މި ސަރުކާރުން ދޭ މައާފެއް ބޭނުމެއް ނޫން: ޔާމީން
މި ސަރުކާރުން ދޭ މައާފެއް ބޭނުންފުޅު ނުވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ. ސިލްސިލާކޮށް ބާއްވަމުން އަންނަ ޕީއެންއެފް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވަނީ ޝަރުއީ ނިޒާމުގެ ތެރެއަށް ސަރުކާރުން ފޯރުވަމުން އަންނަ ނުފޫޒުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ. އެގޮތުން އެ މަނިކުފާނުގެ މައްސަލައަށް ވެސް ސަރުކާރުން ނުފޫޒު ފޯރުވައި، ޖަލުގައި ބަންދުކޮށް، ފަހުން މައާފު ދޭން މަސައްކަތްކުރަން އުޅޭކަމަށް އެ ޖަލްސާގައި ވާހަކަދައްކަވަމުން ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވިއެވެ. މޮސްޓާގެ އެ ވާހަކައާ ގުޅުވައި ޔާމީން ވިދާޅުވީ މި ސަރުކާރުން ދޭ މައާފެއް ބޭނުންފުޅު ނުވާ ކަމަށެވެ. ޔާމީން ވިދާޅުވީ އެންމެ ފުރަތަމަ މިދިޔަ ސަރުކާރުގައި ވެސް އެ މަނިކުފާނު ޖަލަށް ލީ، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ "ރިޔާސީ ވައުދުފުޅެއް ފުއްދަން" ކަމަށެވެ. އަދި ޞާލިހުގެ އަރިހަށް މިހާރުގެ ދެ މިނިސްޓަރަކު ވަޑައިގަތް ކަމަށާއި، އެ ދެ ބޭފުޅުން އެދިވަޑައިގަތީ އެ މަނިކުފާނު ޖަލުގައި މިނިވަންނުކޮށް ބޭއްވުމަށް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. ޔާމީން ތުހުމަތުކުރެއްވި ގޮތުގައި މި ދެ ބޭފުޅުން ޞާލިހުގެ އަރިހަށް ދިޔައީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ފޮނުވައިގެންނެވެ. "އަޅުގަނޑު ކައިރީގައި ޕީޕީއެމްގައި އުޅުނު، އިސްކޮށް އުޅުނު ދެ މީހުން ދިޔައީ ރައީސް ޔާމީން ދޫކޮށްނުލައްޗޭ ކިޔައިފައި، މުއިއްޒު ފޮނުވައިގެން ދިޔަ ދެ މީހުން،" ޔާމީން ވިދާޅުވިއެވެ. ރޭ އެ ދެ ބޭފުޅުންގެ ނަން ހާމަ ނުކުރެއްވި ނަމަވެސް ޔާމީން ވިދާޅުވީ، ފަހުން ހާމަކުރައްވާނެ ކަމަށެވެ. "އެ މީހުންނަށް އެނގޭނެ އަޅުގަނޑު މި ދައްކަނީ އެ މީހުންގެ ވާހަކަކަން،" ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ އެ މަނިކުފާނު، ޝަރީއަތުގެ މަރުހަލާތައް ކަޑައްތު ކުރައްވަމުން ގެންދަވަނީ ވަރަށް ސާބިތުކަމާ އެކުގައި ކަމަށެވެ. އަދި އެ މަނިކުފާނު ހުންނެވީ ރައްޔިތުންގެ ރުހުމާއެކު ކަމަށް ވެސް ވިދާޅުވިއެވެ. "ދެން އަޅުގަނޑު ހަމަ ދަންނަވައިލަން ބޭނުންވަނީ ތި ހުރިހާ ވަހަކައެއް ދައްކާށޭ، މި ސަރުކާރުން ދޭ މައާފެއް އަޅުގަނޑު ބޭނުމެއް ނުވާނޭ،" ޔާމީން ވިދާޅުވިއެވެ. މި ވެރިކަމަށްފަހު މައްސަލަތައް ބަލާއިރު، ރައީސް މުއިއްޒާއި އެ މަނިކުފާނުގެ އަރިސް މީހުން ސަލާމަތްވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. މި ސަރުކާރުގެ މައާފެއް ބޭނުންފުޅުނުވާކަމަށް ޔާމީން ވިދާޅުވިއިރު ވ. އާރަށް ކުއްޔަށްދޫކުރުމުގެ މުއާމަލާތުގެ މައްސަލައިގައި މީގެ ކުރިން އެ މަނިކުފާނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އެކަމަކު، އެ މައްސަލައިގައި ބޮޑެތި ގޯސްތަކެއް ހުރިކަން ފާހަގަކޮށް، ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށްފައެވެ. އެ މައްސަލަ އަލުން ބަލަން އެންގުމާ ގުޅިގެން ކްރިމިނަލް ކޯޓުން އަންނަނީ މައްސަލަ ބަލަމުންނެވެ. އެ މަނިކުފާނާ ދެކޮޅަށް ކޮށްފައިވާ އިތުރު ދައުވާއެއް ވެސް ކްރިމިނަލް ކޯޓުގައި އެބަ ކުރިއަށްދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ