ދެކުނުގެ ސޯލާ ޕްރޮޖެކްޓް ވޯލްޑް ބޭންކްގެ ވަފުދަކުން ބަލައިފި

ވޯލްޑް ބޭންކްގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ "އެސްޕަޔާ" އަދި "އަރައިޒް" މަޝްރޫއުގެ ދަށުން ގާއިމުކޮށްފައިވާ ސޯލާ ޕީވީ ނިޒާމުތައް ބަލަން އެތަނުގެ މަތީ ފަންތީގެ ވަފުދެއް އައްޑު އާއި ފުވައްމުލަކަށް ޒިޔާރަތްކޮށްފިއެވެ.
މި ޒިޔާރަތަކީ ވޯލްޑް ބޭންކުގެ އެހީގައި ހިންގާ ހުރިހާ މަޝްރޫއުތަކެއްގެ ތިމާވެށީގެ އަދި އިޖުތިމާއީ ކަންކަން ތަންފީޒުވަމުން އަންނަ މިންވަރު ބަލައި، އެކަން ކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް ކުރިއަށް ގެންދާ "އެންވަޔަރަންމަންޓް އެންޑް ސޯޝަލް އިމްޕްލިމެންޓޭޝަން ސަޕޯޓް" މިޝަންގެ ބައެއް ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުންޏެވެ.
ވޯލްޑް ބޭންކުގެ ސައުތު އޭޝިއާ ރީޖަންގެ އެންވަޔަރަންމަންޓަލް އެންޑް ސޯޝަލް ސްޓޭންޑަރޑްސް ޕްރެކްޓިސް މެނޭޖަރު ޖަންމޭޖޭ ސިންގް އިސްކޮށް ހުންނެވި ވަފުދުގައި، އެ ބޭންކުގެ ސްރީ ލަންކާ ރީޖަނަލް އޮފީހުގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ އަސް ކުރެއްވި ދަތުރުގައި ވޯލްޑް ބޭންކްގެ ވަފުދުން އައްޑޫގައި ގާއިމުކޮށްފައިވާ 3 މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމާއި، ފުވައްމުލަކު ގައި ގާއިމުކޮށްފައިވާ 2 މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ތަފްސީލީ ގޮތެއްގައި ބަލާފައިވެ އެވެ.
އައްޑޫ އާއި ފުވައްމުލަކުގައި ކުރިއަށްދާ ސޯލާ ޕީވީގެ މަސައްކަތްތަކުގެ އިތުރުން، ބެޓަރީ އެނަޖީ ސްޓޯރޭޖް ސިސްޓަމް އަދި ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ހިނގަމުންދާ ސައިޓުތަކަށް ވެސް މި ވަފުދުން ޒިޔާރަތްކުރި އެވެ. އަދި އެ ސައިޓުތަކުގައި އަމަލީ މަސައްކަތުގައި އުޅޭ ޓީމުތަކާ ބައްދަލުކޮށް، މަސައްކަތުގެ ފެންވަރާއި ކުރިއެރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.
މި ދަތުރުގެ ތެރެއިން ވޯލްޑް ބޭންކުގެ ވަފުދުން ވަނީ އައްޑޫ މޭޔަރު އަލީ ނިޒާރާ ވެސް ބައްދަލު ކުރެއްވި އެވެ. އެ ބައްދަލުވުމުގައި، މިހާރު ކުރިއަށްދާ ބެޓަރީ ސްޓޯރޭޖް ސިސްޓަމާއި، ގްރިޑް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މޭޔަރުގެ ފީޑްބެކް ހޯއްދަވައި، މަޝްރޫއުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ކުރާނެ ފައިދާތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ