ކަތިވަޅި ހިފައިގެން އުޅޭނަމަ ފުލުހުން ޝޫޓް ކުރާނެ: އުމަރު

ވެރިކަން ލިބިވަޑައިގެންފިނަމަ ފިހާރަތަކަށް ކަތިވަޅި ހިފައިގެން ވަދެ ނޫޅެވޭނެ ކަމަށާއި އެފަދަ މީހުން ގަޔަށް ފުލުހުން ބަޑި ޖަހާނެ ކަމަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެެވެ.އުމަރު ރޭ ވިލިމާލޭގައި ބޭއްވި އިވެންޓެއްގައި ވާހަކަދައްކަމުން ވިދާޅުވީ ރާއްޖޭގައި ގޭންގުތަކުގެ ބާރު ފުލުހުންނަށް ވުރެ ގަދަވެފައިވާ ކަމަށާއި ތަންތަނަށް ވަދެ ހަމަލާދިނުމާއި، މީހުންގެ ގަޔަށް ވަޅި ހަރައި މީހުން މަރަން ފަށާފައިވާ ކަމަށެވެ.ގޭންގުތަކުގެ މާރާމާރީ އިތުރުވެފައިވާ ކަމަށާއި ފާއިތުވި 10 އަހަރުތެރޭ 70 މީހުން މަގުމަތީގައި މަރާލެވިފައިވާ ކަމަށާއި މިކަމަށް ފިޔަވަޅު އަޅަން ދަންނަ އެއްވެސް ސަރުކާރެއް މިހާތަނަށް ރާއްޖެ އަށް އައިސްފައި ނުވާ ކަމަށް އުމަރު ވިދާޅުވި އެވެ. އެގޮތުން އޭނާގެ ވެރިކަމެއްގައި މި ބާވަތުގެ ކަންކަން ނުކުރެވޭނެ ކަމުގެ ޔަގީންކަން އުމަރު ދެއްވި އެވެ."އަޅުގަނޑު ތިބޭފުޅުންނަށް ދޭ ޔަގީން ކަމަކީ އަޅުގަނޑުގެ ވެރިކަމެއްގައި މިބާވަތުގެ ކަންކަމެއް [ކަތިވަޅި ހިފައިގެން ފިހާރަތަކަށްވަދެ] ނޫޅެވޭނެ. މިހެން ކަތިވަޅި ހިފައިގެން ވަޅި ހިފައިގެން ފިހާރަ ފިހާރަށް ވަންނަ ކަމަށްވަންޏާ ފުލުހުން ޝޫޓް ކުރާނެ. ފުލުހުން ޝޫޓްކުރާނެ މިކަހަލަ މީސްމީހުން ގަޔަށް" އުމަރު ނަސީރު ވިދާޅުވި އެވެ.އަމަން އަމާންކަން ދަމަހައްޓާނީ "ޗޮކްލެޓް" ކާންދީގެން ނޫން ކަމަށާއި އެކަންކުރާނީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އެކަން ކުރާ ގޮތަށް ކަމަށް އުމަރު ނަސީރު ވިދާޅުވި އެވެ.ރާއްޖެއަކީ އަމާން އަދި މަސްތުވާތަކެތިން ސަލާމަތް ކުރެވިފައިވާ ގައުމަކަށް ހަދާނެ ކަމުގެ ޔަގީންކަންވެސް އުމަރު ވަނީ ދެއްވާފަ އެވެ. އުމަރު އިތުރަށް ވިދާޅުވީ، އެފަދަ ބޮޑެތި މައްސަލަތަކަށް ހައްލެއް ލިބޭނީ އިސްލާމީ ޝަރީއަތުގައި ހިފަހައްޓައިގެން ކަމަށެވެ.ރިޔާސީ އިންތިހާބުގައި އުމަރު ވާދަކުރުމަށް ހަމަޖެހިފައި ވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ