އެމްއެންޑީއެފްގެ ޝަރަފުގެ ހިނގާލުން އޮންނާނީ އަންނަ ހުކުރު ދުވަހު

މިނިވަން ދުވަހާ ގުޅިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން މިއަދު ބާއްވަން ތާވަލުކުރި "ޝަރަފުގެ ހިނގާލުން" އަންނަ ހަފުތާގެ ހުކުރު ދުވަހު ބާއްވަން ނިންމައިފިއެވެ.
އެމްއެންޑީއެފުން ޝަރަފުގެ ހިނގާލުން ފަސްކުރީ މޫސުން ތަންނުދިނުމުގެ ސަބަބުންނެވެ. މިއީ ކޮންމެ އަހަރަކުވެސް މިނިވަން ދުވަހާ ގުޅިގެން އެމްއެންޑީއެފުން ބާއްވަމުން އަންނަ ހަރަކާތެކެވެ. މި ހަރަކާތް ބެލުމަށް ގިނަ އަދަދެއްގެ ރައްޔިތުން އެއްވެއެވެ.
އެ އިދާރާއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިނގާލުން 2 އޯގަސްޓްވާ ހުކުރު ދުވަހުގެ ހަވީރު ބާއްވާގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
މޫސުން ތަން ނުދިނުމުގެ ސަބަބުން މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުވެސް ނުބާއްވައެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މިރޭ ސޯޝަލް ސެންޓަރުގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޤައުމާ މުޚާޠަބުކުރައްވާނެކަމަށް ރައީސް އޮފީޙުން ވިދާޅުވެއެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރުމުގެ އިނާމު ލިބޭ 138 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ، ޝަރަފުގެ ބެޖާއި، އައްޑަނަ ދެއްވާނެއެވެ.
މިއަހަރު މި އިނާމް ލިބިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ދައުލަތަށް 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ 70 ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ