ކައުންސިލް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލައި، ދެ ހަފުތާގެ މުއްދަތެއް ދީފި

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ހުޅުވާލައިފިއެވެ. އެ މުއްދަތު ހަމަވާނީ މީގެ ދެ ހަފުތާ ފަހުން، އަންނަ މަހު އެއްވަނަ ދުވަހުގެ 15:30 އަށެވެ. މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުންނާއި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބުކުރާނެއެވެ. ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރަން ގާނޫނުއަސާސީއަށް މި ފަހުން ގެނައި އިސްލާހާ އެކު 132 ރަށެއްގައި އިންތިޚާބުކުރާނީ ކައުންސިލް ރައީސާއި އަންހެނުންނަށް ޚާއްސަ މެންބަރު ހިމެނޭހެން ޖުމުލަ ތިން ކައުންސިލަރުންނެވެ. އަދި، ކައުންސިލް ރައީސާއި ދެ އަންހެން މެންބަރުން ހިމެނޭހެން ފަސް ކައުންސިލަރުން 46 ރަށަކަށް އިންތިޚާބުކުރާނެއެވެ. އީސީން ބުނި ގޮތުގައި، އިންތިޚާބަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އޮންލައިން ޕޯޓަލަށް އީފާސް މެދުވެރިކޮށް ވަދެވޭނެ ކަމަށެވެ. އެ ގޮތުން، އިންތިޚާބަށް ކުރިމަތިލަނީ ސިޔާސީ ޕާޓީއަކުން ކަމަށް އިޚުތިޔާރުކޮށްފިނަމަ، އެ ޕާޓީއަކުން އެ ކެންޑިޑޭޓަކު އެންޑޯޒްކުރުމަށް ރިކުއެސްޓެއް ދާނެ ކަމަށާއި ސިޔާސީ ޕާޓީތަކުން އެފަދަ ރިކުއެސްޓުތަކާ މެދު ގޮތެއް ނިންމަނީ ސިމެދަ ޕޯޓަލުން ކަމަށް، ކޮމިޝަނުން ބުންޏެވެ. ކުރިން ބޭއްވި އިންތިޚާބެއްގެ ތެރެއިން: ކައުންސިލްތަކާއި ޑަބްލިއުޑީސީ އިންތިޚާބަށް ކުރިމަތިލާން ވަނީ ހުޅުވާލާފައި -- ފޮޓޯ/ އީސީ އަމިއްލަ ގޮތުން އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުން މަދުވެގެން 50 މީހުންގެ ތާއީދު ހޯދަން ޖެހޭނެކަން ފާހަގަކޮށް އެކަން ކުރާނެ ގޮތް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ކިޔައިދީފައެވެ. އެ ގޮތުން، އެ ކެންޑިޑޭޓަކަށް ތާއީދު ދޭން ބޭނުންނަމަ، ނުވަތަ ނޫން ނަމަ ދާއިރާގެ ރައްޔިތުން އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލަށް ވަދެ، ތާއީދު ދިނުމަށް ނުވަތަ ނުދިނުމަށް ކަނޑައެޅޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެކަމަކު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފަރާތްތަކުން 50 މީހުންގެ ތާއީދު ހޯދާކަށް ނުޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. އީސީން އާންމުކޮށްފައިވާ ވޯޓާސް ލިސްޓުގައި ވާގޮތުން މި އަހަރުގެ ކައުންސިލް އިންތިޚާބުގައި ޖުމުލަ 294،937 މީހުންނަށް ވޯޓުލެވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 150،410 ފިރިހެނުންނާއި 144،527 އަންހެނުންނެވެ. https://sun.mv/216731 އީސީން ބުނި ގޮތުގައި، އިންތިޚާބުގެ ވޯޓު ލުން އޮންނާނީ، އަންނަ އޭޕްރީލް ހަތަރުވަނަ ދުވަހުގެ 08:00 އިން 16:00އަށެވެ. އެ އިންތިޚާބުގެ ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ، 30 މިނެޓުގެ ހުސް ވަގުތުކޮޅަކަށް ފަހުގައި ކަމަށްވާއިރު، ރަސްމީ ނަތީޖާ އިއުލާނުކުރާނީ، އަންނަ އޭޕްރީލް 11 ގައެވެ. ފާހަގަކުރެވޭ ގޮތުގައި، ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީ ބާއްވައި، ކެންޑިޑޭޓުންގެ ޕާޓީ ޓިކެޓު ވަނީ ކަށަވަރުކޮށްފައެވެ. އެ ކެންޑިޑޭޓުން އަންނަނީ، އިންތިޚާބަށް ކެމްޕެއިން ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ