މިއަދު ހިފާ އިރުކޭތަ ރާއްޖެއަށް ނުފެންނާނެ: މައުމޫން

ދުނިޔޭގެ ބައެއް ހިސާބުތަކަށް މިއަދު ފެންނަ އިރުކޭތަ ރާއްޖެއަށް ނުފެންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ފަލަކީ އިލްމުވެރިޔާ، މައުމޫން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ހަތަރު މިނެޓް 24 ސިކުންތަށް ހިފާ އިރުކޭތަ ރާއްޖެއަށް ނުފެންނާނެ ކަމަށެވެ. އެއީ އިރު ކޭތަ ހިފަން ފަށަނީ ރާއްޖެ ގަޑިން 20:42 ގައި ކަމަށްވާތީ ކަމުގައި މައުމޫން ވިދާޅުވިއެވެ.
މިއަދު ހިފާ އިރުުކޭތަ އެމެރިކާގެ 15 ސްޓޭޓަކަށް ފެންނާނެ ކަމަށްވެއެވެ. އިރު ކޭތަ ހިފާނެ ކަމަށް ބެލެވެނީ ޖީއެމްޓީ ގަޑިން 17:00 ގައެވެ. މިއަދު ހިފަނީ ޓޯޓަލް ސޯލާ އިކްލިޕްސްއެކެވެ. އެއީ ހަނދުގެ ހިޔައިން މުޅި އިރު އެއްކޮށް ފޮރުވާލާނެ އިރުކޭތައެކެވެ.
އިރުކޭތައިގެ ހަރަކާތް ފަސް ގަޑިއިރާއި ހަ ގަޑިއިރުގެ ވަގުތަކަށް ދެމިގެންދާއިރު އޭގެ ސަބަބުން ފަލަކުން ހަނދު ފެނުމަކީ ނާދިރު ކަމެކެވެ. އެކަމަކު ދުނިޔޭގެ ގިނަ ގައުމުތަކުގައި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުން މިރޭ އޮންނާނެއެވެ.
ދުނިޔޭގެ ގިނަ ގައުމުތަކަށް ފިތުރު އީދު ވާނީ އޭޕްރީލް މަހުގެ 10 ވާ ބުދަ ދުވަހެވެ. އެއީ 30 ދުވަހުގެ ރޯދައަށް ފަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ