ބަސް ކުރިއެރުވުމަށް ކުޑަކުދިންނަށް ޚާއްސަ ކާޓޫން އުފެއްދުމުގެ ޤައުމީ މުބާރާތެއް ބާއްވަނީ

ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން އިޢުލާންކުރެއްވީ ޤައުމީ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް މިރޭ ޞަލާހުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. 
އެގޮތުން ރައީސް ވިދާޅުވީ، ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ތާރީޚު ކުދީންނަށް އުނގަންނައި ދިނުމުގައި ޒަމާނީ ގޮތްތައް ލިބިގަތުމަކީ މުހިންމު ކަމެއް ކަމަށެވެ. 
"ދުނިޔޭގެ އެހެނިހެން ބަސްތައް ދަސްކޮށްދޭން ވެސް ޒަމާނީ ޓެކްނޯލޮޖީ މެދުވެރިކޮށް އާ ގޮތްތައް އުފައްދަމުން އެބަދޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގައި ކުޑަކުދީން ބަލާނެ ކާޓޫނު ފިލްމު، ޤައުމީ އެކި ހާދިސާތަކުގެ ފިލްމު ނެތުމުން އެކަން ބައެއް ބޭފުޅުން ފާހަގަކުރައްވާ ކަމަށެވެ. އެކަމަށް ޙައްލު ގެނެސް ދެއްވުމުގެ ގޮތުން، އަންނަ އަހަރު ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަ ކުދީންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ބޮޑެތި އިނާމުތަކާއެކު ހުޅުވާލައްވާނެކަން އެމަނިކުފާނު ރޭ ވަނީ އިޢުލާންކުރައްވާފައެވެ.
"އެހެންވީމާ އަންނަ އަހަރު ބަހާއި ސަގާފަތާއި ތާރީހާއި ތަރިކައިގެ ދާއިރާއިން ކުޑަ ކުދީންނަށް ހާއްސަ ކުދި ފިލްމުތައް އުފެއްދުމުގެ ގައުމީ މުބާރާތެއް ބޮޑެތި އިނާމުތަކާއެކު ހުޅުވާލާނަން،"
ރައީސް ވިދާޅުވި އެވެ.
ޤައުމީ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް މިރޭ ޞަލާހުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
މީގެ އިތުރުން، ރޭ ނަތީޖާ ފާޅުކުރެވުނު މުބާރާތްތަކުގެ ތެރޭގައި ހިމެނޭ ދިވެހި ތާނައިގެ އަތުލިޔުމުގެ މުބާރާތް މިހާތަނަށް ކުރިއަށްގެންދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އިނާމު ލިބޭ މުބާރާތެއްގެ ގޮތުގައެއް ނޫން ކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ އަންނަ އަހަރުން ފެށިގެން ދިވެހި ތާނައިގެ އަތުލިޔުމުގެ މުބާރާތަކީ ޤައުމީ މުބާރާތެއްގެ ގޮތުގައި ކުރިޔަށް ގެންދަވާނެ މުބާރާތެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަން އިއުލާންކުރައްވާފައެވެ.
ރައީސް ވިދާޅުވީ، އަދަބީ މުބާރާތުގައި ބައިވެރިވި ކުދީންގެ ކިބައިގައިވާ ހުނަރަކީ ވަރަށް ބޮޑު އަމާނާތެއް ކަމަށެވެ. އެކުއްޖަކަށް ލިބިފައިވާ އަދަބީ ޤާބިލުކަން ދިވެހި ޤައުމާ އެއްކޮޅަށް އަބަދުވެސް ބޭނުން ކުރެއްވުމަށް ގޮވާލައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ