13 އަހަރުގެ ކުއްޖާގެ މަރު: ސުޕްރީމް ކޯޓުން ވެސް ނިންމީ ދައުވާ ލިބޭ ކުއްޖާ ގެއަށް ބަދަލުކުރުމުގައި ގޯހެއް ނެތް ކަމަށް

ހުޅުމާލޭގައި 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލުމަށް ފަހު ފޮއްޓަކަށްލައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގައި ތުހުމަތުކުރެވޭ ކުޑަކުއްޖާ ގޭބަންދަށް ބަދަލުކުރުމުގައި މައްސަލައެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ވެސް އިއްޔެ ނިންމައިފި އެވެ.
މައްސަލައިގެ ފެށުން - މާލޭގައި ކުޑަކުއްޖަކު ގެއްލިގެން ހޯދަމުން
ދަނިކޮށް މިދިޔަ ޖޫން 21ގެ ރޭގެ ވަގުތެއްގައި އެ ކުއްޖާ ފެނުނީ ހުޅުމާލޭ
ދެ ވަނަ ފޭސްގެ މޫދުންނެވެ. އެ މައްސަލައިގައި ދައުލަތުން
ދައުވާ އުފުލީ 17 އަހަރުގެ ކުޑަކުއްޖަކަށާއި ނ. ލަންދޫ/ބަގީޗާގެ،
އިބްރާހިމް ޒިހާންގެ މައްޗަށެވެ. ދައުވާ ލިބޭ ކުއްޖާގެ ޝަރީއަތް ކުރިއަށް ދަނިކޮށް، ކުއްޖާ ބަންދުކޮށްފައި ހުރި މަރުކަޒަކީ ކުޑަކުދިން ބަންދުކުރާ މަޒަރުކަޒުތަކުގައި ހުންނަން ޖެހޭ މިންގަނޑުތަކަށް ނުފެތޭ ތަނެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ނިންމި ފަހުން އެކަމާ ހެދި އެ ކުއްޖާ ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ. އެ ފަހުން:
ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން
އުފައްދަން ޖެހޭ ޖުވެނައިލް ޑިޓެންޝަން ސެންޓަރު ގާއިމްކޮށްފައިވުމުން އެ
ތަނަށް އެ ކުއްޖާ ބަދަލުކުރަން ދައުލަތުން އެދުނު
ޖުވެނައިލް ކޯޓުން ނިންމާފައި ވަނީ އެ ކުއްޖާ ގެއަށް ބަދަލުކުރަން ނިންމި ނިންމުމަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް
ދައުލަތުން އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައި ކޯޓުން ވެސް ނިންމާފައި ވަނީ އެ ކުއްޖާ އަލުން ބަންދު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް
ހައި ކޯޓުން އެގޮތަށް ނިންމުނުން ދައުލަތުން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި
އިތުރަށް ކިޔާލަން - 13 އަހަރުގެ ކުއްޖާގެ މަރު: ދައުވާ ލިބޭ ކުއްޖާ އަލުން ބަންދެއް ނުކުރި
ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ އިއްވި ހުކުމުގައި ފާހަގަކުރީ ދައުލަތުން ސުޕްރީމް ކޯޓަށް ވެސް ހުށަހެޅީ ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތައް ކަމެވެ. އަދި އިސްތިއުނާފު ކުރަން ހުށަހަޅާ ފަރާތުން އިސްތިއުނާފު ކުރަން ހުއްދަ ކުރާ މިންގަނޑު ބަޔާން ކުރާ ކުރީގެ ނިންމުމަކާ ހަވާލާދީ ބުނެފައި ވަނީ، ކުޑަކުއްޖާގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ދެކޭ އެކަށީގެންވާ ސަބަބެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.
ތަފްސީލް - އެ ކުއްޖާ ދޫކޮށްލީ ބަންދާ މެދު ގޮތެއް ނިންމި އިރު ފަނޑިޔާރަށް ލިބިގެންވާ އިހްތިޔާރުން ކަމަށް ވާއިރު، އެފަދަ ހާލަތްތަކުގައި ދަށު ކޯޓުގެ ފަނޑިޔާރު އިހްތިޔާރު ބޭނުންކުރި ގޮތުގެ މައްޗަށް ވަނުމަކީ މަދު ހާލަތެއްގައި ނޫނީ އިސްތިއުނާފީ ކޯޓުން ވަންނާނެ ކަމެއް ނޫން ކަމަށް ހުކުމުގައިވެ އެވެ. އަދި އެކަމުގެ ތެރެއަށް ވަދެވޭނެ ފަދަ ހާލަތެއް އޮތް ކަމަށް ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.
އެ ހުކުމުގައި ވަނީ:
ވަނީ ދަށު ކޯޓުން ނުވަތަ ހައި ކޯޓުން ގާނޫނު މާނަ ކުރުމުގައި ނުވަތަ ގާނޫނު ތަތުބީގު ކުރުމުގައި ގޯހެއް ހަދާފައިވާ ކަމުގެ ބޮޑު ގާނޫނީ ބަހުސެއް ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށް 
އެހެންވެ، ހައި ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި ހުކުމް ކުރި
މި މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުސްނުއްސުއޫދެވެ. ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ.
މި މައްސަލަ ހައި ކޯޓުގައި އޮތް އިރު އެ ކުއްޖާގެ ފަރާތުން ބުނެފައި ވަނީ އޭނާ ގޭގައި ހޭދަކުރި މުއްދަތުގެ ތެރޭގައި އެއްވެސް ހެއްކަކަށް ނުފޫޒު ފޯރުވަން މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ކަމެއް ވެސް ބަންދުގެ މުއްދަތުގައި ނުކުރާ ކަމަށެވެ.
ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން ކުއްޖާއާ ގުޅޭ ގޮތުން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދޭ ކަމަށް ހައި ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވެ އެވެ. އަދި އޭނާ ތައުލީމު ހާސިލުކުރުމަށް މިހާރު ކޯހެއް ފުރިހަމަކުރަމުން ދާކަން ވެސް ފާހަގަ ކުރި އެވެ.
ކުޑަކުއްޖާގެ މައްޗަށް ކޮށްފައިވާ ދައުވާތައް:
ގަސްދުގައި މީހަކު މެރުމުގެ ދައުވާ
ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ދައުވާ
މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ