ރައީސްގެ ދެކަނބަލުން އުމްރާއަށް މިއަދު ފުރާވަޑައިގެންފި

އުމްރާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ފުރާވަޑައިގެންފިއެވެ.
ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ މެހެމާން ދާރީގައި ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް އޮފީހުން ބުނީ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އިސްލާމީ މަރްކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިހް މުހައްމަދު ލަތީފް ބައުވެރިވެވަޑައިގަންނަވާޏެ ކަމަށެވެ.
އަދި ހަމައެހެންމެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް، މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ޕްރެޒިޑެންޝަލް އެފެއާޒް އަލީ އާރިފް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ޢަބްދުﷲ ނާޞިރުވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާ އަރިހުގައި ވަޑައިގަންނަވާ ބޭފުޅުން މި ދަތުރުފުޅު ކުރައްވަނީ ސައޫދީ ސަރުކާރުން ފޮނުއްވި ހާއްސަ މަތިންދާ ބޯޓެއްގައި ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ