ހުޅުމާލޭގައި ހޮސްޕިޓަލުން ކެންސަރަށް ފަރުވާ ހޯދާ 1200 އަށްވުރެ ގިނަ މީހުން

ރާއްޖޭގައި މަރުވާ މީހުންގެ ނިސްބަތުން 84 އިންސައްތަ މީހުންނަކީ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންކަން ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެތެރެއިންވެސް އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރާ އެއް ބައްޔަކީ ކެންސަރު ބައްޔެވެ. ކެންސަރު ބައްޔާއި މެދު ހޭލުންތެރިކުރުވާ، މިބަލީގެ ފަރުވާގެ ނިޒާމު ރާއްޖޭގައި ވަރުގަދަކޮށް ބަލި ފެތުރެން މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ކަމާއި ގުޅޭ ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގައި ކެންސަރުގެ ފަރުވާ އަދި އެންމެ އެދެވޭގޮތުގައި ފުޅާވެގެން ގޮސްފައި ނުވިނަމަވެސް، މަޑުމަޑުން މިދާއިރާ އަންނަނީ ކުރިއަރަމުންނެވެ. ކެންސަރަށް ރާއްޖޭގައި އެންމެ ފުޅާކޮށް ޚިދުމަތްދެވޭ އެއް ހޮސްޕިޓަލަކީ ހުޅުމާލޭ ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުގައި ކެންސަރުގެ ފަރުވާ ދެމުން އަންނަނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލާއި ގުޅިގެންނެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހުޅުމާލޭ ހޮސްޕިޓަލުގެ ޑިރެކްޓަރ ޕަބްލިކް ރިލޭޝަންސް، ޢަބްދުﷲ މަޢުރޫފް ވިދާޅުވީ، ހުޅުމާލޭ ހޮސްޕިޓަލުގައި ދެމުންދާ، ކެންސަރުގެ ފަރުވާ ހަރުދަނާ ކުރުމަށް އެ ހޮސްޕިޓަލުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
"އަޅުގަނޑުމެން ކަނޑައަޅާފައިވާ ވަކި ޚާއްސަ ތާވަލެއްގެ ދަށުން ވިޒިޓިންގ ޑޮކްޓަރސް މިކޮޅަށް ވިޒިޓް އެބަކުރޭ. ރޯދަމަހުވެސް މެދުކެނޑުމެއްނެތި އެބޭފުޅުންގެ ޝެޑިއުލާއި އެއްގޮތަށް ވިޒިޓްކުރޭ. މިއީ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ލުޔެއް. ރާއްޖޭގައި ތިބެގެން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުމަކީ" މައުރޫފް ވިދާޅުވިއެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި ޖުމްލަ 1247 ކެންސަރ ޕޭޝަންޓުން ރަޖިސްޓަރކޮށް ފަރުވާ ދެމުންދާކަން އެ ހޮސްޕިޓަލުގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މިހާތަނަށް ޖުމްލަ 425 ޕޭޝަންޓުން ކީމޯ ތެރަޕީއަށް ރަޖިސްޓަރކޮށްފައިވާއިރު، 60 ޕޭޝަންޓުންނަށް މިވަގުތުވެސް ޚިދުމަތްދެމުންދާކަން ހުޅުމާލޭ ހޮސްޕިޓަލުން ފާހަގަކުރައްވައެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި ކޮންމެ ދުވަހަކުވެސް 3 އާއި 15 އާއި ދެމެދުގެ ޢަދަދަކަށް މީހުންނަށް ކީމޯ ތެރަޕީ ސެޝަން ނަގަމުންދާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. އެއީ ހޮސްޕިޓަލުގައި މިވަގުތު ހުރި ކީމޯ ތެރަޕީގެ 5 އެނދުގެ ޖާގައިން ޚިދުމަތް ދެވޭ ނިސްބަތްކަން ހޮސްޕިޓަލުން ފާހަގަކުރައްވައެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ އިތުރުން އައި.ޖީ.އެމް.އެޗްގައިވެސް ކެންސަރަށް އެކި ފަރުވާ ދެއެވެ. އަދި އަތޮޅުތަކުގެ ބައެއް ހޮސްޕިޓަލުތަކުންވެސް ކީމޯ ތެރަޕީގެ ޚިދުމަތް އަންނަނީ ދެމުންނެވެ. ރާއްޖޭގައި ކެންސަރަށް ފަރުވާ ހޯދާ މީހުންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި އާސަންދަ މެދުވެރިކޮށް 2021 ވަނަ އަހަރުގެ ނިޔަލަށް ކެންސަރަށް ފަރުވާ ހޯދުމަށް 116 މިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ