ބާޒާރުން އަގުބޮޑުކޮށް ލިބޭ އޮރެންޖު އެސްޓީއޯގެ ފިހާރަތަކުން ހެޔޮކޮށް

މާލޭ ބާޒާރުގައި މިއަދު އޮރެންޖެއްގެ އަގު 15 ރުފިޔާއަށް އަރައިފިއެވެ.
ރޯދަމަސް ފެށުނުއިރުވެސް ބާޒާރުގައި ލިބުން އެންމެ ތަދު އަދި އެންމެ އަގުބޮޑު މޭވާގެ ތެރޭގައި އޮރެންޖު ހިމެނެއެވެ. ރޯދަ ފެށުނުއިރު ދަތުރުވެރިންގެ މާރުކޭޓުގައި އޮރެންޖުގެ އަގު ހުރީ 10 ރުފިޔާ އާއި 12 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ. ނަމަވެސް މިއަދު ދަތުރުވެރިންގެ މާރުކޭޓުގައި އޮރެންޖެއްގެ އަގު 15 ރުފިޔާއަށް ލިބެން ހުރިއިރު، އޮރެންޖު ވިއްކަން ހުރީވެސް ދެތިން ގޮޅިއެއްގައެވެ.
ދަތުރުވެރިންގެ މާރުކޭޓުގައި އޮރެންޖު ވަރަށް މަދުން ހުރިއިރު، ބާޒާރުމަތީ ގިނަ ފިހާރަތަކުންވެސް މިއަދު ވަނީ އޮރެންޖު ހުސްވެފައެވެ.
ބާޒާރުގެ އެންމެ ހެޔޮއަގު ޕްރޮގްރާމަށް ބަލާއިރު، މިހާރު އޮރެންޖު އެންމެ އަގުހެޔޮކޮށް ލިބެންހުރީ ސަރުކާރާ ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯގެ ސުޕަމާޓުންނެވެ. އެތަނުގައި އޮރެންޖު ކިލޯއެއް 40 ރުފިޔާއަށް ލިބެން ހުރިއިރު، އޮރެންޖެއް ޖެހެނީ ގާތްގަނޑަކަށް 6 ރުފިޔާއަށެވެ. ސަރުކާރުން ހިމަނާފައިވާ އަސާސީ ކާބޯތަކެތީގެ ބާވަތްތަކުގެ ލިސްޓްގައި އޮރެންޖު ހިމެނެއެވެ. 
އޮރެންޖަކީ އާއްމު ގޮތެއްގައި ފަނިގިރުމަށް ވަރަށް ގިނައިން ދިވެހިން ބޭނުންކޮށް އުޅޭ ބާވަތެކެވެ. މީގެ އިތުރުން ރޯގާ ނުވަތަ ހުން އައުމުންވެސް އޮރެންޖު ވަރަށްގިނައިން ބޭނުންކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ