އެމްޑީޕީ މޭޔަރުގެ އުޅެނީ ނިޒާމުގެ މައްސަލައެއް ނޫން، އިހުލާސްތެރިކަމުގެ މައްސަލަ: ޝުޖާއު

މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި މިހާރު ހުންނެވި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މޭޔަރުގެ އުޅެނީ ނިޒާމުގެ މައްސަލައެއް ނޫން ކަމަށާއި، އެ ބޭފުޅާގެ މައްސަލައަކީ އިހުލާސްތެރިކަމުގެ މައްސަލަކަމަށް ވިދާޅުވެ، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ ހުޅުމާލެ ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކުގައި ވެސް ސެންޓްރަލައިޒްޑް އަދި ޑީ-ސެންޓްރަލައިޒްޑް ނިޒާމުތައް ހިނގަމުންދާއިރު، ރާއްޖޭގައި ވެސް 2011 ވަނަ އަހަރާއި ހަމައަށް އޮތީ ސެންޓްރަލައިޒްޑް ނިޒާމެއް ކަމަށެވެ. އެގޮތުން 11 އަހަރުގެ މާޒީއަކަށްފަހު ފެނިގެން ދިޔައީ ބާތިލުގެ މައްޗަށް ހައްގު ކުރި ހޯދިތަން ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ މައްސަލައަކީ ނިޒާމެއް ނޫން ކަމަށާއި، ނިޒާމު ހިންގަން އަންނަ މީހުންގެ އިހުލާސްތެރިކަން ކަމަށެވެ. އެގޮތުން 2011 ވަނަ އަހަރު، މާލޭގެ ތާރީހުގައި ވެސް އެންމެ ފުރަތަމަ މެނިފެސްޓޯއެއް ހިފައިގެން ނުކުންނެވި ރައީސް މުއިއްޒު ރައްޔިތުން އިންތިހާބުކުރެއްވީ ވަރަށް ބޮޑު އަގުލަބިއްޔަތަކުން ކަމަށްވާއިރު، އެ މަގާމަކީ ކިހާ ބޮޑު ޒިންމާތަކެއް އެކުލެވިގެންވާ މަގާމެއްކަން ރައްޔިތުންނަށް ހާމަވެގެން ދިޔަ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި އިރު، މާލޭގެ ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތައް ހުރިހާ ރައްޔިތުންނަށް ފެންނަ ކަމަށެވެ. އަދި މިއަދު އެ މަންޒަރު ނުފެންނަނީ ނިޒާމެއްގެ މައްސަލައެއްގެ ސަބަބުން ނޫން ކަމަށާއި، މިހާރު ހިންގަން ހުރި މޭޔަރުގެ އިހުލާސްތެރިކަން ނެތުމުގެ ސަބަބުން ނިޒާމު ”ވޯކު“ ނުކުރާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ބޭއްވި ރައްޔިތުންގެ ބައްދަލުވުންތަކުގެ ވާހަކަ މުޅި މާލޭގެ ރައްޔިތުންނަށް އަޑު އިވޭނެހެން ގޮވައި އިއުލާނުކުރެއްވި ކަމަށެވެ. އަދި ވަކިން ވެސް ރައްޔިތުންނާ ބައްދަލުކުރައްވާ، ރައްޔިތުންގެ ކަންބޮޑުވުންތައް އެމަނިކުފާނު އެއްސެވި ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކައުންސިލްގެ މަސައްކަތް ކުރާ ގޮތް ރައްޔިތުންނަށް ދައްކުވައިދެއްވުމަށްޓަކައި، ބައްދަލުވުންތައް ކުރިއަށްދާގޮތް ވަގުތުން ރައްޔިތުންނަށް ބެލޭނެ ގޮތް ހައްދަވައިދެއްވީ ވެސް ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ކަމަށް ޝުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން މާލޭގެ ލޭންޑް ޔޫސް ޕްލޭނެއް އެންމެ ފުރަތަމަވެސް އެކުލަވައިލެއްވީ އެމަނިކުފާނުގެ މޭޔަރުކަމުގައިކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަމައަށް ވަޑައިގެންނެވި އިރުވެސް މާލޭގެ ލޭންޑް ޔޫސް ޕްލޭން އޮތީ ހައުސިން މިނިސްޓްރީގައި އެމްޑީޕީގެ ވެރިކަމުން ހިފަހައްޓާފައި ކަމަށެވެ.
”ގާނޫނުން ލާޒިމް ކުރަނީ ލޭންޑް ޔޫސް ޕްލޭން ފާސްކުރަން ޖެހޭނެއޭ ތިން މަސް ތެރޭގައި. ތިން މަސް ތެރޭގައި ފާސްނުކޮށްފިއްޔާ އޮޓޮމެޓިކުން ފާސްވާނޭ. ކިހިނެތްތޯ ހެއްދެވީ؟ ތިން މަސް ވާން މަދު ވަގުތުކޮޅަކަށް ވީމާ ކޮންމެސް ކަހަލަ ކޮމެންޓެއް ފޮނުވާފައި އަނެއްކާ ތިން މަސް ނަންގަވަމުން ގެންދެވީ.“ ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ މީގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ގެއްލުންތައް ވެގެން ދިޔަ ކަމަށެވެ. އަދި އެޕްރީލް ހަތަރު ވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި މޭޔަރަކު އިންތިހާބު ކުރުމުގެ ކުރިން މިކަންކަމާ ރައްޔިތުން ވިސްނަންޖެހޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ