އަދުރޭގެ އައުވާނުން ސަރުކާރުން ފައްސާ ނަގަލާނެ!

މުއިއްޒުގެ މާލިމީ ކަމުގައި ކަނޑުދުވަން ނިކުމެއޮތް ރާއްޖެއޮޑިއަށް ވަށައިގެން ނަގާ ބޯމަތިވަމުން އަންނަ ވިލާގަނޑުތައް ދިމާލަށް އެހެރަ ފެންނަނީއެވެ. ކޮޅިގަނޑުގެ ވައިވަރު މިހާރުވެސް އެހެރަ ފެންނަން ފެށީއެވެ. ކޮޅިގަނޑު ހިނދި ފާނޯލާނީކަން ނޫނީ ކޮޅިގަޑުޖެހި މަޑޫތައް ބިނދި އޮޑި ފެތޭނީކަން އެނގޭނީ މިމަހުގެ އަށާވީހުގެ ފަހުންނެވެ.
ގަބޫލުކުރިޔަސް ނުކުރިޔަސް މުއިއްޒުގެ ސަރުކާރަށް ލޮޅުންތަކެއް އަރަމުން އެބަދެއެވެ. މުއިއްޒު ސަރުކާރަށް އަރާލޮޅުން ގުޅިފައިވަނީ ރާއްޖޭގެ އިގުތިސާދުގެ މައިތަނބާއެވެ. ފަތުރުވެރިކަމާއެވެ. ލޮޅުމުގެ އަސަރު ކުއްލިއަކަށް ފެނިގެން ދިޔައީ ފަތުރުވެރި ކަމުގެ ވަޒީރު އަމިއްލައަށް ފެންވަރެއް ނެތްކަމަށް އިއުތިރާފްވެ އަލުން ކިޔަވައިގެން މޮޅުކުއްޖަކަށް ވެގެން ރައްޔިތުން އެދޭ ހެޔޮބަދަލު ގެނެސްދޭނެ ކަމަށް ބުނެ މާފަށް އެދުނު ހިސާބުންނެވެ.
ފަތުރުވެރި ކަމުގެ ވަޒީރަކީ މުއިއްޒުގެ އިސްވަޒީރުގެ ދަރިކަލުންނަށް ވީތީ މަޖުބޫރުވެގެން މަގާމު ދިންއިރު އޭނާގެ ފެންވަރު މުއިއްޒަށްވެސް އެނގެއެވެ. ރައީސް ކަމުގެ މަގާމު ހޯދަން ޖެހުނުގޮތުން މުއިއްޒު ހުރީ އިސްވަޒީރު އަދުރޭގެ އަތްދަށުވެ ހައިޖެކްވެފައެވެ. ތަނެއް ދޮރެއް ފެންވަރެއް ބެލުމެއްނެތި އަދުރޭ ބުނިހާ ބަޔަކަށް ދައުލަތް ބަހާލުމުން ވެގެންދިޔައީ މުއިއްޒު އަތަށް އޮޅިފައިއޮތް ކަންވާރު ބޮޅަކަށެވެ. ފަށަކަށް ދަމާލިވަރަކަށް ޖެހެނީ ގޮށެވެ. 
ފަތުރުވެރިކަން އިސްތިހާރުކޮށް ކުރިއެރުވުމުގެ މަސައްކަތް ކުރަނީ އެމްއެމްޕީއާރުސީންނެވެ. އެތާނގެ ޗެއަޕަރސަނަކީ މުއިއްޒުގެ މުސާރަ ނުނަގާ އިގްތިސޯދީ މުޝީރުގެ ދެލޯނޭދި އެދޭ ލޮބުވެތި ދަރިކަނބަލުންނެވެ. ބޭރުން އިންވެސްޓަރުން ގެނައުމާއި ބައިއަޅައިގެން ގައުމު ފޮތިފޮތިކޮށް ކާލުމުގައި މުއިއްޒުގެ އެންމެ ބޮޑު ޕާޓްނަރަކީ މުސާރަ ނުނަގާ މުޝީރެވެ. ޖަނާހާއި މުއިއްޒުގެ ގުޅުމުގެ އަޑިއެނގޭ ވަރަށްވުރެ މާފުނެވެ.
މުސާރަ ނުނަގާ މުޝީރުގެ ދަރިކަނބަލުން ކިތަންމެ މޮޅަސް ސަރުކާރު ފެށިގެން އައިއިރު އިސްވަޒީރުގެ ނުފޫޒުން މުޅި އެމްއެމްޕީއަރުސީގެ ބާރު އޮތީ ފަތުރުވެރި ވަޒީރު މުށުގައެވެ. އެމްއެމްޕީއާރުސީ ހިންގަނީ ފަތުރުވެރި ވަޒީރުގެ ގޮނޑިކޮއްކޮއެކެވެ. ނަތިޖާއެއްގެ ގޮތުން އިސްވަޒީރާއި މުސާރަ ނުނަގާ މުޝީރުގެ ގަދަ ހިފުމަކަށް ރާއްޖޭގެ ފަތުރުވެރިކަން ވެގެން ދިޔައީއެވެ.
ބޮޑުދެގެރި ތަޅަންޏާ ބާރުކުރާނީ ކައްގަލަށް ކަމުން އެންމެ ފަހުން މުސާރަ ނުނަގާ މުޝީރު ޖަނާހުގެ ދަރިކަނބަލުން ނޫރައިން އެމްއެމްޕީއާރުސީގެ ޗެއަރ ދޫކޮށްލެއްވީއެވެ. އޭގެފަހުން ރަނގަޅު އެއްދުވަސް ނުވެ އެމްއެމްޕީއާރުސީގެ އެމްޑީ އަދި ފަތުރުވެރި ވަޒީރުގެ ގޮނޑިކޮއްކޮ ކުޑޫ މަގާމުން ވަކިކުރީއެވެ. 
މަންޒަރު ބަދަލުވަމުން ދަގޮތް ދެކެން ތިބޭށެވެ. މިމަހުގެ 28 ގައި މަޖިލިސް ހުވާކުރުމައެކު އިސްވަޒީރުގެ ހައިސިއްޔަތު ގެއްލި ރައީސް އޮފީހުން އަދުރޭ ބޭރުވާނެއެވެ. އިސްވަޒީރު ކަމަށް އެހިސާބުން މުސާރަނުނަގަ މުޝީރު އިސްކޮށް ކުޅިބައި އަލުން އަތުރާލާ ގޮތް ފެނިގެން ދާނެއެވެ. ކިތަންމެ މައްޗަށް ފައިނަގައިގެން ހުއްޓަސް އަދުރޭއަށް މަޖިލީހުގެ ރައީސް ކަމެއްވެސް ނުލިބޭނެއެވެ. ސަރުކާރާ މަޖިލިސް އޮންނަނީ މުއިއްޒުގެ މުށުތެރޭގައެވެ. މަދިރިއަށް ދުން އެޅިމާ މަދިރިތައް ބުރައިގެން ދާހެން އަދުރޭގެ އައުވާނުން ސަރުކާރުން ފައްސާ ނަގަލާނެއެވެ. ފެންނަން މިފެށީ އޭގެ ކޮޅުމައްޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ