ސަރުކާރު ޓެކްސީ ލައިންގެ ހިދުމަތް ފެށުން އަނެއްކާވެސް ފަސްވެއްޖެ، ހިދުމަތް ފެށޭނީ އަންނަ އަހަރު ސަރުކާރު ޓެކްސީ ލައިންގެ ހިދުމަތް ފެށުން އަނެއްކާވެސް ފަސްވެއްޖެ، ހިދުމަތް ފެށޭނީ އަންނަ އަހަރު

ސަރުކާރުން ޓެކްސީ ކުރުމުގެ ވިޔަފާރީގެ ތެރެއަށް ވަންނަން ނިންމައި މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި ފަށާނެ ކަމަށް ބުނި ޓެކްސީ ލައިނުގެ ހިދުމަތް ފެށޭނީ އަންނަ ޖެނުއަރީ ހިސާބުގައި ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މަޖިލީހަށް މިއަދު ހާޒިރުވެވަޑައިގެން މެންބަރުންނަށް ޖަވާބުދާރީވެވަޑައިގަންނަވަމުން އަމީން ވިދާޅުވީ ސަރުކާރުގެ ޓެކްސީ ލައިނަށް ގެންނަން ނިންމާފައި ވަނީ އިލެކްޓްރިކް ވެހިކަލް ކަމަށެވެ. ނަމަވެސް ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވާތީ ވައިގެ ތެރޭގައި ލޮނުގެ އަސަރު ގިނަކަމުން ވެހިކަލްތަކަށް މޮޑިފިކޭޝަންތަކެއް ގެންނަޖެހޭ ކަމަށެވެ. ޓެކްސީ ލައިން ފެށުމުގައި ލަސްކަމެއް އަންނަނީ އެ ސަބަބާހުރެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ލޮނުގެ އަސަރު ކުރާ ސަރަހައްދަކަށްވެފައި އަޅުގަނޑުމެންނަކީ އައިލެންޑް ނޭޝަންއަކަށް ވީމާ، މީގެ މޮޑިފިކޭޝަންސްތަކެއް އުފައްދާ ފަރާތްތަކުން ކޮންމެވެސް ވަރަކަށް ގެންނަންޖެހޭތީ އެ ބަދަލާ އެކީގައި ކުޑަ ލަސްވުމެއް މި އަންނަނީ، އެކަމަކު ވެސް އިރާދަކުރެއްވިއްޔާމުން މި އަހަރު ނިމޭ ހިސާބުގައި ނޫނިއްޔާމުން ޖެނުއަރީ ހިސާބުގައި ތިޔަ ވިދާޅުވި ޓެކްސީ ލައިނުގެ ހިދުމަތް ފެށިގެން ދާނެ،" އަމީން ވިދާޅުވި އެވެ.
ޓެކްސީ ލައިނަށް ބޭނުންވާ ކާރުތައް ގެންނަން ހަވާލުކޮށްފައި އޮތީ އެމްޓީސީސީއާ އެވެ. އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 80 މިލިއަން ރުފިޔާ ހަރަދުކޮށްގެން 100 ކާރު ގެންނާނެ ކަމަށެވެ. އެއިރުން ކާރަކަށް އަށް ލައްކަ ރުފިޔާ ޖެހޭނެ އެވެ.
ރަސްމީކޮށް ރަޖިސްޓްރީކޮށްގެން މާލޭގައި 1590 ޓެކްސީ ދުއްވަ އެވެ. އޭގެ އިތުރުން، މޯބައިލް އެޕްލިކޭޝަންތައް މެދުވެރިކޮށް ރަސްމީކޮށް ރަޖިސްޓްރީނުކޮށް ވެސް ވަރަށް ގިނަ ބަޔަކު ޓެކްސީ ހިދުމަތް ދެ އެވެ.
ޓެކްސީ ޑްރައިވަރުން ބުނަނީ ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ފެށުމުން މިހާރު އެ މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކަށް ވަރަށް ބޮޑެތި ގެއްލުން ލިބޭނެ ކަމަށެވެ. ސަރުކާރުގެ ޓެކްސީ ލައިނެއް ފެށުމާ ދެކޮޅަށް މާލޭގައި ޓެކްސީ ދުއްވާ މީހުން އިހުތިޖާޖެއް ވެސް ކުރި އެވެ.
ސަރުކާރުން އެންމެ ފުރަތަމަ ބުނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ޓެކްސީ ލައިނު ފަށާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ އިރާދަކުރެއްވިއްޔާމުން ޖޫން މަސް ނިމި ޖުލައި މަހުގެ ފުރަތަމަ ހަފުތާގަ މި ހިދުމަތް ތައާރަފުވެގެންދާނެ ކަމަށް،" ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އަމީން ވިދާޅުވެފައިވެ އެވެ.
އޭގެ ފަހުން ޖޫން މަހުގެ ތެރޭގައި ހަމަ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އަމީން ވިދާޅުވީ، އޯގަސްޓު މަހުގެ ފަހުކޮޅު ޓެކްސީ ލައިނުގެ ހިދުމަތް ފެށޭނެ ކަމަށެވެ. އެކަމަކު ހިދުމަތް ފަށާނެ ވަކި ތާރީހެއް އޭނާ ނުދެއްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ