ޕީސީބީއަށް އައްޔަން ކުރެއްވި ޝިރުވީނަށް ރުހުން ހޯދުމުގެ މައްސަލަ ކޮމިޓީއަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް އައްޔަން ކުރެއްވި މ.ލޭންޑްއޮފްގާރޑްން، އަލްއުސްތާޛާ ފާޠިމަތު ޝިރުވީންއަށް ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުއްވައިފިއެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ޤާނޫނީ ދާއިރާއިން ބޭފުޅަކު އައްޔަންކުރައްވަންޖެހެއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޕީސީބީގެ މެމްބަރުކަމަށް އަލްއުސްތާޛާ ފާޠިމަތު ޝިރުވީން ޢައްޔަންކުރައްވާފައިވަނީ ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން، އެ ބޯޑަށް ޤާނޫނީ ދާއިރާއިން އައްޔަންކުރައްވަންޖެހޭ މެމްބަރުގެ ގޮތުގައެވެ.
ޝިރުވީން އަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާ ކުރެއްވުމަށް މަޖިލީހުން ފޮނުވީ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް، (އެސްއޯއީ) ކޮމިޓީއަށެވެ.
އަލްއުސްތާޛާ ފާޠިމަތު ޝިރުވީން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރަކަށް ޢައްޔަންކުރެއްވުމާއި ހަމައަށް މަސައްކަތްކުރައްވަމުން ދިޔައީ ދިވެހިރާއްޖޭގެ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް ކައުންސިލްގެ ގޮތުގައެވެ. އަދި މިހާރުވެސް ޝިރުވީންއަކީ ފެމެލީ ލީގަލް ކްލިނިކް، އެން.ޖީ.އޯގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއްވެސްމެއެވެ.
އަލްއުސްތާޛާ ފާޠިމަތު ޝިރުވީން ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ކެމްބްރިޖުން މާސްޓަރސް އޮފް ލޯ ޙާޞިލްކުރައްވާފައެވެ. 4 އަހަރުގެ ދައުރަކަށް އައްޔަންކުރައްވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަކީ 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. އެ ބޯޑުގެ މެމްބަރުކަމަށް އަލަށް އައްޔަންކުރެއްވި ޝިރުވީންއާއެކު ބޯޑުގައި މިވަގުތު ތިއްބެވީ 6 މެމްބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ