މި ކެމްޕޭންގައި އެމްޑީޕީ ޖަގަހައެއްގައި އަދި ޖަލްސާއެއް ނުބޭއްވޭ: ސައީދު

އެމްޑީޕީއިން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް މާ ބޮޑު އިސްކަމެއް ނުދޭ ކަމަށާއި ކެމްޕޭން މި ހިސާބަށް ދިޔައިރު އެ ޕާޓީގެ ޖަގަހައެއްގައި އަދި ޖަލްސާއެއް ނުބޭއްވޭ ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު އިދިކޮޅު ޕާޓީއަށް ފާޑުވިދާޅުވެއްޖެ އެވެ.
ތަފްސީލް - ޕީއެންސީގެ މާފަންނު އުތުރު ކެމްޕޭން ޖަގަހަ އިފްތިތާހުކުރަން ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ސައީދު ވަނީ ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ވޯޓުދޭން ނުޖެހޭ ސަބަބުތައް ކަމަށް ވިދާޅުވެ، ބައެއް ކަންކަން ފާހަގަކުރައްވައިފަ އެވެ.
އެގޮތުން ސައީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި:
ސޮވަރިން ފަންޑުގައި ހުރި 200 މިލިއަން ޑޮލަރު 2 މިލިއަން ޑޮލަރަށް މަދުކޮށްލި ކަމަށް
15 ދުވަހުގެ ކާބޯތަކެތި ގަނެވޭ ވަރަށް ދައުލަތުގެ ރިޒާވު ކުޑަކޮށްލި ކަމަށް
ބުނީ ކީކޭ؟ - "އަނެއްކާވެސް މި މީހުން އައިސް ހަމަ އެއްކަލަ، ކުރިން ކަން ކުރި ގޮތަށް ނޫންތޯ ކުރާނީ؟" ސައީދު ވިދާޅުވި އެވެ.
"އާ ވިސްނުމެއް ނެތޭ. މިހާ ހިސާބަށް ކެމްޕޭން ދިޔައިރު ޖަގަހައެއްގައި ކެމްޕޭން ޖަލްސާއެއް ބޭއްވުނީއެއް ނޫން. އާ ގޮތެއް ކިޔާދެވުނީއެއް ނޫން."
އޭގެ ބަދަލުގައި، ސައީދު ވިދާޅުވި ގޮތުގައި، އެމްޑީޕީއިން އަވަދިނެތި އުޅެނީ، ހަތަރު، ފަސް ބަޔަކަށް ބެހިގެން ރިޔާސީ ކެންޑިޑޭޓަކަށް ނެރޭނެ ބޭފުޅެއްގެ މަޝްވަރާގަ އެވެ. އަދި ކައުންސިލް އިންތިހާބުގައި އެމްޑީޕީ ކެންޑިޑޭޓުންނަށް ވޯޓު ދިނަސް، ސައީދު ވިދާޅުވީ އެ ޕާޓީން އުޅޭނީ އެ މަސައްކަތުގައި ކަމަށެވެ.
"އެހެންވީމަ އެވަރުގެ ބަޔަކަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ދިނީމަ ހަމަ އެކަމަށް ނޫންތޯ މަސައްކަތް ވެސް ކުރާނީ؟" ސައީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ