އުމުރުން 34 އަހަރުގެ ނޭމާ އަކީ 2017 ވަނަ އަހަރު ބާސެލޯނާއިން ޕީ.އެސް.ޖީ އަށް 200 މިލިއަން ޕައުންޑަށް ބަދަލުވެ، ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ރެކޯޑް އަދިވެސް ދަމަހައްޓަމުން އަންނަ ކުޅުންތެރިޔާއެވެ. ނަމަވެސް، ފަހަކަށް އައިސް އޭނާއަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައެވެ.
އަނިޔާގެ ގޮންޖެހުންތަކާ އެކުވެސް، މި އަހަރު އޮންނަ ވޯލްޑް ކަޕްގައި ގައުމީ ޓީމަށް ކުޅުމުގެ އުންމީދު އޭނާ ކުރެއެވެ. ސައުދީ އަރަބިއްޔާގެ އަލް-ހިލާލް ދޫކޮށް، ޖެނުއަރީ 2025 ގައި އޭނާގެ ކުޑައިރުގެ ކްލަބް ކަމަށްވާ ސަންތޯސްއާ އަލުން ގުޅުނު ނޭމާ ވަނީ، 2026 ގެ ނިޔަލަށް އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފައެވެ.
އެހެންނަމަވެސް، ފާއިތުވި އަހަރު އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލިފައިވާއިރު، މިދިޔަ ޑިސެމްބަރު މަހު ކުރި ކަކުލުގެ އޮޕަރޭޝަނަކާ ގުޅިގެން ބްރެޒިލް ސީޒަންގެ ކުރީކޮޅު ވެސް އޭނާއަށް ވަނީ ގެއްލިފައެވެ. އޭނާ އަލުން ކުޅުމަށް ނުކުތީ މިދިޔަ ހަފުތާގައެވެ.
ބްރެޒިލްގެ އޮންލައިން ޗެނަލެއް ކަމަށްވާ "ކަޒޭ" އަށް ދިން އިންޓަވިއުއެއްގައި ނޭމާ ބުނީ، "މިހާ ހިސާބުން ދެން ވާނެ ގޮތެއް އަދި ނޭނގޭ، އަންނަ އަހަރާ މެދު ވެސް ވަކި އެއްޗެއް ބުނާކަށް ނޭނގޭ. ޑިސެމްބަރު މަސް އަންނައިރު ކުޅުން ހުއްޓާލަން ބޭނުންވެދާނެ. މިހާރު އަހަރެން މި ބަލަނީ ކޮންމެ އަހަރަކުވެސް ކަންތައްތައް ވާގޮތަކަށް." ކަމަށެވެ.
ނޭމާ އަކީ ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ރެކޯޑް އޮންނަ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ޖުމްލަ 79 ލަނޑު ޖަހައިގެން، ފުޓްބޯޅަ ލެޖެންޑް ޕެލޭގެ ރެކޯޑަށް ވުރެ ދެ ލަނޑު އިތުރަށް ކާމިޔާބުކޮށްފައެވެ.
އެހެންނަމަވެސް، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުން ގައުމީ ޓީމަށް ކުޅެފައިނުވާތީ، ކާލޯ އަންޗެލޮޓީގެ ވޯލްޑް ކަޕް ސްކޮޑުން ޖާގަ ހޯދުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ އިއުތިރާފުވިއެވެ.
"މި އަހަރަކީ ސަންތޯސްއަށާއި ބްރެޒިލް ގައުމީ ޓީމަށް، އަދި އަހަރެންނަށް ވެސް ވަރަށް މުހިންމު އަހަރެއް. އެއީ މިއީ ވޯލްޑް ކަޕް އޮންނަ އަހަރަށް ވާތީ،" ނޭމާ އިތުރަށް ބުންޏެވެ.
ނޭމާ ފުޓުބޯޅައިން ރިޓަޔަރވަނީ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ