހުއްދަ އީސީގައި އެދުނީ 26 ނޮވެމްބަރު 2023 ގައެވެ. މި ޕާޓީ އުފެއްދުމަށްޓަކައި 3000 މީހުންގެ ސޮއި ހޯދުމާއި، ޕާޓީ އުފެއްދުމަށްޓަކައި ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުމުގެ ހުއްދަ  އީސީން ދީފައި ވަނީ 2003 ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. މި ޕާޓީ އިލެކްޝަން ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ރަޖިސްޓަރީކޮށްދީފައި ވަނީ 25 އޭޕްރިލް 2025 ގައެވެ.
 
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ