އަދަދު ހުއްޓުވަން ދީނީކުލަ ޖެއްސިޔަސް އެލްސޯފާއެއް ނުފޮރުވޭނެ!

މުއިއްޒު ބުނީމާ އެއްވާނަކަށް ވަޒީރުންނާއި މުސާރަވެރިންނާއި މަޖިލިސް މެންބަރުންނާއި ކުލީ ގަލަންތަކުން ދިފާއަށް ކުޅުނަސް އެލްސޯފާ ވާހަކަ ދެން ހިންދައެއް ނުލެވޭނެއެވެ. ކޮންމެ މީހަކު ނިކުމެ ނޫސްވެރިކަން ކުރަންވީ ގޮތް ކިޔާދޭއިރު ހީވަނީ ނޫސްވެރިކަން ގިރައިގެން ބޮއެގެން ހުންނަ ހެންނެވެ. 
ނޫސްވެރިކަމަކީ ސަރުކާރުން ބޭނުންވާ ވާހަކަ ބޭނުންވާ ގޮތަށް ދައްކަދޭން އޮތް ކަމެއްކަމަށް ހީވަންޏާ އެހެން ވެދާނެއެވެ. ކަމެއްގެ ތުހުމަތު މީހަކަށް ކުރުމުން އެކަން ދޮގުކުރުމަކީ އެކަން ނުހިނގުމެއް ނޫނެވެ. ވަގަކު ވައްކަން ކުރިކަމަށް ތުހުމަތުކުރާ ކޮންމެ ފަހަރަކު ލޮލުން ބޮލުން އެކަމަށް އެއްބަސްވޭހެއްޔެވެ. މަދުންނޫނީ ވަގަކު ވައްކަމަކަށް އިއުތިރާފެއް ނުވާނެއެވެ. 
މުއިއްޒު އޭނާގެ އޮފީހުގެ މުއައްޒަފަކާއެކު ދައުލަތުގެ އެންމެ މަތީއޮފީހުގައި ޖިންސީ ގުޅުން ހިންގިކަމަށް ބުނެފައިވަނީ އަދަދު ނޫހަކުން ނޫނެވެ. އަދަދު ނޫހަށް އެ މައުލޫމާތު ދިނީ ސީދާ މުއިއްޒު ގުރޫމް ކުރިކަމަށް ބުނާ އަންހެނާއެވެ. އޭނާގެ މުޅި ވާހަކަ ރިޕޯޓެއްގެ ގޮތުގައި ގެނެސް ދިނުން އެއީ ނޫސްވެރިކަމުގެ މިންގަނޑުން އަދަދަށް ނުކުރެވޭނެ ކަމެއް ނޫނެވެ. 
ދައުލަތުގެ އެންމެ މަތީވެރިޔާއާއި ގުޅޭ އެފަދަ ދަށްފެންވަރުގެ ވާހަކައަކީ ކިތަންމެ ބޮޑު ހަގީގަތަކަށް ވިޔަސް އެކަމަށް އެއްބަސް ނުވާނެކަމީ ޝައްކެއް ނެތް ކަމެކެވެ. އެއްބަސް ވިޔަސް ނުވިޔަސް އެވާހަކަ އެނގޭ ހިސާބުން އެނގުނު ގޮތަކަށް އެ ވާހަކަ ނުދައްކައެއް އެކަކުވެސް ނުހުންނާނެއެވެ. 
ވެރިންނާ ގުޅޭގޮތުން ހިންގާ ތަހުގީގީ ނޫސްވެރިކަމަކީ އާރާބާރުގައި ތިބޭ ވެރިންނަށް ހަޖަމުވާނެ ކަމެއްނޫނެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތްވެސް ފަޅާއެރީ ބޭންކު މުނޭޖަރަކު ނޫސްވެރިންނާ ހިއްސާކުރި މައުލޫމާތުތަކަކުންނެވެ. އޭރު އެ ވާހަކަ ސަރުކާރުން ދޮގުކޮށް މައުލޫމާތު ފޯރުކޮށްދިން ބޭންކް މެނޭޖަރ ލީޖަލަށެވެ. ކަންކަން ފޮރޮޅި ހާމަވެގެން ގޮސް އެންމެ ފަހުން އެމްއެމްޕީއާރުސީގެ ހިޔާނާތްވެގެން ދިޔައީ ރާއްޖޭގެ މުޅިތާރީހު ދުށް އެންމެ ބޮޑު ހިޔާނާތަށެވެ. 
ރައީސް މުއިއްޒުގެ އެލްސޯފާ މައްސަލައިގެ އެންމެ ފުނަށް ނުގޮސް އެ ވާހަކަ އާއްމުކުރި މީހުންގެ އަނގަ ބަންދު ކުރުމަކުން ހަގީގަތެއް އޮޅުވައެއް ނުލެވޭނެއެވެ. އަތްއަޅާ ފޮރުވޭނީ އަތްތިލައިގެ ބޮޑުމިންހާ ތަނެވެ. ގަޒުފު ކުރަނީއޭ ކިޔައިގެން މާ ދީނީ ކުލަ ޖައްސައިގެން މުއިއްޒު ހިންގި ޖަރީމާއެއް ނުފޮރުވޭނެއެވެ. 
އެލްސޯފާ މައްސަލައަކީ އަންހެނަކާއެކު މުއިއްޒު ހިންގައިގެން އުޅޭ ޒާތީ އަމަލަކަށްވުރެ މާބޮޑު ގައުމީ މައްސަލައެކެވެ. ރާއްޖޭގެ ވަލިއްޔުލްއަމުރު ޒާތީ ޖިންސީ އެދުންވެރިކަން ފުއްދުމަށް އެކަނިވެރިމަޔަކަށް ވަޒީފާދީ ބޮޑު މުސާރަދީގެން ގެންގުޅުނު މައްސަލައެކެވެ. މުސާރައިގެ އިތުރަށް ކޮންމެ މަހަކު ދައުލަތުގެ ފައިސާއިން 50000 ރުފިޔާ ދެމުން ގެންދިޔަ ހިޔާނާތުގެ މައްސަލައެކެވެ. އަންހެނަކު އެހެން މީހަކާ ލޯބީގެގޮތުން ގުޅެގެން އުޅުނަ ނުދިންނުމަށްޓަކާ އެކަނިވެރިމަޔަކަށް ބިރުދެއްކި މައްސަލައެކެވެ. ބާރު އޮތުމުން މިހާރު ގަދަކަން ދެއްކިދާނެއެވެ. އިންސާފު މުއިއްޒާ ވެސް އަރާ ހަމަކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ