ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުން ޕްރެކްޓިސް ފަށައިފި ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުން ޕްރެކްޓިސް ފަށައިފި

އަންނަ މަހު ތައިލެންޑުގައި ބާއްވާ ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ރޭ ޕްރެކްޓިސް ފަށައިފި އެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދެ ދަނޑުގައި ރޭ ގައުމީ ފުޓްސަލް ޓީމުން ޕްރެކްޓިސް ފެށީ ޕްރިލިމިނަރީ ބޮޑު ސްކޮޑަކާ އެކު އެވެ.
އެ ގޮތުން، ރޭ ޕްރެކްޓިސް ފެށީ ޓީމުގެ ހެޑް ކޯޗަކަށް ހަމަޖެއްސި އުޒްބެކިސްތާންގެ ތަޖުރިބާކާރު ކޯޗު، ފާރޫގު ޒަކިރޯވް ނެތި އެވެ. އެފްއޭއެމް އިން ބުނީ، ވަރަށް އަަވަހަށް ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވާނެ އެވެ.
ފުޓްސަލް ޓީމުގެ ޕްރެކްޓިސްތައް ފެށުމުގެ ކުރިން، އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ވަނީ ސްކޮޑާ ބައްދަލުކޮށް ވާހަކަ ދައްކައިފަ އެވެ. ތޯރިގުއާ އެކު، އެފްއޭއެމްގެ ފުޓްސަލް ކޮމިޓީގެ މެމްބަރުންގެ އިތުރުން ލީޑަޝިޕްގެ ބައެއް މެމްބަރުން ބައިވެރިވި އެވެ.
ރޭގެ ޕްރެކްޓިހުގައި، ފުޓްސަލް ޓީމުގައި ހަރަކާތްތެރިވި ކޯޗުންނަކީ، އެންމެ ފަހުން ބޭއްވި އޭޝިއަން ކަޕް ކޮލިފައިންގައި ހެޑްކޯޗަކަށް މަސައްކަތް ކުރި، އަހުމަދު ނިޔާޒް (ނިޔާ) އާއި އެސިސްޓަންޓް ކޯޗު، މުހައްމަދު ފުހައިދު (ޓޯޑު)ގެ އިތުރުން، މުހައްމަދު އިހުސާން (ލިއުބީ) އެވެ.
ރޭ ބޭއްވި ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިހުގެ ތެރެއިން.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
ސާފުން އަންހެން އަދި ފިރިހެން ޓީމުތަކަށް ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް ތާވަލުކޮށްފައިވަނީ، ޖެނުއަރީ މަހުގެ 13-26 އަށް ތައިލެންޑުގައި ކުރިއަށްގެންދާ ގޮތަށެވެ. މިއީ، ސާފް އިން މި ސަރަހައްދުގެ ގައުމުތަކަށް ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ. ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން މި ސަރަހައްދުގެ ގައުމުތަކުގެ މެދުގައި "ސާފް ފުޓްސަލް ޗެމްޕިއަންޝިޕް"ގެ ނަމުގައި ބާއްވާ މުބާރާތް ލީގު ފޯމެޓަށް ކުރިއަށްގެންދަން ނިންމައި، މުބާރާތުގެ ގުރުއަތުލުން ވަނީ ބާއްވައިފަ އެވެ.
މި ފަހަރުގެ މުބާރާތުގައި، ސާފްގެ ހުރިހާ ގައުމެއް އަންހެން އަދި ފިރިހެން ޑިވިޝަނުގައި ވެސް ވާދަކުރާނެ އެވެ. އެ ގޮތުން، ފިރިހެން ޑިވިޝަނުގެ މުބާރާތުގައި ރާއްޖޭން ކުޅޭ ފުރަތަަމަ މެޗުގައި ޖެނުއަރީ 14 ވަނަ ދުވަހު ޕާކިސްތާނާ ބައްދަލުކުރާނެ އެވެ. ދެ ވަަަނަ މެޗުގައި ޖެނުއަރީ 16 ވަނަ ދުވަހު ބަންގްލަދޭޝާ ކުޅުމަށް ފަހު، ތިން ވަނަ މެޗުގައި ޖެނުއަރީ 20 ވަނަ ދުވަހު، އިންޑިއާއާ ކުޅޭނެ އެވެ. އަދި، ހަތަރު ވަނަ މެޗުގައި ޖެނުއަރީ 22 ވަނަ ދުވަހު ނޭޕާލާ ކުޅުމަށް ފަހު، ފަސް ވަނަ މެޗުގައި ޖެނުއަރީ 24 ވަނަ ދުވަހު، ބޫޓާނާ ކުޅުމަށް ފަހު، މުބާރާތުގައި ރާއްޖޭން ފަހު މެޗުގައި، ޖެނުއަރީ 26 ވަަނަ ދުވަހު ބައްދަލުކުރާނީ، ސްރީ ލަންކާއާ އެވެ.
ގައުމީ އަންހެން ފުޓްސަލް ޓީމުގެ ޕްރެކްޓިސްތައް ފަށާނީ މިހާރު ކުރިއަށްދާ އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގެ މެޗުތައް މި މަހުގެ 23 ވަނަ ދުވަހު ނިމުމުންނެވެ.
ސާފްގެ އަންހެން ޑިވިޝަނުގައި ރާއްޖޭން ފުރަތަމަ މެޗުގައި، ޖެނުއަރީ 13 ވަނަ ދުވަހު އިންޑިއާއާ ކުޅޭނެ އެވެ. ދެ ވަނަ މެޗުގައި، ޖެނުއަރީ 15 ވަނަ ދުވަހު ނޭޕާލާ ކުޅުމަށް ފަހު، ތިން ވަނަ މެޗުގައި، ޖެނުއަރީ 17 ވަނަ ދުވަހު ޕާކިސްތާނާ ކުޅުމަށް ފަހު، ހަތަރު ވަނަ މެޗުގައި ޖެނުއަރީ 21 ވަނަ ދުވަހު ބޫޓާނާ ބައްދަލުކުރާނެ އެވެ. ފަސް ވަނަ މެޗުގައި، ޖެނުއަރީ 23 ވަނަ ދުވަހު ބޫޓާނާ ކުޅުމަށް ފަހު، ފަހު މެޗުގައި ޖެނުއަރީ 25 ވަަނަ ދުވަހު ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.
މިއީ، ރާއްޖޭގެ ގައުމީ އަންހެން ފުޓްސަލް ޓީމެއް ބައިނަލްއަގުވާމީ މުބާރާތެއްގައި ކުޅޭ ފުރަތަމަ ފަަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ