ގޫގުލްގެ 'ޕާސަނަލް އިންޓެލިޖެންސް' އެންމެންނަށް ހިލޭ ދީފި
ގޫގުލްގެ 'ޕާސަނަލް އިންޓެލިޖެންސް' ޚިދުމަތް ހިލޭ ބޭނުންކުރާ މީހުންނަށް ވެސް ދޫކޮށްލައިފިއެވެ. ގޫގުލްގެ 'ޕާސަނަލް އިންޓެލިޖެންސް' ފީޗާ ބޭނުންކުރާ މީހުންގެ ދާއިރާ އެ ކުންފުނިން ފުޅާކުރަން ފަށައިފާވާއިރު، މިދިޔަ ޖަނަވަރީ މަހު ފުރަތަމަ ތައާރަފުކުރި މި ޚިދުމަތަކީ ކުރިން ހަމައެކަނި ފައިސާ ދައްކައިގެން ގޫގުލްގެ ސަބްސްކްރިޕްޝަންތައް ބޭނުންކުރާ ފަރާތްތަކަށް ޚާއްސަ ޚިދުމަތެކެވެ. ނަމަވެސް، މިހާރު މި ޚިދުމަތް ޖެމިނައި އެޕްލިކޭޝަނާއި، ކްރޯމް އަދި ގޫގުލް ސާޗް ބޭނުންކުރާ ހިލޭ ޔޫޒަރުންނަށް ވެސް ލިބޭނެއެވެ. މި ފީޗާގެ އެންމެ ބޮޑު ބޭނުމަކީ ގޫގުލްގެ އެކި އެޕްލިކޭޝަންތަކުގައި ހުންނަ ޔޫޒަރުގެ އަމިއްލަ މައުލޫމާތުތައް ބޭނުންކޮށްގެން، އޭއައި ޗެޓްބޮޓުންދޭ ޖަވާބުތައް އިތުރަށް ފުރިހަމަކުރުމެވެ. މިގޮތުން، ޖީމެއިލްގައި ހުންނަ ބުކިންތަކާއި، ގޫގުލް ފޮޓޯސްގައި ހުންނަ މައުލޫމާތުތަކަށް ރިއާޔަތްކޮށް ޖެމިނައިއިން ޖަވާބު ދޭނެއެވެ. ޖީމެއިލްގައި ހުންނަ ބުކިންތަކާއި، ގޫގުލް ފޮޓޯސްގައި ހުންނަ މައުލޫމާތުތަކަށް ރިއާޔަތްކޮށް ޖެމިނައި އިން ޖަވާބު ދޭނެ ---- މިސާލަކަށް، މީހަކު ކާއެއްޗެއް ތައްޔާރުކުރާނެ ރެސިޕީއަކަށް އެދުމުން، އެ މީހެއްގެ ގޫގުލް ޑްރައިވްގައި ހުރި މެޑިކަލް ރިކޯޑަކުން އެއީ ލެކްޓޯޒް އިންޓޮލަރަންޓް (ކިރުގެ ބާވަތްތަކުން އެލާޖިކްވާ) މީހެއްކަން އެނގޭނަމަ، އާދައިގެ ކިރުގެ ބަދަލުގައި ގަސްގަހާގެހިން އުފައްދާފައިވާ ކިރު ބޭނުންކުރުމަށް އޭއައިއިން އަމިއްލައަށް ލަފާދޭނެއެވެ. ހަމައެހެންމެ، ކާރު ސާވިސް ކުރަން ދާނެ ޚަރަދެއް ބަލަން ބޭނުންވެއްޖެ ނަމަ، އީމެއިލްތަކުން އެ މީހެއްގެ ކާރުގެ މޮޑެލްއާއި މައުލޫމާތު ހޯދައިގެން، އާންމު ޖަވާބަކަށްވުރެ ބޮޑަށް އެ މީހަކާ ގުޅޭ ސީދާ ޖަވާބެއް ޖެމިނައިއިން ފޯރުކޮށްދޭނެއެވެ. މި ޚިދުމަތަކީ މީހުންގެ ޒާތީ މައުލޫމާތާ ގުޅިފައިވާ ކަމަކަށްވާތީ، މިއީ އޮޓޮމެޓިކުން އޮންވާނެ ފީޗާއެއް ނޫނެވެ. މީގެ ބޭނުން ހިފޭނީ ޔޫޒަރު އަމިއްލައަށް އެ ކަމަށް ހުއްދަ ދިނުމުންނެވެ. ގޫގުލްއިން ބުނާ ގޮތުގައި، ސިއްހީ މައުލޫމާތު ފަދަ ނާޒުކު މައުލޫމާތުތައް ބޭނުންކުރާނީ ޔޫޒަރު އެ ކަމަށް އެދުމުން އެކަންޏެވެ. އަދި، މި ގޮތަށް ބޭނުންކުރާ އެއްވެސް މައުލޫމާތެއް އޭއައި މޮޑެލްތައް ތަމުރީނުކުރާކަށް ގޫގުލްއިން ބޭނުމެއް ނުކުރާނެއެވެ. މި ވަގުތު މި ޚިދުމަތް ލިބެނީ ހަމައެކަނި އެމެރިކާގައި ތިބި ޔޫޒަރުންނަށް ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެހެން ގައުމުތަކަށް މި ޚިދުމަތް ފުޅާކުރާނެ ކަމަށް ގޫގުލްއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ