މޫޑީސްގެ ރޭޓިން އާ ގުޅިގެން ޒަމީރު: ސަރުކާރުގެ މަސައްކަތުން ރާއްޖޭގެ އިގްތިޞާދަށް ކުރާ އިތުބާރު އިތުރުވެއްޖެ
ސަރުކާރުގެ މިސްރާބު ހުރީ މާލީ ގައުމުގެ މާލީ ހާލަތު ހަރުދަނާކޮށް ދިގު މުއްދަތުގެ ކުރިއެރުމަށް އިސްކަން ދިނުމަށް ކަމަށާއި، ސަރުކާރުގެ މަސައްކަތުން ބޭރުގެ ފަރާތްތަކުން ރާއްޖޭގެ އިގްތިޞާދަށް ކުރާ އިތުބާރު އިތުރުވެއްޖެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ. ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އޭޖެންސީ މޫޑީސްއިން ރާއްޖޭގެ ދަރަނި ދެއްކުމުގެ ގާބިލުކަމަށް ބަލައި ދީފައިވާ ކްރެޑިޓް ރޭޓިން ސީއޭއޭ2ގައި ވަނީ ދަމަހައްޓައިފައެވެ. ނަމަވެސް ކުރިން އެ އޭޖެންސީން ރާއްޖެއަށް ދީފައިވާ 'ނެގެޓިވް އައުޓްލުކް' 'ސްޓޭބަލް'އަށް ވަނީ ބަދަލުކޮށްފައެވެ. މިކަމާ ގުޅިގެން 'އެކްސް'ގައި ޒަމީރު ލިޔުއްވި ޕޯސްޓުގައި ވަނީ، މި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ބޭރު ފައިސާގެ ލިކުއިޑިޓީ ރަނގަޅުވެ ރާއްޖެއަށް ޑޮލަރުން ލިބޭ އާމްދަނީ އިތުރުވެފައިވާ ކަމަށާއި، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ވަރުގަދަވެ، ދައުލަތުގެ ބަޖެޓުން ޚަރަދުކުރުމުގެ ސިޔާސަތު އެއްވާނެއްގައި ދެމެހެއްޓިފައިވާ ކަމަށެވެ. ސަރުކާރުން ކުރި މަސައްކަތުގެ ސަބަބުން ރާއްޖެއަށް ބޭރުން އަންނަ ޕްރެޝަރުތައް މަދުކުރެވި، ރާއްޖޭގެ އިގްތިޞާދުގެ މިސްރާބަށް ކުރާ އިތުބާރު އިތުރުވެއްޖެ ކަމަށް އެ ޕޯސްޓުގައި އޭނާ ލިޔުއްވާފައިވެއެވެ. އަދި ސަރުކާރުގެ މިސްރާބު ހުރީ ގައުމުގެ މާލީ ހާލަތު ހަރުދަނާކޮށް ދިގު މުއްދަތުގެ ކުރިއެރުމަށް އިސްކަން ދިނުމަށް ކަމަށް ވެސް އޭނާގެ އެ ޕޯސްޓުގައިވެއެވެ. https://x.com/MoosaZameer/status/1994013044243087565 މި ސަރުކާރުގައި މިދިޔަ ސެޕްޓެމްބަރު މަހު މޫޑީސްއިން ވަނީ ރާއްޖޭގެ ދަރަނި ބޮޑުވުމުގެ ނުރައްކާ ފާހަގަކޮށް، ރޭޓިން ސީއޭއޭ1އިން ސީއޭއޭ2އަށް ދަށްކޮށްފައެވެ. އެއަށްފަހު މިދިޔަ ޑިސެންބަރު މަހާއި މިދިޔަ މެއި މަހު ވެސް ސީއޭއޭ2ގައި އެ ރޭޓިން ދެމެހެއްޓިއެވެ. ރާއްޖޭގެ ރޭޓިން އަނެއްކާ ވެސް ސީއޭއޭ2ގައި ދެމެހެއްޓި، ނަމަވެސް ރާއްޖެއަށް ދީފައިވާ 'ނެގެޓިވް އައުޓްލުކް' 'ސްޓޭބަލް'އަށް ބަދަލުކުރިކަން އިއުލާންކޮށް ނެރުނު ބަޔާނުގައި މޫޑީސްއިން ބުނީ، އެ ބަދަލު ގެނައީ، ސަރުކާރުގެ އިސްލާހީ ފިޔަވަޅުތަކާއެކު ބޭރުގެ ފައިސާގެ ރިޒާވް އިތުރުކުރުމާއި ދަރަންޏާއި އިމްޕޯޓަށް ބޭނުންވާ ފައިސާ ހުންނަކަން ކަށަވަރު ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. https://sun.mv/214535 އެގޮތުން 2024ގައި ރިޒާވްތައް ދަށްވި ނަމަވެސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް)ގައި ހުރި ބޭރު ފައިސާ މިހާރު އިތުރުކޮށްފައިވާ ކަމަށް އެ އިދާރާއިން ފާހަގަކުރިއެވެ. ފަތުރުވެރިންތަކެއް ވެލާނާ އެއާޕޯޓުގައި: މޫޑީސްއިން ބުނީ މިދިޔަ މަހު ރާއްޖޭގެ ބޭރު ފައިސާ ރިޒާވް ސެޕްޓެމްބަރު މަހަށްވުރެ ކުރިއަރާފައިވާ ކަމަށް -- ފޮޓޯ/ އެއާޕޯޓު މޫޑީސްއިން ވަނީ، މިދިޔަ މަހު ބޭރު ފައިސާގެ ރިޒާވްގައި 859 މިލިއަން ޑޮލަރު ހުރި ކަމަށާއި އޭގެ ތެރޭގައި ތިން މަހުގެ އިމްޕޯޓަށް ފައިސާ ދެއްކޭ ވަރަށް ހުރި ކަމާށް ބުނެފައެވެ. އަދި އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ރިޒާވްގައި ހުރި 364 މިލިއަން ޑޮލަރާ އަޅައިބަލާއިރު ބޮޑު ކުރިއެރުމެއްކަން މޫޑީސްއިން ފާހަގަކުރިއެވެ. ހަމައެއާއެކު މިދިޔަ އަހަރު އެސްޑީއެފްގައި ހުރީ 15 މިލިއަން ޑޮލަރު ނަމަވެސް މި މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް އެ އަދަދު 126 މިލިއަން ޑޮލަރަށް އިތުރުވިކަން މޫޑީސްގެ ބަޔާނުގައިވެއެވެ. އެހެންކަމުން، މާލީ ގޮތުން ބަލާއިރު ރާއްޖެ މިހާރު އޮތީ ދަރަނި ދެއްކުމަށް ކުރިއަށް ވުރެ ރަނގަޅު ހާލަތެއްގައި ކަމަށް މޫޑީސްއިން ބުންޏެވެ. ނަމަވެސް، މިހާރު އޮތް ހާލަތަކީ އަދިވެސް މާލީ ގޮތުން އެންމެ ރަނގަޅު ހާލަތެއް ނޫންކަން މޫޑީސްއިން ފާހަގަކޮށްފައިވެއެވެ. އަދި ކްރެޑިޓް ރޭޓިން ސީއޭއޭ2ގައި ދަމަހައްޓަން ޖެހެނީ އެހެންވެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. މޫޑީސްގެ އައުޓްލުކް ހަތަރު ބަޔަކަށް ބެހިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ޕޮޒިޓިވް، ނެގެޓިވް، ސްޓޭބަލް އަދި ޑިވެލޮޕިން އެވެ. އޭގެ ތެރެއިން ކުރިން ރާއްޖެއަށް ދީފައި އޮތް 'ނެގެޓިވް' އައުޓްލުކްގެ މާނައަކީ ކްރެޑިޓް ރޭޓިން ދަށްކުރުމުގެ ފުރުސަތު ބޮޑު ކަމެވެ. އަދި މިހާރު ދީފައިވާ 'ސްޓޭބަލް' އައުޓްލުކްގެ މާނައަކީ، މެދުރާސްތާގައި ކްރެޑިޓް ރޭޓިންއަށް އެއްވެސް ބަދަލެއް އައުމުގެ ފުރުސަތު ކުޑަ ކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ