ރިޝްވަތުގައި ނުހިފައި، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވޯޓުލާން އޭސީސީން އިލްތިމާސް ކޮށްފި

ވޯޓުދޭ އިރު ރިޝްވަތުގައި ނުހިފައި، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އެ ހައްގުގެ ބޭނުން ހިފުމަށް އޭސީސީން އިލްތިމާސް ކޮށްފިއެވެ.
އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ، އިންތިހާބާ ގުޅިގެން ހިންގާ ރިސްވަތުގެ އަމަލުތަކާއި ދައުލަތުގެ ވާސިލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތަކާއި، މީޑިއާގެ ވަސީލަތްތަކުން ފާހަގަކުރާ އަދި އެހެނިހެން ގޮތްގޮތުން ކޮމިޝަނުގެ ސަމާލުކަމަށް އަންނަ ޝަކުވާތަކާ ގުޅޭ މައްސަލަތައް، ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
މިގޮތުން ކޮމިޝަނުން ތަހުގީކުރާ މައްސަލަތަކާ ޖިނާއީ ތަބީއަތުގެ މައްސަލަތައް ކަމުން، އެމައްސަލަތައް ތަހުގީކުރުމުގައި ކޮމިޝަނުން ތަބާވަނީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުން އެކަށައަޅާފައިވާ މިންގަނޑުތަކަށް ކަމަށް އޭސީސީން ބުނެއެވެ. އަދި އެފަދަ މައްސަލަތައް ނިންމުގައި ބުރަވަނީ އެމައްސަލަތަކާ ގުޅިގެން ހުށަހެޅޭ އަދި ހޯދޭ ހެކިގަރީނާގެ މައްޗަށް ކަމަށް އޭސީސީން ވަނީ ފާހަގަ ކޮށްފައެވެ.
އޭސީސީން ބުނީ މައްސަލަ ހުށަހަޅާއިރު، ލިބެންކުރި އެކަށީގެންވާ ހެއްކާއެކު އެމައްސަލައެއް ހުށައެޅުމަކީ އެފަދަ ނޭދެވޭ އަމަލުތައް ހުއްޓުވުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުން ނަތީޖާ ނެރުމަށް ލިބޭނެ އިތުރު ބާރެއް ކަމަށެވެ.
އަދި ކެމްޕެއިނު ކުރުމުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާއި، ކޯޓަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ހުށަހެޅުމާއި، ރިޝްވަތު ހިފުންފަދަ އަމަލުތަކުން ދުރުހެލިވުމަކީ ކޮރަޕްޝަން ހުއްޓުވުމަށް ލިބިގެންދާނެ ހިތްވަރެއް ކަމަށް އޭސީސީން ބުނެއެވެ.
އެހެންކަމުން ވޯޓު ދިނުމުގެ ހައްގު ހެޔޮ ގޮތުގައި ބޭނުންކޮށް ވޯޓުދިނުމުގެ ޒިންމާ އަދާކުރުމުގައި އެއްވެސް ފަރާތަކުން ހުށަހަޅާ ރިޝްވަތުގައި ނުހިފައި، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު އެ ހައްގުގެ ބޭނުން ފުރިހަމައަށް ހިފުމަށް އޭސީސީން ވަނީ އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ