ސެލެރީ: ލޭ ދައުރުވުމަށް އެހީވެދީ ލޭ ހޮޅިތައް ސާފުކޮށްދިނުމުގެ އިތުރުން ލޭގެ ޕްރެޝަރު ދަށްކޮދޭ
ސެލެރީއަކީ ސިއްހަތަށް ފައިދާހުރި، ކެއުމުގައި ހިމަނަން ރަނގަޅު ތަރުކާރީއެކެވެ. ދުޅަހެޔޮކަން އިތުރުކޮށްދޭ "އެންޓި-އިންފްލެމޭޓަރީ" މާއްދާތަކާއި، ހަށިގަނޑަށް ފައިދާހުރި "އެންޓިއޮކްސިޑެންޓްސް" އެކުލެވިގެންވާ މި ފަތަކީ ހަޖަމުކުރުމުގެ ނިޒާމަށް ވެސް އެހީތެރިވެދޭ ބާވަތެކެވެ. ސެލެރީގެ އެއް ސްޓޯކް ނުވަތަ އެއް ފަތްގަނޑުގައި ހުންނަނީ އެންމެ 10 ކެލޮރީ ކަމަށްވުމުން، މިއީ ބަރުދަން ލުއިކުރަން ބޭނުންވާ މީހުންނަށް ވަރަށް މަގުބޫލު އެއްޗެކެވެ. ކުޑަކޮށް ހަރުކޮށް ހުންނަ މި ތަރުކާރީން ލިބޭ ސިއްހީ ފައިދާތައް ހީކުރާވަރަށްވުރެ ގިނައެވެ. އެމެރިކާގެ ޓެކްސަސްގެ ސިޓީއެއް ކަމަށްވާ އޮސްޓިންއަށް ނިސްބަތްވާ ރެޖިސްޓަޑް ނިއުޓްރިޝަނިސްޓް ނަތާލީ ބަޓްލާ ވަނީ ސެލެރީގެ ސިއްހީ ފައިދާތަކާ ގުޅޭގޮތުން ޝާއިއުކޮށްފައިވާ ލިޔުމެއްގައި، ކެއުމުގައި ސެލެރީ ހިމަނަންޖެހޭ މުހިންމު ފަސް ސަބަބުގެ މައްޗަށް އަލިއަޅުއްވާފައެވެ. 1- ސެލެރީ އަކީ މުހިންމު އެންޓިއޮކްސިޑެންޓްސްއިން މުއްސަނދި ބާވަތެއް އެންޓިއޮކްސިޑެންޓްސްގެ ސަބަބުން ހަށިގަނޑުގެ ސެލްތަކާއި، ލޭހިނގާ ނާރުތަކާއި، ގުނަވަންތައް ހަލާކުވުމުން ރައްކާތެރިކޮށްދެއެވެ. ސެލެރީގައި ވިޓަމިން ސީ، ބީޓާ ކެރޮޓީން އަދި ފްލޭވަނޮއިޑްސްގެ އިތުރުން، މަދުވެގެން 12 ބާވަތެއްގެ އެންޓިއޮކްސިޑެންޓްސް އެކުލެވިގެންވެއެވެ. މީގެއިތުރުން، މިއީ ހަޖަމުކުރުމުގެ ނިޒާމާއި ގުނަވަންތަކުގައި އުފެދޭ ދުޅަ ތިރިކޮށްދޭ "ފައިޓޯނިއުޓްރިއެންޓްސް" ލިބޭ މުހިންމު ވަސީލަތެކެވެ. ސެލެރީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ސެލެޑެއް--ފޮޓޯ/ޕިންޓްރެސްޓް 2- ހަށިގަނޑުގެ ދުޅަ (Inflammation) ކުޑަކޮށްދިނުން: ހަށިގަނޑުގައި ދާއިމީކޮށް އުފެދޭ ދުޅަޔަކީ ތަފާތު ބަލިތަކަށް، ހާއްސަކޮށް ހުޅުތަކުގެ ބަލިތަކަށާއި ކަށި ފީވުން ފަދަ ކަންކަމަށް މަގުފަހިވާ ކަމެކެވެ. ސެލެރީއާއި އޭގެ އޮށްތަކުގައި ދުޅަ ތިރިކޮށްދޭ ގާތްގަނޑަކަށް 25 މާއްދާއެއް އެކުލެވިގެންވެއެވެ. 3- ހަޖަމުކުރުމުގެ ނިޒާމަށް އެހީތެރިވެދިނުން: ސެލެރީގައި ހިމެނޭ މާއްދާތަކުގެ ސަބަބުން މުޅި ހަޖަމުކުރުމުގެ ނިޒާމަށް ފައިދާކުރާއިރު، ހާއްސަކޮށް ބަނޑުގެ ސިއްހަތަށް މީގެން ބޮޑު އެހީއެއް ލިބެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ސެލެރީގައި ހިމެނޭ ބައެއް މާއްދާތަކުގެ ސަބަބުން ބަނޑުގައި އަލްސަރު އުފެދުމުން ދުރުކޮށްދީ، ބަނޑުގެ ފަށަލަ ވަރުގަދަކޮށްދެއެވެ. އަދި ސެލެރީގައި 95 އިންސައްތަ ފެން އެކުލެވިގެންވުމާއި، ގިނަ އަދަދަކަށް ފައިބަރު ހުރުމުގެ ސަބަބުން ބަނޑުހިކުމުން ސަލާމަތްކޮށްދީ، ހަޖަމުކުރުމުގެ ނިޒާމު ދުޅަހެޔޮކޮށްދެއެވެ. 4- ވިޓަމިންއާއި މިނަރަލްސް ގިނަވެފައި، ގްލައިސީމިކް އިންޑެކްސް ދަށްވުން: ސެލެރީ ކެއުމުން ވިޓަމިން އޭ، ކޭ، އަދި ސީގެ އިތުރުން ޕޮޓޭސިއަމް އަދި ފޯލޭޓް ފަދަ މާއްދާތައް ހަށިގަނޑަށް ލިބިދެއެވެ. މީގައި ސޯޑިއަމް ހުންނަ މިންވަރު މަދުވުމުގެ އިތުރުން، މީގެ ގްލައިސީމިކް އިންޑެކްސް ދަށްވުމުން، ލޭގައި ހަކަރު ހުންނަ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދިނުމަށް އެހީވެދެއެވެ. 5- ހަށިގަނޑުގެ އެސިޑިޓީ އެއްވަރުކޮށްދިނުން: ސެލެރީގައި ހިމެނޭ މެގްނީޒިއަމް، ދަގަނޑު އަދި ސޯޑިއަމް ފަދަ މިނަރަލްސްގެ ސަބަބުން، ކެވޭ އެސިޑިކް ކާތަކެތީގެ އަސަރު ކުޑަކޮށްދީ ހަށިގަނޑުގެ ބެލެންސް ހިފަހައްޓައިދެއެވެ. ސެލެރީ ގަންނައިރު އަދި ރައްކާކުރާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތަކާ ގުޅޭގޮތުން ނަތާލީ ބަޓްލާ ބަޔާންކުރައްވާފައިވާ ގޮތުގައި، ސެލެރީ ގަންނައިރު ވަރުގަދައަށް، ތެދަށް ހުންނަ އެއްޗެހި އިހުތިޔާރުކުރުން މުހިއްމެވެ. މާނައަކީ ސެލެރީ ބޭނުންކުރާއިރު މޯޅިވެ އަދި ލެނބުމުގެ ބަދަލުގައި ފަސޭހައިން ބިންދާލެވޭވަރަށް ތާޒާވާންޖެހޭނެއެވެ. ހަމައެއާއެކު އޭގެ ފަތްތައް ހުންނަންވާނީ ރީތި ފެހިކުލައެއްގައި ތާޒާކޮށެވެ. ރީނދޫ ނުވަތަ މުށިކުލައިގެ ތަންތަން ހުންނަ ސެލެރީ ގަތުމުން ދުރުވުމަށް ނަތާލީ ބަޓްލާގެ ލިޔުމުގައި އިރުޝާދު ދެއްވާފައިވެއެވެ. ސެލެރީގައި ހުންނަ ފައިދާހުރި މާއްދާތައް ރައްކާތެރިކުރުމަށްޓަކައި، ކެއްކުމުގެ ނުވަތަ ކެއުމުގެ ކުޑަވަގުތުކޮޅެއް ކުރިން ކޮށުމަކީ މުހިއްމު ކަމެކެވެ. ސަބަބަކީ ކޮށާފައި ގިނައިރު ބެހެއްޓުމުން އޭގެ ފައިދާ ކުޑަވާނެތީއެވެ. ސެލެރީ ކެއްކުމުގައި އެ އާވިން ކެއްކުމުން ސެލެރީގެ ރަހައާއި އޭގައި ހިމެނޭ ފައިދާހުރި މާއްދާތައް އެންމެ ފުރިހަމައަށް ހިފެހެއްޓިފައި ހުންނާނެކަމަށް ނަތާލީ ބަޓްލާ ވަނީ ފާހަގަކުރައްވާފައެވެ. ސެލެރީ ގަތުމަށްފަހު އެއިން އެންމެ ފުރިހަމަ ފައިދާ ހޯދުމަށްޓަކައި ގަންނަތާ ފަސް ދުވަސް ނުވަތަ ހަތް ދުވަސްތެރޭ ބޭނުންކުރުމަށް ނަތާލީ ބަޓްލާ ވަނީ ލަފާ ދެއްވާފައެވެ. ސެލެރީގެ ފަތްތަކަކީ ކެލްސިއަމް، ޕޮޓޭސިއަމް އަދި ވިޓަމިން ސީ އެންމެ ގިނައިން އެކުލެވޭ ބައެވެ. ނަމަވެސް ފަތްތައް މާގިނައިރު ތާޒާކޮށް ނުހުންނާތީ، ގަންނަތާ އެއްދުވަސް ނުވަތަ ދެ ދުވަސް ތެރޭގައި ބޭނުންކުރާށެވެ. މިފަހަކަށް އައިސް ދިވެހީންގެ މެދުގައި ވެސް މަގުބޫލުކަން ހޯދަމުން އަންނަ ތަރުކާރީގެ ބާވަތެއް ކަމަށްވާ ސެލެރީ އަކީ ތަފާތު ގޮތްގޮތަށް ބޭނުންކުރެވިދާނެ ތަރުކާރީއެކެވެ. ރަހަބަލަން ނުވަތަ ކައްކައިގެން ވެސް ކެވިދާނެއެވެ. ސްމޫތީ، ސޫޕް، އަދި ޖޫސް ތައްޔާރުކުރާއިރު ވެސް ސެލެރީ ބޭނުންކުރެވިދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ