ރިރެޖިސްޓްރޭޝަން ޕޯޓަލްގެ އެކްސެސް އެމްޑީޕީ ކެމްޕެއިން އޮފީހަށް!

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ ތަން ނޫން އެހެން ތަނެއްގައި ދެވަނަ ބުރު ވޯޓުލާން ބޭނުންވާ ފަރާތްތައް އޮންލައިންކޮށް ރީރެޖިސްޓްރީ ވުމަށް އިލެކްޝަންސް ކޮމިޝަނުން ހަދާފައިވާ ޕޯޓަލްގެ އެޑްމިން އެކްސެސް އެމްޑީޕީއަށް ލިބިފައިވާކަމަށް "ދިޔަރެސް" އަށް މައުލޫމާތު ލިބިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރަކަމުގައި 25 ޖުލައިގެ ނިޔަލަށް ހުންނެވި އަލީ ނަޝާތު ވަނީ އެ ކޮމިޝަނުގެ އެހެން މެމްބަރުންނަށް ވަގަށް, އެ ޕޯޓަލްގެ ބެކްޑޯއެއް ހެދުމަށްފަހު އެމްޑީޕީއަށް އޭގެ އެކްސެސް ދީފައެވެ. އަދި މޫކައި ސޫޓްސްގައި އެމްޑީޕީން ހަދާފައިވާ ކެމްޕެއިން އޮފީހުގައި ތިބި ފަރާތްތަކުން ދަނީ ޕޯޓަލްއަށް ވަދެ އެތައް ހާސް ބައެއްގެ ރިރެޖިސްޓްރޭޝަން ފޯމުތައް ވެލިޑޭޓް ކުރަމުން ކަމަށް މައުލޫމާތު ލިބެއެވެ.
އޮންލައިންކޮށް ރިރެޖިސްޓަރ ވާ ފަރާތްތަކުން އޮންލައިންކޮށް ފޯމު ހުށަހަޅާއިރު ސެލްފީއެއް ނަގާފައި ފޮނުވަން ޖެހެއެވެ. ހުރިހާ މައުލޫމާތެއްގެ ސައްހަކަން ކަށަވަރުކޮށް, އެ ފޮޓޯއާއި ހުށަހަޅާ މީހާގެ އައިޑީ ކާޑު ދިމާވޭތޯ ޗެކް ކުރުމަށްފަހު ނޫނީ ފޯމު ބަލައި ނުގަންނާނެ ކަމަށް އިލެކްޝަންސް އިން ވަނީ ބުނެފައެވެ.
"ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާގޮތުގައި އެމްޑީޕީއަށް މި ޕޯޓަލްގެ އެކްސެސް ދިނުމުން, އެ ޕާޓީން ދަނީ ޕޯޓަލްއަށް ވަދެ މިގޮތަށް ހުށަހަޅާފައިވާ އެތައް ހާސް ފޯމުތައް ވެރިފިކޭޝަނަށް ބެލުމެއް ނެތި އެޕްރޫވް ކުރަމުންނެވެ. އެމްޑީޕީން ވަނީ ޑޜ.މުއިއްޒަށް ވޯޓުލާނެކަމަށް ބެލެވޭ ގިނަ ބައެއްގެ ނަމުގައި ވަގު ފޯމު ހުށަހަޅާފައެވެ. އަދި މިގޮތަށް މި ފޯމުތައް އެޕްރޫވް ކުރުމުން އެތައް ހާސް ބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލޭނެއެވެ.
އިލެކްޝަންސް އިން އެންމެފަހުން އާންމު ކުރި މައުލޫމާތަށް ބަލާއިރު ދެ ދުވަސް ތެރޭގައި 25493 މީހުން ރީރެޖިސްޓްރީ ކުރަން ހުށަހަޅާފައިވެއެވެ. އޭގެތެރެއިން 18349 މީހުން ރިރެޖިސްޓަރ ކުރަން ހުށަހެޅީ އޮންލައިންކޮށެވެ.
މިކަމާމެދު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިދިކޮޅު ކެންޑިޑޭޓު ޑރ.މުއިއްޒުވެސް ވަނީ ކަމާބެހޭ އިދާރާތަކުން އެ މައްސަލަ ބެލުމަށް ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ