'ޕެރިމެނޯޕޯސް' މަރުހަލާގައި އަންހެނުން ތަހައްމަލުކުރާ ކަންކަން، ތަޖުރިބާކާރުންގެ ދުލުން

އިއްދައިން ކެނޑުމުގެ ކުރިން އަންހެނުން ކަޑައްތުކުރާ މަރުހަލާ ނުވަތަ 'ޕެރިމެނޯޕޯޒް'އާ ބެހޭގޮތުން ތަޖުރިބާކާރުން މިވަނީ ވަރަށް ބޭނުންތެރި މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ. މިއީ ގިނަ ފަހަރަށް ވަރަށް ގިނަ އަންހެނުންނަށް ސަމާލުކަން ނުދެވި އޮންނަ މަރުހަލާއެކެވެ. އެހެންކަމުން، މި ދުވަސްވަރު ފެންނަ އަލާމާތްތައް ކުރިއާލާ ދެނެގަނެ، އަމިއްލަ ސިއްހަތަށް ދޭ ސަމާލުކަން އިތުރު ކުރުމަށް ކަމާބެހޭ މާހިރުން ބާރުއަޅުއްވައެވެ. މެނޯޕޯސް ނުވަތަ އިއްދައިން ކެނޑުމަކީ އަންހެނާގެ މައްސަރު ކަންތައް ގުދުރަތީ ގޮތުން ދާއިމީކޮށް ހުއްޓޭ މަރުހަލާއެވެ. އާއްމުކޮށް ގިނަ އަންހެނުން މިކަން ތަޖުރިބާކުރަނީ އުމުރުން 45-50 އަހަރާ ދެމެދުއެވެ. މިއީ ހޯމޯންތަކަށް ބަދަލުއައިސް ނަފުސާނީ ގޮންޖެހުންތަކާ ގިނަ އަންހެނުން ކުރިމަތިލާ ދުވަސްވަރެކެވެ. މިއީ ބަލިމަޑުކަމެއް ނޫން ކަމަށާއި، ދިރިއުޅުމުގެ އާ މަރުހަލާއެއްކަން ދެނެގަނެ، ދެމަފިރިންގެ މެދުގައި އޮންނަ ގުޅުމުގެ އިތުރުން އާއިލާގެ މެމްބަރުންވެސް އެކަކު އަނެކަކަށް އޯގާތެރިވުމަށް ސިއްހީ މާހިރުން ވަނީ އިރުޝާދު ދެއްވާފައެވެ. 'ޕެރިމެނޯޕޯސް' ދުވަސްވަރު ފެންނަ އަލާމާތްތައް ކުރިއާލާ ދެނެގަނެ، އަމިއްލަ ސިއްހަތަށް ދޭ ސަމާލުކަން އިތުރު ކުރުމަށް ކަމާބެހޭ މާހިރުން ބާރުއަޅުއްވާ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ތަޖުރިބާކާރުން ފާހަގަ ކުރައްވާ ގޮތުގައި، އިއްދަ ކެނޑުމުގެ އެތައް އަހަރެއް ކުރިން ފެށޭ 'ޕެރިމެނޯޕޯޒް' މަރުހަލާއާ މެދު އަންހެނުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރަން ޖެހެއެވެ. މެނޯޕޯޒް އަކީ ވިދިވިދިގެން 12 މަސް ދުވަސް ވަންދެން މައްސަރު ކަންތައް ހުއްޓޭ ނަމަވެސް 'ޕެރިމެނޯޕޯޒް' އަކީ އެ މަރުހަލާއަށް މަގުފަހިކޮށްދޭ، ހަށިގަނޑުގެ ހޯމޯންތަކަށް ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. ރެނޯވާ ހޮސްޕިޓަލުގެ ކޮންސަލްޓަންޓް އަދި އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު، ޑރ. ޕަދްމަވަތީ ކަޕިލާ ވިދާޅުވާ ގޮތުގައި، ޕެރިމެނޯޕޯޒްއަކީ އޯވަަރީން އެސްޓްރޯޖަން އުފައްދާ މިންވަރު މަދުވާން ފަށާ ދުވަސްވަރެވެ. "މިއީ އާންމުކޮށް އުމުރުން 40ގެ އަހަރުތަކުގައި ފެށޭ، އަދި އިއްދަ ކެނޑުމުގެ ކުރިން އެތައް އަހަރަކަށް ދެމިގެންދާ މަރުހަލާއެއް. އާންމުކޮށް އުމުރުން 51 އަހަރުގައި އިއްދަ ކެނޑޭއިރު، އޭގެ ކުރިން އަންނަ މި ބަދަލުތަކަށް އަންހެނުން ސަމާލުވުން ވަރަށް މުހިއްމު" ޑރ. ޕަދްމަވަތީ ތަފުސީލުކޮށްދެއްވާފައިވެއެވެ. އަންހެނުންނަށް ދިމާވާ މިފަދަ ކޮންމެ ހާލަތެއްގައި ވެސް ސިއްހީ މާހިރެއްގެ ލަފާ ހޯދުން ވަރަށް މުހިއްމު--ފޮޓޯ/ވިމެންސްހެލްތު ގިނަ އަންހެނުންނަށް މި ބަދަލުތައް 40ގެ ފަހު އަހަރުތަކުގައި ފެނުނު ކަމުގައި ވިޔަސް، ބައެއް މީހުންނަށް މިއަށްވުރެ މާ ކުރިންވެސް މިކަންކަން ކުރިމަތިވެއެވެ. ކެއަ ހޮސްޕިޓަލުގެ ސީނިއަރ ކޮންސަލްޓަންޓް ޑރ. އަރުޖުމަންދު ޝާފީ ވިދާޅުވި ގޮތުގައި، ބައެއް އަންހެނުންނަށް އުމުރުން 30ގެ މެދުތެރޭގައި ވެސް މި ބަދަލުތައް ފެނިދާނެއެވެ. އެންމެ ފުރަތަމަ ފެންނަ އަލާމާތަކީ މައްސަރު ކަންތައް ގަވާއިދުން ނުވުމެވެ. މީގެ އިތުރުން ނިދިނައުމާއި، ވަރުބަލިވުމާއި، ރުޅިގަދަވުން ފަދަ މިޒާޖަށް އަންނަ ބަދަލުތަކަކީ ހޯމޯންތަކަށް ބަދަލު އަންނަން ފެށުމުގެ ކުރިން ފެންނަ ނިޝާންތަކެވެ. މި މަރުހަލާގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ، އެ ފެންނަ އަލާމާތްތަކަކީ ނަފުސާނީ ބައްޔެއްގެ ނުވަތަ ސްޓްރެސްގެ ސަބަބުން ދިމާވާ ކަންތައްތަކެއް ކަމަށް ހީވުމެވެ. ޑރ. ޕަދްމަވަތީ ފާހަގަކުރެއްވި ގޮތުގައި، އެސްޓްރޯޖަން، ޕްރޮޖެސްޓަރޯން އަދި ޓެސްޓޮސްޓެރޯން ފަދަ މުހިންމު ހޯމޯންތައް މަދުވުމުގެ ސަބަބުން ހާސްވުމާއި، ހަށިގަނޑު ހޫނުވުމާއި، ނިދިނައުން ފަދަ ކަންކަން ދިމާވެއެވެ. ނަމަވެސް ގިނަ ފަހަރަށް މިއީ ހަމައެކަނި ސްޓްރެސް ކަމަށް ބަލައި، އަސްލު މައްސަލައަށް ފަރުވާނުދެވި ދެއެވެ. މިކަމާ ބެހޭގޮތުން ޑރ. އަރުޖުމަންދު އިތުރަށް ވިދާޅުވީ، ދިރިއުޅުމުގެ އާންމު ކަންކަމާ މި އަލާމާތްތައް އެއްގޮތް ވުމުން، ގިނަ އަންހެނުންނަށް ހީވަނީ މިއީ މަސައްކަތުގެ ބުރަކަމުން ނުވަތަ ނަފުސާނީ ގޮތުން ދިމާވާ ކަމެއް ކަމަށެވެ. އެހެންކަމުން، ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން ބަލިމީހާއަށާއި ޑޮކްޓަރަށް ވެސް މިއީ ހޯމޯންގެ މައްސަލައެއްކަން ނޭނގި އޮވެދާނެއެވެ. މި ބަލި ދެނެގަތުމަށް ވަކި ޚާއްސަ ޓެސްޓެއް ނޯވެއެވެ. އޭގެ ބަދަލުގައި ޑޮކްޓަރުން ބަލަނީ ބަލިމީހާގެ ފަރާތުން ފެންނަ އަލާމާތްތަކަށާއި ކުރީގެ މެޑިކަލް ހިސްޓްރީއަށެވެ. ޑރ. ޕަދްމަވަތީ ވިދާޅުވި ގޮތުގައި، ހޯމޯންތަކަށް އަންނަ ބަދަލުތައް ދެނެގަތުމަށް FSH، އެސްޓްރޯޖަން، ތައިރޮއިޑް، އަދި ވިޓަމިން B12 ފަދަ ޓެސްޓުތައް ހެދުމަށް ބައެއް ފަހަރު ޑޮކްޓަރުން ލަފާދެއްވައެވެ. ދިރިއުޅުމުގެ އާދަކާދަ ހުންނަ ގޮތުންވެސް މި އަލާމާތްތަކަށް ބަދަލު އާދެއެވެ. ކެއުމާއި، ނިދުމާއި، ސްޓްރެސް މެނޭޖްކުރުމަކީ މިކަމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަންކަމެވެ. މޭވާއާއި ތަރުކާރީ ހިމެނޭ ސިއްހީގޮތުން ފައިދާހުރި ކާނާ ކެއުމާއި، ކަސްރަތު ކުރުމަކީ ބޭހާ ނުލައި ފެށޭ މަރުހަލާގައި ލިބޭ ވަރަށް ބޮޑު ލުޔެކެވެ. މީގެ އިތުރުން ޔޯގާ ނުވަތަ މެޑިޓޭޝަން ފަދަ ކަންކަމުން ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ. އަލާމާތްތައް މާ ބޮޑަށް ގޯސްވާނަމަ، ޑޮކްޓަރެއްގެ ބެލުމުގެ ދަށުން 'ހޯމޯން ތެރަޕީ' ނުވަތަ ހޯމޯންއަށް ޚާއްސަ ފަރުވާ ހޯދިދާނެ ކަމަށް ޑރ. ޕަދްމަވަތީ ލަފާދެއްވައެވެ. ނަމަވެސް މިއީ ކޮންމެ މީހެއްގެ ހާލަތަށް ބަލައި ވަކިން ނިންމަންޖެހޭ ކަމެއް ކަމަށް ޑރ. އަރުޖުމަންދު ވިދާޅުވެފައިވެއެވެ. ޑރ. ޕަދްމަވަތީ ފާހަގަކުރެއްވި ގޮތުގައި، އެންމެ މުހިންމު ކަމަކީ މިކަމަށް އަންހެނުން ހޭލުންތެރިވެ ކަމާގުޅޭ އެންމެ ފުރިހަމަ މައުލޫމާތު އެއްކުރުމެވެ. އަންހެނުންގެ ހަށިގަނޑަށް އަންނަ މި ބޮޑު ބަދަލާ ގުޅިގެން، ގަވާއިދުން ސިއްހީ ޗެކަޕް ހެދުމާއި، ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ޑރ. ޕަދްމަވަތީ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ