ވެލިދޫ ކުނި ކޮށި އިމާރާތުގައި ރޯވީ ކަރަންޓު ޝޯޓެއްގެ ސަބަބުން، ލިބުނު ގެއްލުމުގެ އަދަދު 3 މިލިއަނަށް އަރާ

ނ. ވެލިދޫ ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓު (ކުނި ކޮށި) އިމާރާތުގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ޝޯޓެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް އެ ރަށު ކައުންސިލުން ހާމަކޮށްފިއެވެ.
އާންމުން ދިރިއުޅޭ ސަރަހައްދާ އެކަހެރިކޮށް ވެލިދޫ އިރު އުތުރުގައި 2022 ވަނަ އަހަރު ގާއިމްކުރި ކުނި ކޮށީގައި އަލިފާން ރޯވެފައި ވަނީ އިއްޔެ މެންދުރުއެވެ. އަދި އެ ހާދިސާގައި އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައިވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވެއެވެ.
އެކަމާ ގުޅިގެން ވެލިދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ވެލިދޫގައި ބިނާކޮށްފައިވާ 13،000 އަކަފޫޓުގެ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރުގައި އިއްޔެ 12:00 ހާއިރު ރޯވި އަލިފާން ކޮންޓްރޯލް ކުރެވިފައިވަނީ މެންދުރު 14:30 ހާއިރު ކަމަށެވެ.
ހާދިސާ ހިނގުމަށް މެދުވެރިވެފައި ވަނީ އިމާރާތުގެ ކުނި ބަހައްޓާ ސަރަހައްދުގައި ކަރަންޓު ޝޯޓެއް ވެގެންކަމަށް ލަފާކުރެވޭ ކަމަށާއި އަދި އަލިފާން ރޯވުމަށް މެދުވެރިވި ސަބަބު ކަށަވަރު ކުރުމަށް ކައުންސިލް އިދާރާއިން މަސައްކަތް ކުރަމުންދާ ކަމަށް ވެއެވެ.
"މިހާދިސާގައި ސެންޓަރުގެ ބޮޑުބަޔަކާއި އެކު އެތަނުގައި ބޭނުންކުރުމަށް ބެހެއްޓިފައިހުރި މެޝިނަރީތައް އަދި ފުޓުބޯޅަ ދަނޑުގައި ބޭނުންކުރަމުންދާ ޑްރެގް ބްރަޝް މެޝިން ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި، މި ހާދިސާ އާއި ގުޅިގެން ލިބުނު ގެއްލުމުގެ އަދަދު ތިން މިލިއަން ރުފިޔާ އަށް އަރާނެކަމަށް ލަފާ ކުރެވޭ" ކައުންސިލުން ނެރުނު ބަޔާނުގައި ވެއެވެ.
އަލިފާން ކޮންޓްރޯލް ކުރުމުގައި ވެލިދޫގެ ރައްޔިތުންނާއި، ވެލިދޫ ޕޮލިސް ސްޓޭޝަންއާއި، ކައިރިގައިވާ ރިސޯޓްތައްކަމަށްވާ ޝެވަލް ބްލޮންކް ރަންދެލި، ސިޔާމް ވާރލްޑް އަދި ވެލާ ޕްރައިވެޓް އައިލެންޑް އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އެހީތެރިކަން ލިބިފައިވާ ކަމަށް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ