އިންޑޮނޭޝިއާގެ ކުރީގެ ހުދުމުހުތާރު ވެރިޔާ ސުހާޓޯއަށް ގައުމީ ބަތަލުންގެ ލަގަބު އަރުވައިފި

ޑިކްޓޭޓަރެއްގެ ގޮތުގައި ބެލި އަދި އޭނާގެ ވެރިކަމުގައި އޭނާއާ ދެކޮޅަށް ގިނަ ބަޔަކު މުޒާހަރާ ކުރި، 2008ގައި އަވަހާރަވި އިންޑޮނޭޝިއާގެ ކުރީގެ ރައީސް ސުހާޓޯއަކީ ގައުމީ ބަތަލެއް ކަމަށް އެ ގައުމުން ކަނޑައަޅައިފި އެވެ.
އިންޑޮނޭޝިޔާގައި 1960ގެ އަހަރުތަކުން ފެށިގެން 1990ގެ އަހަރުތަކާ ހަމައަށް އޮތީ ސުހާޓޯގެ ވެރިކަމެވެ. އެއީ އިންޑޮނޭޝިއާ ދުށް އިގުތިސާދީ ދުވެލި ހަލުވެލީގެ ދުވަސްވަރެވެ. ނަމަވެސް އަނިޔާވެރިކަން އޮތީ ހައްދުން ނައްޓައިފަ އެވެ. އެ މުއްދަތުގެ ތެރޭގައި ސިޔާސީ ހިޔާލު ތަފާތުވާ އެތައް ހާސް ބަޔަކު މަރާލި ކަމަށް ތުހުމަތު ކުރެ އެވެ.
ގައުމީ ބަތަލުގެ އެވޯޑަކީ ގައުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އެ ފަރާތްތަކަށް ކޮންމެ އަހަރަކު ވެސް ދެމުން އަންނަ އެވޯޑެކެވެ.
ސުހާޓޯގެ ކުރީގެ ދަނބިދަރިކަލުން އަދި އިންޑޮނޭޝިއާގެ މިހާރުގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ އިސްވެ ހުންނަވައިގެން ބޭއްވި ރަސްމިއްޔާތުގައި އެ ލިސްޓަށް އަލަށް އިތުރު ކުރި 10 ބޭފުޅުންގެ ތެރޭގައި ސުހާޓޯ ވެސް ހިމެނެ އެވެ.
އިންޑޮނޭޝިއާގެ މިނިސްޓްރީ އޮފް ސޯޝަލް އެފެއާޒް އެންޑް ކަލްޗާ އިން މިދިޔަ މަހު އެ އެވޯޑް ދިނުމަށް އެކުލަވާލި 50އަށް ވުރެ ގިނަ ބޭފުޅުންގެ ތެރޭގައި ސުހާޓޯ ހިމެނެ އެވެ.
އެ އެވޯޑް ސުހާޓޯގެ ބޭފުޅުންނާ ހަވާލުކުރީ އިއްޔެ ޖަކާޓާގެ ސްޓޭޓް ޕެލަސްގަ އެވެ.
އިންޑޮނޭޝިއާގެ މިނިވަންކަމަށް މަސައްކަތް ކުރި ދުވަސްވަރު ސުހާޓޯ މަޝްހޫރުވެގެން ދިޔަ އެވެ. އަދި 1945 ވަނަ އަހަރު ޔޯގްޔަކާޓާގައި ކުރި ހަނގުރާމައެއްގައި ޖަޕާނު ސިފައިން ހަތިޔާރު ބަހައްޓައި ފަހަތަށް ޖެއްސުމުގައި އިސް ދައުރެއް އަދާކުރެއްވީ ސުހާޓޯ ކަމަށް، އެ އެވޯޑު ދިނުމުގެ ރަސްމިއްޔާތު ކުރި ލައިވް ސްޓްރީމުގައި ރައީސް އޮފީހުން ބުންޏެވެ.
ނަމަވެސް ސުހާޓޯއަކީ ގައުމީ ބަތަލުންގެ ގޮތުގައި ބަލައިގަތުމަށް މަދަނީ މުޖްތަމައުގެ ފަރާތުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.
ސުހާޓޯގެ ނޮމިނޭޝަންއާ ދެކޮޅަށް މިދިޔަ ހަފުތާގައި ޖަކާޓާގައި 100އެއްހާ މީހުން އެއްވި އިރު، 16،000އަށް ވުރެ ގިނަ މީހުން ވަނީ އޮންލައިން ޕެޓިޝަނެއްގައި ސޮއިކޮށްފަ އެވެ.
އޭނާ 1965 ވަނަ އަހަރު ބާރު ހޯދަން ކުރި ލޭ އޮހޮރުވުމަށް އޭނާ ވަނީ ތައުރީފުކޮށްފަ އެވެ. އެެއީ އިންޑޮނޭޝިއާގެ ތާރީހުގައި 500،000އަށް ވުރެ ގިނަ ކޮމިއުނިސްޓުން މަރާލި ދުވަސްވަރެވެ.
އޭނާގެ ވެރިކަމުގެ 30 އަހަރަކީ އަނިޔާވެރިކަމުގެ 30 އަހަރެވެ. އަމިއްލަ ފަރުދުން ގެއްލުވާލުމާއި މަދަނީ މިނިވަންކަން ނިގުޅައިގަތުމުގެ އިތުރަށް މީގެ 50 އަހަރު ކުރިން އޭނާ އިރުމަތީ ޓިމޯރަށް އަރައިގަތުމަކީ ފިނި ހަނގުރާމައިގެ ދުވަސްވަރު ހިންގި އެންމެ އަނިޔާވެރި އަސްކަރީ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހަނގުރާމަ އެކެވެ.
ސުހާޓޯ އެންމެ ފަހުރުވެރި ލަގަބަކީ ތަރައްގީގެ ބައްޕަ އެވެ. ނަމަވެސް އޭނާގެ ވެރިކަމުގައި އެތައް ބިލިއަން ޑޮލަރެއް ލޫޓުވާލި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ވަނީ ކޮށްފަ އެވެ.
އޭގެ ފަހުން 1998 ވަނަ އަހަރު އޭނާއަށް އިދިކޮޅުން ކުރިމަތި ކުރުވި ޕްރެޝަރާ އެކު،  މަގާމުން އިސްތިއުފާ ދެއްވައި ބަދަލަށް ފުރުސަތު ދެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ