ޑްރަގަކީ ގައުމީ ސަލާމަތަށް އޮތް ގޮންޖެހުމެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލަ އަކީ ގައުމީ ސަލާމަތަށް އޮތް ގޮންޖެހުމެއް ކަމަށާއި އެ މައްސަލަ އަށް އެކަށީގެންވާ ހައްލެއް ހޯދަން ސަރުކާރުން ސާބިތުވެ އޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ވިޔަފާރިއާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖެއްގައި އެ މަނިކުފާނު ވިދާޅުވީ މަސްތުވާތަކެއްޗަކީ މުޅި މުޖުތަމަޢުގެ ބަދަހިކަމަށް އަސަރުކުރުވާ، އިޖުތިމާއީ، އިގުތިސޯދީ، އަހުލާގީ އަދި ގައުމީ ސަލާމަތަށް ހުރި ގޮންޖެހުމެއް ކަމަށެވެ.
އެހެންވެ މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ވިޔަފާރިއާ ދެކޮޅަށް، މިހާރަށް ވުރެ ވަރުގަދައަށް ފިޔަވަޅު އެޅުމަށް، ރައީސް ގޮވާލެއްވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، މި ދުވަހުގެ މިއަހަރުގެ ޝިއާރ ކަމަށްވާ "ދުނިޔޭގެ މަސްތުވާތަކެތީގެ މައްސަލަ: ދެމިއޮތް ކަންބޮޑުވުންތައް، އާ ގޮންޖެހުންތައް، އާ އީޖާދީ ހައްލުތައް" ގެ ދަށުން، މަސައްކަތް ކުރުމަށް، ރާއްޖެ އޮތީ ބައިނަލްއަގުވާމީ މުޖުތަމައާ އެކީގައި ކަމަށެވެ. އަދި މި މައްސަލައަށް ހައްލެއް ހޯދުމަކީ ގައުމުގެ މުސްތަގުބަލާއި ޒުވާނުން ރައްކާތެރި ކުރުމަށާއި ހިމާޔަތް ކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމާއި އަލުން މުޖުތަމައަށް ނެރުމުގެ ހިދުމަތްތައް ފުޅާކުރުމަށް ކުރަމުން ކުރެވޭ މަސައްކަތްތައް ވެސް އަންނަނީ ހަރުދަނާ ކުރެވެމުންނެވެ. އަދި މިއަހަރުގެ ފަހުކޮޅު މުޅިން އަލަށް، ވަށާޖެހޭ ފުރިހަމަ ހިދުމަތް ދެވޭނެ ތިން ރިހެބިލިޓޭޝަން ސެންޓަރު ހުޅުވުމަށް ރޭވިފައިވާ ކަމަށް ވެސް ވިދާޅުވި ވި އެވެ.
އަދި ރާއްޖޭގައި މަސްތުވާތަކެއްޗަށް ގުޅޭ ގޮތުން ގާނޫނަށް މި ފަހުން ގެނެވުނު އިސްލާހުތަކުގެ ސަބަބުން، ކަމާގުޅުން ހުރި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވެ، އިޖުރާއީ ހާމަކަން އިތުރުވެ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތައް ރޫޅާލުމާއި ކުށްވެރިން ޖަވާބުދާރީ ކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އަލަށް އުފެދެމުންދާ ނުރައްކާތަކާއި، އާ ސައިކޯއެކްޓިވް މާއްދާތަކާއި، ބަދަލުވަމުންދާ މަސްތުވާތަކެތީގެ ވިޔަފާރީގެ އުކުޅުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ބައިވެރިންނާއެކު ރާއްޖެއިން އޮންނަ ގުޅުން ދަމަހައްޓާނެ ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލަ އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް އިޖުތިމާއި އެއް މައްސަލަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ