މަޖިލިސް އަޑުއަހަން އާންމުން ވަނުމުގެ އުސޫލު އިސްލާހުކޮށް ފިޔަވަޅު އެޅޭ ގޮތް ހަދަނީ

ރައްޔިތުންގެ މަޖިލީހުގައި އޮންނަ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތަކަށް ވަދެވޭގޮތަށް މަޖިލީހުގެ ގަވާއިދުގައި އޮންނަ އުސޫލު އިސްލާހުކޮށް، އެ އުސޫލާ ހިލާފުވާ ނަމަ ފިޔަވަޅު އެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މިކަން މަޖިލީހުން ހާމަކުރީ މީޑިއާ ރެގިއުލޭޓުކުރުމުގެ ނަމުގައި، މީޑިއާތަކާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވާ ގޮތަށް ހަދާފައިވާ މީޑިއާ ކޮންޓްރޯލު ބިލު ފާސްކުރި ވޯޓަށް ފަހު އެވެ.
މަޖިލިސް ޗުއްޓީގައި އޮއްވާ، ސީދާ މި ބިލު ފާސްކުރަން ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި މި ބިލު ފާސްކޮށްފައިވަނީ ވެރިކަންކުރާ ޕީއެންސީގެ ފުރިހަމަ ތާއީދާ އެކު 60 މެންބަރެއްގެ ވޯޓުންނެވެ.
ތަފްސީލް - ވޯޓަށް ފަހު މަޖިލިސް ނިންމާލައްވަމުން ރިޔާސާތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ބިލުގެ ކޮމިޓީ މަރުހަލާ ކުރިއަށްދިޔައިރު ކޮމިޓީ އަޑުއަހަން ވަންނަން ފުރުސަތު ދިން މީހުން ކޮމިޓީގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށާއި މަޖިލީހުގެ ކަރާމަތަށް އަދި އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް އަމަލުކޮށްފައިވާކަން ބަޔާންކޮށް މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.
އެ މައްސަލަ މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުވަން ގަސްތުކުރާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެ މައްސަލަ ކޮމިޓީއަށް ފޮނުވަނީ އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަކަށް މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އެއީ މިފަދަ ކަމެއް ތަކުރާރުނުވާނެ ގޮތަކަށް މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމަށާއި މަޖިލީހަށް މެހުމާނުންގެ ގޮތުގައި ހާޒިރުވާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައަޅައި އެކަންކަމާ ހާޒިރުވާ ފަރާތްތަކުން ހިލާފުވެއްޖެ ނަމަ އަޅާނެ ފިޔަވަޅުތައް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރުމަށް ދެވޭ އިރުޝާދެއް،" ނާޒިމް ވިދާޅުވި އެވެ.
އެނގުން މުހިއްމު - މީޑިއާ ބިލު ދިރާސާކުރަމުންދިޔައިރު ކޮމިޓީ ބައްދަލުވުންތައް އަޑުއަހަން ވަތް ނޫސްވެރިން ބުނާގޮތުގައި، ކޮމިޓީތަކުގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް އެއްވެސް ކަމެއް އެ މީހުން ކޮށްފައެއް ނުވާނެ އެވެ. ކޮމިޓީގެ އިއްޔެ ބައްދަލުވުމުގައި ހިތްހަމަނުޖެހުން ފާޅުކޮށް ކަންބޮޑުވުންތައް އިއްވާފައިވެ އެވެ. ނޫސްވެރިން ކަންބޮޑުވުން ފާޅުކުރީ، ބިލުގައި ހުރި މައްސަލަތައް ފާހަގަކޮށް ނޫސްވެރިންގެ ފަރާތުން ހުށަހެޅި ޕެޓިޝަނާ މެދު ގޮތެއް ނުނިންމާ، އާ އިސްލާހުތަކަކާ އެކު އެ ބިލު ފާސްކުރަން ކޮމިޓީން މަސައްކަތް ކުރުމުންނެވެ. ނޫސްވެރިން އެދެމުން ދިޔައީ ޕެޓިޝަނާމެދު ގޮތެއް ނިންމުމަށާއި އަލަށް ހުށަހަޅާފައިވާ އިސްލާހުތަކުން ވެސް ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭތީ އެ ބިލު ބޭރުކުރުމަށެވެ. ނޫސްވެރިންގެ އިތުރުން ޕެޓިޝަން ކޮމިޓީގެ ބައެއް މެންބަރުން ވެސް އެތަނަށް ވަދެ އެ ކަންބޮޑުވުން ފާޅުކުރި އެވެ.
މީގެ އިތުރުން، ކޮމިޓީގައި ނުހިމެނޭ ޕީއެންސީ ބައެއް މެންބަރުން އެތަނަށް ވަދެ ހަމަނުޖެހުން އުފައްދާފައިވެ އެވެ. އެގޮތުން ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރާއި ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރު ވާހަކަދައްކަވަމުން ދަނިކޮށް، ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން އިމްރާން ލަތީފް ވަނީ ކޮމިޓީގެ މައިކެއް ހަލާކުކޮށްލާފަ އެވެ. 
އެނގުން މުހިންމު - މަޖިލީހުގެ ކޮމިޓީތައް ހިނގަމުންދާ ވަގުތުތަކުގައި އެ ކޮމިޓީއަކަށް ނޫސްވެރިންނާއި އާންމުންގެ އިތުރުން ބިދޭސީންނަށް ވެސް ވަދެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދު ބުނެ އެވެ. މަޖިލީހަށް އާންމުންނާއި ނޫސްވެރިން ވަންނަން ބޭނުންވެއްޖެ ހިނދެއްގައި އެކަން މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ޒިންމާގެ ދަށުން ހަމަޖައްސައިދޭންޖެހޭނެ ކަމަށް ގަވާއިދު ބުނެ އެވެ. މިފަދަ މީހުން އެ ކޮމިޓީތަކުގައި ދައްކާ ވާހަކައަކުން ނުވަތަ ފާޅުކުރާ ހިޔާލަކުން އެ މީހުންގެ މައްޗަށް ފިޔަވަޅު އެޅުމެއް ގަވާއިދުގައި މިހާރަކު ނުހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ