ލަންކާއަށް އެރި ބާރުގަދަ ތޫފާނާއިއެކު އެގައުމަށް ލިބުނު ބޮޑު ގެއްލުންތަކަށް އެހީވުމުގެ ގޮތުން މޯލްޑިވްސް ކަސްޓަމްސްގެ މުވައްޒަފުންގެ ފަރާތުން އެގައުމަށް އެލައްކައަށްވުރެ ގިނަ ދިވެހި ރުފިޔާ ހަދިޔާކޮށްފި އެވެ.
ކަސްޓަމްސް މުވައްޒަފުންގެ ފަރާތުން ދޭ އެހީގެ ރަމްޒީ ޗެކު ހަވާލުކުރުމަށް އިއްޔެ ރާއްޖޭގައި ހުންނަ ސްރީލަންކާގެ ހައިކޮމިޝަނުގައި ވަނީ ޚާއްސަ ހަފްލާއެއް ބާއްވާފައި އެވެ.
މި ހަފްލާގައި ކަސްޓަމްސް މުވައްޒަފުންގެ ފަރާތުން ހަދިޔާކުރާ 135،700 ދިވެހި ރުފިޔާގެ ރަމްޒީ ޗެކު ސްރީލަންކާގެ ސަފީރާއި ހަވާލުކޮށްދެއްވީ ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުން ކަމަށްވާ އިބްރާހިމް މަފާޒު އާއި މަހްމޫދު ރިޒާއެވެ. ސްރީލަންކާ ސަރުކާރުގެ ފަރާތުން މި ރަމްޒީ ޗެކާއި ހަވާލުވެވަޑައިގެންނެވީ ސަފީރު މުހައްމަދު ރިޒްވީ ހަސަން އެވެ.
"ޑިތުވާ" ތޫފާނުގެ ސަބަބުން ސްރީލަންކާއަށް ދިމާވި ކާރިސާއާ ގުޅިގެން ހާލުގައި ޖެހުނު އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން ރަސްމީގޮތުންވެސް ވަނީ ބޮޑު އެހީއެއް ލަންކާއަށް ފޯރުކޮށްދީފައި އެވެ. އެގޮތުން 50،000 އެމެރިކާ ޑޮލަރުގެ ފައިސާގެ އެހީގެ އިތުރުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޑެޓް (މިފްކޯ) އިން އުފައްދާފައިވާ 25،000 ކޭސް މަސްދަޅު ވަނީ ފޯރުކޮށްދީފައި އެވެ.
މީގެ އިތުރުން ޕަބްލިކް ސަރވިސް މީޑިއާ އާއި ރާއްޖޭގެ ގިނަ އަމިއްލަ މީޑިއާ ގުޅިގެން ބޭއްވި ޓެލެތޯނުން ލިބުނު 834,843.98 އެމެރިކާ ޑޮލަރުގެ އެހީވެސް މިހާރު ވަނީ ރަސްމީކޮށް ލަންކާ ސަރުކާރާއި ހަވާލުކޮށްފައި އެވެ.
ކަސްޓަމަސްގެ މުވައްޒަފުންގެ ފަރާތުން ސްރީލަންކާއަށް 135,700 ރުފިޔާގެ އެހީއެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ