ބައި މިލިއަނެއްހާ ރުފިޔާ ހޯދަން ނާޒިމާ ދެކޮޅަށް އެޕޯލޯއިން ކޯޓަށް

އެޕޯލޯ ހޯލްޑިންގްސްއިން ކްރެޑިޓަށް ދޫކޮށްފައިވާ މުދަލުގެ އަގަށްވާ ބައި މިލިއަނެއްހާ ރުފިޔާ ހޯދަން، އެ ކުންފުނިން, ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ މައްޗަށް ހުށަހެޅި މައްސަލަ، ސެޓްލްމެންޓް އެއްބަސްވުމަކަށް ގޮސް ހައްލު ކުރުމަށް ކޯޓުން ފުރުސަތު ދީފިއެވެ. ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ މިއަދު ނިންމި މި މައްސަލައަކީ، އެޕޯލޯ ކުންފުނިން ނާޒިމްއަށް ކްރެޑިޑަށް ދޫކޮށްފައިވާ، 485،211.34 ރުފިޔ ގެ މުދަލުގެ އަގަށްވާ ފައިސާ އަދި އެ ފައިސާ ހޯދުމަށް ޓަކައި ކުރަން ޖެހުނު ގާނޫނީ މަސައްކަތަށް 25،000 ރުފިޔާ ހޯދުމަށް ހުށަހެޅި މައްސަލައެކެވެ. މިއީ މި އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ނުދައްކައި ހުރި ފައިސާކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މި މައްސަލައިގައި އެޕޯލޯ ކުންފުނިން އެދިފައިވަނީ އެ ފައިސާ، ފަސް މަސް ދުވަހަށް ބަހާލައިގެން އިންސްޓޯލްމެންޓް އުސޫލުން ދައްކަން ނާޒިމްގެ މައްޗަށް ހުކުމް ކުރުމަށެވެ. އެ އެދުމަށް، ނާޒިމްގެ ފަރާތުން އެއްބަސްވެ، ސެޓްލްމެންޓް އެއްބަސްވުމަކަށް ދެ ފަރާތުން ދިޔުމުން، ކޯޓުންވަނީ އެޕޯލޯ ކުންފުނިން އެދުނު ގޮތަށް މައްސަލަ އަނބުރާ ފޮނުވާލާފައެވެ. އެކަމަކު އެއީ، އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކައިފިނަމަ އަލުން މައްސަލަ ހުށަހެޅޭ ގޮތަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ޑިފެންސް މިނިސްޓަރުކަން ކުރެއްވި މުހައްމަދު ނާޒިމް ހައްޔަރުކޮށް ޖަލަށް ލުމުން ޕްރިމިއާ ޗެމްބާސް އިން ފޯރުކޮށްދިން ގާނޫނީ ހިދުމަތަށް ނާޒިމްގެ އަތުން 1.3 މިލިއަން ރުފިޔާ ހޯދަންވެސް ކުރިން ދައުވާއެއް ކުރިއެވެ. އެކަމަކު ލިބެންޖެހޭ ކަމަށް އެ ލޯ ފާމުން ބުނާ 1.3 މިލިއަން ރުފިޔާ އަކީ ދޭންޖެހޭ ފައިސާއެއް ކަމަށް ސާބިތުނުވާ ކަމަށް ފަސް އަހަރު ފަހުން ސިވިލް ކޯޓުން ހުކުމް ކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ