ދަފްތަރުގައި އަދާހަމަވުމަށް ނޫސްމަޖައްލާތަކަށް 6 މަހުގެ މުހަލަތެއް

ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގާ ހުރިހާ މީޑިއާއަކަށް މީޑިއާ ކޮމިޝަނުގެ ދަފްތަރުގައި އަދާހަމަކުރުމަށް 6 މަސް ދުވަހުގެ މުހުލަތެއް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ދީފިއެވެ. މީގެ ތެރޭގައި އެކި މަންސަތަކުގައި ހިންގާ ނޫސް މަޖައްލާތައް ހިމެނެއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ރާއްޖޭގައި ހިންގާ ނޫސްމަޖައްލާ ރަޖިސްޓްރީ ކުރުމުގެ އައު ޤަވާއިދެއް އެކުލަވާލާފައެވެ.
ރާއްޖޭގައި ހިންގަމުން އަންނަ ނޫސް މަޖައްލާތައް މީގެ ކުރިން ރަޖިސްޓްރީވާން ޖެހެނީ، އެއިރަކު އެމަސްއޫލިއްޔަތު ހަވާލުކޮށްފައި އޮންނަ ކަމާއި ގުޅޭ ވުޒާރާއެއްގައެވެ. ނަމަވެސް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ޤާނޫނާއެކު އެ ކޮމިޝަން އުފެދި، ނޫސްމަޖައްލާތައް ރަޖިސްޓްރީކޮށް ދަފްތަރު ބެލެހެއްޓުމުގެ ޒިންމާ އެކޮމިޝަނާއި ވަނީ ހަވާލުކޮށްފައެވެ.
މިމަސައްކަތް ކުރުމަށް ރާއްޖޭގައި ހިންގާ ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރުމުގެ ޤަވާއިދެއް މީޑިއާ ކޮމިޝަނުން ވަނީ ޝާއިޢުކޮށްފައެވެ. މި ޤަވާއިދަކީ ރާއްޖޭގައި ހިންގާ ނޫސް މަޖައްލާ ރަޖިސްޓްރީކުރުމާއި ހިންގުމާއި ނޫސް މަޖައްލާގެ ޚިދުމަތް ދިނުމުގެ އެންމެހައި އުސޫލުތައް ކަނޑައެޅުމަށް އެކުލަވާލާފައިވާ ޤަވާއިދެއް ކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ. މި ޤަވާއިދުގައި ނޫސް މަޖައްލާ 4 ގިންތިއަކަށް ވަނީ ބަހާލާފައެވެ. އެއީ ނޫސްތައް، މަޖައްލާ، ނިއުސް ލެޓަރ އަދި ޖާނަލް އެވެ. މި 4 ބާވަތް ހިންގިދާނެ އެކި ވަސީލަތްތައް ނުވަތަ މަންސަތައްވެސް ޤާނޫނުގައި ވަނީ ހިމަނާފައެވެ.
* ޕްރިންޓް
* ވެބްސައިޓް
* ސޯޝަލް މީޑިއާ
* އެޕްލިކޭޝަން
* އިލެކްޓްރޯނިކް މީޑިއާ
ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުންދާ އެކި ބާވަތްތަކުގެ ވިޔަފާރިތަކަށާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މި ޤަވާއިދު ދަށުން ލިބެއެވެ. މީގެ ތެރެއިން އިސްތިސްނާވަނީ ވަކި ތަނެއްގެ މައުލޫމާތު ގެނެސްދިނުމަށް ނުވަތަ އެތަނެއްގެ މުވައްޒަފުންނަށް ޚާއްސަކޮށް ހަދާ ކުދި މަޖައްލާތަކާއި އެނޫންވެސް ލިއުންތައް ކަމަށް ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
މި ޤަވާއިދުގެ ދަށުން ނޫސް މަޖައްލާއެއް ރަޖިސްޓްރީ ކުރަން ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި ޖަވާބު ދޭންޖެހެއެވެ. ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު އެޑިޓަރަކާއި މަސްއޫލުވެރި ފަރާތެއް ހުންނަންޖެހެއެވެ. މި ޤަވާއިދުގައި އެފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައްވެސް ވަނީ ހިމަނާފައެވެ.
މިޤަވާއިދުގެ ދަށުން ނޫސް މަޖައްލާއެއް ރަޖިސްޓްރީ ކޮށްދޭ މުއްދަތަކީ 5 އަހަރު ދުވަހެވެ. އޭގެ ފަހުން ރަޖިސްޓްރީ އައު ކުރުމަށް ހުށަހަޅަން ޖެހެއެވެ. އަދި ރަޖިސްޓްރީގެ މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން ރަޖިސްޓްރީ އައު ކުރުމަށް ހުށަހެޅުމަށް ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން ނޫސްމަޖައްލާ ޝާއިއުކުރުން ހުއްޓާލާތާ 12 މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ބާތިލްވާނެކަމަށް މި ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
މައިގަނޑު ގޮތެއްގައި މީގެ ކުރިންވެސް ރާއްޖޭގެ ނޫސްމަޖައްލާތައް ރަޖިސްޓްރީ ކޮށްދެމުން އައި އުސޫލުގެ ތެރެއިން ރަޖިސްޓްރީ ކޮށްދިނުމަށް ޤަވާއިދުގައި ހިމަނާފައިވާއިރު، އަލަށް އެކުލަވާލި ޤަވާއިދު ނޫސްމަޖައްލާ ކިޔާ ފަރާތްތަކުން ފީއެއް ނެގޭނެ އުސޫލު ވަނީ ބަޔާންކޮށްފައެވެ. މި ޤަވާއިދުގެ ތެރެއިން އެއްވެސް ނޫސްމަޖައްލާއަކަށް ފީއެއް ނެގޭނީ މީޑިއާ ކޮމިޝަނަށް އެފީއެއް ހުށަހަޅައި ކޮމިޝަނުން އެ ފީ ފާސްވެ އެކަމަށް ހުއްދަ ލިބިގެންނެވެ.
މި ޤަވާއިދު ގެޒެޓްކުރެވި ޝާޢިއު ކުރެވުމާއެކު، މިޤަވާއިދުގެ ބޭނުމަށް ކުރިން ރަޖިސްޓްރީކުރެވިގެން ހިންގަމުންދާ އެންމެހައި ނޫސް މަޖައްލާ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ޤަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ރަޖިސްޓްރީގެ ރިކޯޑު އަދާހަމަކުރުމަށް ވަނީ އަންގާފައެވެ. އަދި ރިކޯޑު އަދާހަމަކުރުމަށް އެދި ހުށަހަޅާނެ ފޯމުވެސް ޤަވާއިދުގައި ވަނީ ހިމަނާފައެވެ. އަދި މިގޮތަށް އަދާހަމަ ނުކުރާ ނޫސްމަޖައްލާތަކުގެ ރަޖިސްޓްރީ ބާތިލުވާނެ ކަމަށް ޤަވާއިދުގައިވަނީ ބަޔާންކޮށްފައެވެ.
މި ޤަވާއިދާއެކު ނޫސްމަޖައްލާ ރަޖިސްޓްރީ ކުރުމަށް ނަގާ ފީތަކާއި ބޭނުންވާނެ އެހެން މައުލޫމާތުތައް ވަނީ ހިމަނާފައެވެ. އަދި ޤަވާއިދަށް ޢަމަލުކުރަން ފެށުމާއެކު ކޮންމެ ނޫސްމަޖައްލާއަކުންވެސް ޖެހިގެން އަންނަ އަހަރުގެ ޖޫންގެ ކުރިން ނޫސް ހިންގި ގޮތުގެ އަހަރީ ރިޕޯޓެއް ހުށަހަޅަން ޖެހޭނެއެވެ. މި ރިޕޯޓް ހުށަނާޅާ މީޑިއާތައް ޖޫރިމަނާ ކުރެވޭނެކަމަށް އުސޫލުގައިވަނީ ބަޔާންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ