އަބްދުﷲ ރަޝީދުގެ މަރުގައި ފުލުހުންގެ އިހުމާލު އޮތްކަމުގެ ހެއްކެއް ނެތް: އިމްރާން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ގދ. ހޯނޑެއްދޫ، ސާވެން، އަބްދުﷲ ރަޝީދު މަރުވުމުގައި ފުލުހުންގެ އިހުމާލެއް ނެތް ކަމަށް އެކަމާ ގުޅިގެން ކުރި ތަހުގީގުން ހާމަވެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
މީގެ ހައެއްކަ މަސް ކުރިން މަސްތުވާތަކެތީގެ މައްސަލައެއްގައި ހޯނޑެއްދޫއިން ރަޝީދު ހައްޔަރުކޮށްގެން ލޯންޗަކަށް އަރުވަނިކޮށް އޭނާގެ މެއަށް ތަދުވާ ކަމަށް ރަޝީދު ބުނަމުންދިޔަ ކަމަށް އެ ވަގުތު ބަނދަރު ސަރަހައްދުގައި ތިބި މީހުން ވަނީ ބުނެފަ އެވެ. ނަމަވެސް އޭނާ ވަގުތުން ފަރުވާއަށް ގެންދަން ފުލުހުން މަސައްކަތް ނުކުރި ކަމަށް އޭރު ތުހުމަތު ކުރެވުނެވެ.
އެ ތުހުމަތުތަކާ ގުޅިގެން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މައްސަލަ ތަހުގީގުކޮށްފައި ވާއިރު، އަބްދުﷲގެ އާއިލާގެ ނުރުހުމުގައި އޭނާގެ ޕޯސްޓްމޯޓަމް ވެސް ފުލުހުން ހެދި އެވެ.
އަންނަ ބުރާސްފަތި ދުވަހަށް އަބްދުﷲ ގެ މަރަށް ހަތް މަސް ފުރޭއިރު، އެ ތަހުގީގުތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައިނުވާ ކަމަށް ބުނެ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވަނީ ހޯމް މިނިސްޓަރާ ސުވާލުކުރައްވައިފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން، އިމްރާން ވިދާޅުވީ އަބްދުﷲގެ މަރާ ގުޅިގެން ޕޯސްޓްމޯޓަމްގެ އިތުރުން އެ މައްސަލަ ތަހުގީގުކުރީ އެކަމުގައި ފުލުހުންގެ ފަރާތުން އަނިޔާއެއް ނުވަތަ އިހުމާލެއް އޮތްތޯ ބެލުމަށް ކަމަށެވެ.
"އެ ތަހުގީގުގައި ފުލުހުންގެ ސީދާ އަނިޔާއެއް ނޫނީ އިހުމާލެއް އޮވެގެން އޭނާ [އަބްދުﷲ ރަޝީދު] މަރުވުމަށް ދިމާވި ކަމުގެ އެއްވެސް ހެއްކެއް އަޅުގަނޑުމެންނަށް ލިބޭކަށް ނެތް،" އިމްރާން ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި އަބްދުﷲ ހައްޔަރުކޮށްގެން ރަށުން ގެންދިޔުމުގެ ތެރޭގައި، އޭނާގެ މެޔަށް ތަދެއް އަރައި، ސީޒާއެއް ޖެހޭފަދަ އަލާމާތްތަކެއް ފެނުމާ ގުޅިގެން ގދ. މަޑަވެލީ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ