ޖާބިރުގެ ތައުރީފާއި ތާއީދު ރައީސް މުއިއްޒަށް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުالله ޖާބިރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފި އެވެ.
ޕީއެންސީގެ މައި ޖަގަހަ ކައިރި ހުންނަވާ ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ މުޅި ރާއްޖެއަށް ރައީސް ގެނެސްދެއްވާ ތަރައްގީ ވަރަށް ގާތުން ބަލަމުންދާ ކަމަށާއި މި ސްޕީޑުގައި މަޝްރޫއުތައް ކުރިއަށްގެންދެވިއްޖެނަމަ ރައްޔިތުން ބޭނުންވާ ހުރިހާ ލަނޑުދަނޑިތަކެއް ރައީސް ހާސިލް ކޮށްދެއްވާނެ ކަމަށެވެ.
އަދި ގައުމު ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނުމަށް ރައީސް ކުރައްވަމުންގެންދާ މަސައްކަތަށް ތާއީދުކުރައްވާ ކަމަށާއި އެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ޖާބިރު ވިދާޅުވި އެވެ.
"ރާއްޖެ ބަނގުރޫޓުވާން ކައިރިވެފައި އޮއްވާ ނަގާ ކޮޅަށް ޖަހަން ރައީސް ޑރ. މުއިއްޒު އެ ކުރައްވާ މަސައްކަތަށް އަޅުގަނޑުގެ ހަމަ ފުރިހަމަ އެއްބާރުލުމާއި ތާއީދު އެބައޮތް. އަދި އަޅުގަނޑު ޔަގީނުންވެސް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވެސް ކުރާނަން. އަދި އެކަމުގައި އެއްބާރުލުން ދޭނެކަން ކަށަވަރު،" ޖާބިރު ވިދާޅުވި އެވެ.
މިވަގުތު ސިޔާސީ ދާއިރާއާ ދުރުގައި ހުންނެވި ޖާބިރު އެންމެފަހުން ހުންނެވީ އެމްޑީޕީގަ އެވެ. އެންމެފަހުން ބޭއްވި މަޖިލީސް އިންތިހާބުގައި ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓުގައި ވާދަކުރަން ޖާބިރު ޕްރައިމަރީ ކާމިޔާބުކޮށްފައިވަނިކޮށް އޭނާގެ އަހުލާގީ މައްސަލައެއް ބެލުމަށް ފަހު އެމްޑީޕީން ވަނީ ޖާބިރު އެ ޕާޓީން ވަކިކޮށްފަ އެވެ.
އަމިއްލަ ގޮތުން ކާށިދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ޖާބިރު ވާދަކުރެއްވި ނަމަވެސް އޭނާއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފަ އެވެ. ޖާބިރު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ޑީއާރުޕީގެ ލީޑަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް މެންބަރުން ހަމަނުވާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ އުވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ