ފާޑުކިޔުން ބޮޑުވި، ސްޕީޑު ބްރޭކަރުތައް އެންމެ ފަހުން ނަގަން ފަށައިފި

ހުޅުމާލޭގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ ސްޕީޑް ކޮންޓްރޯލް ކުރުމަށްޓަކައި، އެ އަވަށް ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މި ފަހުން ހަރުކުރި ކުދި ސްޕީޑް ބްރޭކަރުތަކަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް, އޭގެ ތެރެއިން ބައެއް އެއްޗެހި ނަގަން ފަށައިފިއެވެ. މިދިޔަ ސެޕްޓެންބަރު މަހުގެ ފަހު ކޮޅުން ފެށިގެން ހުޅުމާލޭގެ މަގުތަކުގައި ހަރުކުރީ, ޕްލާސްޓިކުން ހަދާފައިވާ ކުދި ސްޕީޑް ބްރޭކަރުތަކެކެވެ. ކިތަންމެ މަޑުން ދުއްވާފައި ދާ ވެހިކަލެއް ވެސް އެ ބްރޭކަރު މަތިން ހުރަސް ކުރާއިރު މުޅި އުޅަނދަށް ލޮޅުން އަރައެވެ. https://sun.mv/211958 މިއީ މީހުންގެ ހަށިގަނޑަށާއި ވެހިކަލްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބޭފަދަ ބްރޭކަރުތަކެއް ކަމަށް ބުނެ، އެ ހަރުކުރަން ފެށި ދުވަހުން ފެށިގެން އާއްމުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް ސިއްހީ ތަޖުރިބާކާރުން ވެސް ދިޔައީ އެއީ ރައްކާތެރި ބްރޭކަރުތަކެއް ނޫން ކަމަށާއި އޭގެ ސަބަބުން މީހުންގެ މައިބަދަފަދަ ނާޒުކު ގުނަވަންތަކަށް އަސަރުކުރާނެ ކަމަށް އިންޒާރުދެމުންނެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިހާރު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގައި ވެސް އެތައް ބަޔަކު އަންނަނީ އެ ބްރޭކަރުތަކުގެ ޝަކުވާ ހުށަހަޅަމުންނެވެ. އެންމެ ފަހުން އެޗްޑީސީން މި ވަނީ އެފަދަ ބައެއް ބްރޭކަރުތައް ނަގަން ފަށައިފައެވެ. އެގޮތުން، ރޭ ދަންވަރުން ފެށިގެން ވެސް އެފަދަ ބައެއް ބްރޭކަރުތައް ނަގާ މަންޒަރު "ސަން"ގެ މުވައްޒަފުންނަށް ވަނީ ފެނިފައެވެ. ހުޅުމާލޭ މަގުމަތީ ހަރުކޮށްފައި ހުރި ސްޕީޑް ބްރޭކަރެއް ނަގައިފައި-- ފޮޓޯ: އިބްރާހީމް އާޒިމް މި ބްރޭކަރުތައް ނަގާ ސަބަބާއި މީގެ ބަދަލުގައި ދެން ހަރުކުރާނެ ބްރޭކަރުތަކުގެ މައުލޫމާތު ހޯދުމަށް އެޗްޑީސީގެ މީޑިއާ އޮފިޝަލާ ގުޅަން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. ރާއްޖޭގައި އާއްމުކޮށް ސުޕީޑް ބްރޭކަރުތައް ހަދަނީ ސިމެންތި ބޭނުންކޮށްގެންނެވެ. އާއްމު ދުވެލީގައި ދުއްވާފައި ދާނަމަ އެ ބްރޭކަރުތަކުން އެއްވެސް ނުރައްކަލެއް ކުރިމައްޗެއް ނުވެއެވެ. ހުޅުމާލޭގެ މަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގައި، ބައެއް މީހުންގެ ފުރާނަ ގެއްލިފައިވެއެވެ. އެފަދަ އެކްސިޑެންޓުތައް މަދުކުރުމަށް ޓަކައި އެޗްޑީސީން މިދިޔަ އަހަރު ހުޅުމާލޭގެ މަގުތަކަށް ބަދަލުތައް ގެނެސް، ވަށްބުރުތަކާއި ސައިން ބޯޑުތައް އިތުރުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ