މާލެ ސިޓީގެ އެކި މައްސަލަތައް ހައްލުކޮށް، މާލެއަކީ ރައްޔިތުންނަށް ހިތްފަސޭހަ ސިޓީއަކަށް ހެދުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު މަސައްކަތް ކުރައްވާނެ ކައުންސިލެއް އޮތުން މުހިންމު ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ މާފަންނު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ރައީސްގެ ތަރައްގީގެ ސިޔާސަތާއި ތަސައްވުރާއި އެއްގޮތަށް މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި އެމަނިކުފާނާއެކު މަސައްކަތް ކުރާނެ ލޯކަލް ކައުންސިލެއް އޮތުން ވަރަށް މުހިންމު ކަމަށެވެ. އެގޮތުން މާލެ ސާފުކޮށް ރީތިކޮށް ބެލެހެއްޓުމަށާއި، މާލޭގެ އެކި މައްސަލަތައް ހައްލުކުރުމުގައި ކައުންސިލްތަކުން ކުރަންޖެހޭ މަސައްކަތްތައް ހުރި އިރު، އެމަނިކުފާނުގެ ސިޔާސަތާއި އެއްގޮތަށް މަސައްކަތް ކުރާނެ ކައުންސިލެއް އޮތުމުން އޭގެ ފައިދާ ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި މާލޭގެ ބަނދަރު މައްޗަށް ބޮޑެތި ބަދަލުތައް ރައީސް ގެނެސްދެއްވި ނަމަވެސް، އެތަނުގެ ރީތިކަމާއި ސާފުތާހިރުކަމާއި އެތަނުގައި ޕާކު ކުރުމުގެ ކަންތައްތައް އިންތިޒާމްކުރެވިގެންދާނީ އެދެވޭގޮތެއްގައި ކައުންސިލްގައި ތިއްބަވާ ބޭފުޅުން ރަނގަޅަށް އެ ޒިންމާ އަދާކުރައްވައިގެން ކަމަށެވެ.
”އެ ކަމަށްޓަކައި މާލެ ކައުންސިލްގައި ތިއްބެވި ބޭފުޅުންނަކީވެސް ސަރުކާރުގެ ސިޔާސަތު ގަބޫލުކުރާ، ޖެއްސުން ނުކުރާ، އުސޫލުތަކާއި ސިޔާސަތުތައް އަވަހަށް ތަންފީޒްކުރާނެ ބައެއް ކަމުގައި ވާން އެބަޖެހޭ. އެ ސަބަބަށްޓަކައި އަޅުގަނޑުމެން ގަބޫލުކުރަނީ މިފަހަރުގެ މި އިންތިހާބަކީ ޕީއެންސީއަށް ހާއްސަ އިންތިހާބަކަށް އެބަ ހަދަން ޖެހޭ ކަމަށް.“ ވަޒީރު ވިދާޅުވިއެވެ.
ޕީއެންސީގެ މޭޔަރު ކެންޑިޑޭޓާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން ވާނީ ރައީސްގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެމަނިކުފާނާ އެންމެ ގާތުން މަސައްކަތް ކުރައްވާނެ ބޭފުޅުންނަށްކަން ފާހަގަކުރައްވާ ވަޒީރު ވަނީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.
ވަޒީރު ވިދާޅުވީ ޕީއެންސީ ދަނީ އެއް ދުވަހަށް ވުރެ އަނެއް ދުވަހަށް ވަރަށް ހަލުވި ދުވެލީގައި ކުރިއަށް ކަމަށެވެ. އަދި މިރޭގެ ޖަލްސާގައި ވެސް ގިނައީ އަންހެން ބޭފުޅުންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިކަމުން އަންގައިދެނީ ގައުމު ބިނާކުރުމުގައި އަންހެނުންގެ ހިއްސާ އިތުރުކުރަންޖެހޭކަން ގަބޫލުކޮށް، އެ މަގު ދައްކައިދީގެން ކުރިއަށްދާ ބަޔަކު ޕީއެންސީގައި ތިބުމުގެ ސަބަބުން އަންހެނުންގެ ރޫހު ޕީއެންސީގައި އިތުރަށް ވަރުގަދަ ވަމުންދާ މަންޒަރު ކަމަށެވެ.
ގައުމެއް ބިނާކުރުމުގައި އަންހެންގެ ހިއްސާ ވަރަށް ބޮޑުކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަތުމަކީވެސް ސިޔާސީ ކަންކަމުގައާއި ގައުމު ބިނާކުރުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުން މުހިންމުކަން ރަމްޒީގޮތުން ވަރަށް ބޮޑަށް ހާމަވެގެންދާ ކަމެއް ކަމަށެވެ.
”އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން މިދަނީ އަޅުގަނޑުމެންގެ ގައުމީ މަސައްކަތްތަކުގައި، ސިޔާސީ ހަރަކާތްތަކުގައި މެޑަމް ވަރަށް ހަރަކާތްތެރިކަމާއެކު ބައިވެރިވެވަޑައިގަންނަވާތަން. އަދި އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން ދަނީ އަޅުގަނޑުމެންނާ އެކުގައި މަސައްކަތް ކުރާނެ ވަރުގަދަ ޓީމެއް އެކަމަނާގެ ފަހަތްޕުޅުގައި ތިއްބަވައިގެން އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރަމުންދާތަން.“ ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްވެސް ފާހަގަކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް ބޭނުންވާ ވަސީލަތްތައް މިހާރު މާލެ ގެނެވިފައިވާ ކަމަށާއި، ލަސްތަކެއް ނުވެ އެކި ހިސާބުތަކަށް އެ ތަކެތި ފޮނުވިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕެއިނުގެ ހަރަކާތްތައް ފޯރިއާއެކު ކުރިއަށްދާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަން ރައީސް އިއްޔެ ފައްޓަވާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިކަމުން ދޭހަވަނީ ޕީއެންސީގެ ހިންގުމާއި، ޕާޓީގެ ތެރޭގައި އޮތް އެއްބައިވަންތަކަން އަދި އެމަނިކުފާނުގެ މުރާލިކަން ކަމަށެވެ.
ވަޒީރު ވިދާޅުވީ ކުރިއަށް އޮތީ ވަރަށް އުއްމީދީ އިންތިހާބެއް ކަމަށާއި، ޕާޓީގެ ހިސާބުތަކުން ދައްކަނީ ބޮޑުތަނުން މި އިންތިހާބު ކާމިޔާބުކުރާތަން ކަމަށެވެ. އެގޮތުން %80 އިން މި އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މާލޭގެ މައްސަލަތައް ހައްލުކުރުމަށް ރައީސްއާއެކު މަސައްކަތް ކުރައްވާނެ ކައުންސިލެއް އޮތުން މުހިންމު: އާދަމް ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ