ތެޅިފޮޅިގެން ސަރުކާރު ކޯލިޝަން ރޫޅާލަން ނޫޅޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީން ވާދަކުރުމާ ގުޅޭ ގަރާރު އެ ޕާޓީގެ ގައުމީ ޖަލްސާ އިން ރޭ ވަނީ ފާސްކޮށްފަ އެވެ. އެ ގަރާރު ޖޭޕީގެ ގައުމީ ޖަލްސާ އިން ފާސްކުރުމުން ދެން އެ ނިންމުން ގެންދާނީ އެ ޕާޓީގެ ކައުންސިލަށެވެ. ޖޭޕީ ރިޔާސީ އިންތިހާބުގައި ވާދަކުރާނީތޯ ނުވަތަ ނޫންތޯ ނިންމާނީ އެޕާޓީގެ ކައުންސިލުންނެވެ.
އެ ގަރާރަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގެ ތެރެއިން ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ޖޭޕީން ކަންކަން ކުރުމުގައި އަވަސްވެގަނެގެން ނޫޅޭ ކަމަށާއި އަކުރުން އަކުރަށް ކަންކަން ކޮށްދޭން ނެތް ނަމަވެސް ތެޅިފޮޅިގަނެގެން ސަރުކާރު ކޯލިޝަން ރޫޅާލަން ނޫޅޭ ކަމަށެވެ.
"ރިޔާސީ އިންތިހާބުތެރޭ ވެވޭ ވައުދުތައް ވެސް ހަދުމަނެތިގެން ދިޔައަސް އަޅުގަނޑުމެން އެކަމަކާ ވެސް ނޫޅެމޭ." ގާސިމް ވިދާޅުވި އެވެ.
ސިޔާސީ ޕާޓީއެއް އުފައްދައިގެން ބަޔަކު އުޅެނީ އަބަދުވެސް ގައުމަށް ހެޔޮގޮތާއި ރަނގަޅު ގޮތް ހޯދައިދިނުމަށްޓަކާ ކަމަށް ގާސިމް ވިދާޅުވި އެވެ. ޖޭޕީން ކުރާ މަސައްކަތަކީ އެއީ ކަމަށާއި ރިޔާސީ އިންތިހާބުތަކުގައި ކޯލިޝަން ހެދުމުން ދެން ވާގޮތުގެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ރައްޔިތުންނަށް އިހުސާންތެރިކަމާއި އިހުލާސްތެރިކަމާއެކު ކަންތައް ކޮށްދޭނަމަ، ކޮށްދެވޭނެމަ އެކަން އެ ނިމުނީ. އަޅުގަނޑުމެންގެ މަގުސަދު އެ ހާސިލްވެގެންދަނީ. އެކަމަކު ޒާތީ ގޮތުން އެއްވެސް ބަޔަކާއި ދިމާކޮށް ވާހަކަދެއްކުމުގެ ބޭނުމެއް ނެތް. އެއީ އަޅުގަނޑުމެން ކުރާ ހިތްވާ ކަމެއް ނޫން." ގާސިމް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީ އާއި އެމްޑީއޭ އިން މިހާރު ވަނީ ނިންމާފަ އެވެ. ސަރުކާރު ކޯލިޝަނުގައި ދެން ހިމެނޭ އެމްއާރްއެމުން މިހާތަނަށް އިންތިހާބުގައި ވާދަކުރުމާ މެދު މާބޮޑު ވާހަކައެއް ދައްކާފައެއް ނުވެ އެވެ.
ތެޅިފޮޅިގެން ކޯލިޝަން ރޫޅާލާކަށް ނޫޅެން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ