ޗައިނާއާ ގުޅުވާ ދޮގު ވާހަކަ ފަތުރާ ކަމަށް ބުނެ، މައްސަލަ ބަލައިދޭން އެމްބަސީން އެދިއްޖެ

ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން ހީނަރުވާ ފަދަ ގޮތަށް، އެ ގައުމާ ދެކޮޅަށް ރާއްޖޭގެ ބައެއް ފަރާތްތަކުން ދޮގު ވާހަކަތަކެއް ފަތުރަމުންދާ ކަމަށް ބުނެ، އެފަދަ ވާހަކަތައް ފަތުރާ މީހުންގެ މައްސަލަ ބަލައިދިނުމަށް، ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ދިވެހި ސަރުކާރުގައި މިއަދު އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - ޗައިނާ އެމްބަސީން އެ ގޮތަށް ދިވެހި ސަރުކާރުގައި އެދިފައިވާކަން ހާމަކޮށްފައިވަނީ، އެ ގައުމާ ދެކޮޅަށް ދޮގު ވާހަކަތަކެއް ފަތުރަމުންދާ ކަމަށް ބުނެ، އެކަން ކުށްވެރިކޮށް މިއަދު ހެނދުނު އެކްސްގައި އާންމުކުރި ބަޔާނެއްގަ އެވެ. 
ޗައިނާއާ ބެހޭ ގޮތުން ދޮގު ވާހަކަތައް ފަތުރާ ކަމަށް ބުނެ ޗައިނާ އެމްބަސީން މިއަދު ބަޔާނެއް ނެރެފައި މި ވަނީ، ރިޔާސީ އިންތިހާބާ ގުޅިގެން 'ދިޔަރެސް' ނޫހަށް ޗައިނާ އިން ފައިސާ ދިން ކަމަށް ބުނެ އެކްސްގައި ކޮށްފައިވާ ޕޯސްޓުތަކަކާ ގުޅިގެންނެވެ.
ތަފްސީލް - އެމްބަސީގެ ބަޔާނުގައި ބުނެފައިވަނީ، މީޑިއާގައި ހަރަކާތްތެރިވާ ބައެއް މީހުންގެ ފަރާތުން، ޗައިނާއާ ދެކޮޅަށް އަމާޒުކުރަމުންދާ "ނުރައްކާތެރި ހަމަލާތަކެއް" ފާހަގަކުރެވިފައިވާ ކަމަށެވެ. އެއީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގާތް ގުޅުން ހީނަރުކުރުމަށް، ހަދަހަދައިގެން ދައްކާ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެމްބަސީން ބުނެފައިވެ އެވެ.
ބަޔާނުގައި ބުނެފައިވާ ގޮތުން:
ޗައިނާ އިން އަބަދުވެސް ގެންގުޅެނީ ގައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުވަނުމުގެ އުސޫލު
ޗައިނާ އިން ރާއްޖޭގައި ކޮށްފައިވާ ކަންކަމަކީ، ރާއްޖޭގެ އިގްތިސޯދީ އަދި އިޖުތިމާއީ ކަންކަން ކުރިއެރުވުމަށް އެހީތެރިވެދިނުން
"[ޗައިނާއާ ގުޅުވައ] ދޮގު ވާހަކަތައް ފަތުރާ މީހުންގެ މައްސަލަ ތަހުގީގުކޮށްދިނުމަށް ދިވެހި ސަރުކާރުގައި އެދިފައިވާނެ،" އެފަދަ ވާހަކަތައް ދިވެހިން ގަބޫލުނުކުރާނެކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވެ އެވެ.
އެފަދަ ދޮގު ވާހަކަތަކުން ރާއްޖެ އާއި ޗައިނާގެ ގުޅުން ހީނަރުކުރަން އުޅޭ މީހުންނަށް އެކަން ކާމިޔާބު ނުވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ