ސްރީލަންކާއިން ގެންނަ މުދަލުގެ އަދަދުތައް ދެގުނަކުރެވިއްޖެ: އަހުމަދު ޝަރީފް

ރާއްޖެއަށް ސްރީލަންކާއިން ގެންނަ މުދަލުގެ އަދަދުތައް ދެގުނަ އިތުރުކުރެވިފައިވާކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގެ އެމްޑީ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި ރާއްޖޭގެ ގައުމީ ޝިޕިންގް ކުންފުނީގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްޑީ ޝަރީފް ވިދާޅުވީ، އާންމުކޮށް ރާއްޖެއަށް މުދާ ގެންނަނީ ސްރީލަންކާއިންކަމަށެވެ. އަދި މި ދައުރުގައި މުދާ ގެންނަމުންދިޔަ އަދަދުތައް ދެގުނަކުރެވިފައިވާކަން ހިއްސާކުރެއްވިއެވެ. އެމްޑީ ވިދާޅުވީ، އާންމުކޮށް ބޭނުންކުރަމުންދަނީ 480 ކޮންޓެއިނަރު އުފުލޭ ބޯޓުތައްކަމަށްވާއިރު މި ދައުރުގައި 1100 ކޮންޓެއިނަރުގެ ޖާގައިގެ ބޯޓެއް ފްލީޓުގެ ތެރޭގައި ހިމަނާފައިވާކަމަށެވެ.
އެމްޑީ ވިދާޅުވީ، އެ މަސައްކަތްތަކާއިއެކު ރާއްޖެއަށް މުދާ ގެނައުން ދެގުނަ ކުރެވިފައިވާކަމަށް ދެކިވަޑައިގަންނަވާކަމަށާއި އެކަމުގެ ސަބަބުން އާންމުކޮށް މުދާ ގެނައުމުގެ މަސައްކަތްތަކުގައި ޝާމިލުވެ އުޅުއްވާ ފަރާތްތަކަށް ލުއިފަސޭހަތަކެއް ލިބިވަޑައިގަންނަވާނެކަމަށް ގަބޫލުކުރައްވާކަމަށެވެ. ޝަރީފް ވިދާޅުވީ، މޯލްޑިވްސް ސްޓޭޓް ޝިޕިންގްއިން އައު ހިދުމަތްތައް ދޭން ފަށާފައިވާކަމަށެވެ. އެގޮތުން މިހާރު މެލޭޝިއާގެ ބަނދަރަކާއި އިންޑޮނީޝިއާގެ ބަނދަރަކުންވެސް މުދާ ގެނައުމުގެ މަސައްކަތްތައް ކުރެެވެމުންދާކަން ހިއްސާކުރެއްވިއެވެ.
އޭނާ ވިދާޅުވީ، އެ ހިދުމަތްތައްވެސް އިތުރަށް ވަރުގަދަކޮށްގެން ކުރިއަށް ގެންދާނެކަމަށާއި އެއީ މި އަހަރުގެ ތެރޭގައި ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށްޓަކައި ކުރެވިފައިވާ މަސައްކަތްތަކެއްކަމަށެވެ. މި އަހަރުގެ ތެރޭގައި އިތުރު މަސައްކަތްތައްވެސް ކުރެވިފައިވާކަމަށް އިޝާރާތްކުރައްވާ އެމްޑީ ވިދާޅުވީ، ކުންފުންޏަށް 1000 ކޮންޓެއިނަރު އިތުރުކުރެވިފައިވާކަމަށާްއި އެތަކެތި ތިބޭނީ ދުނިޔޭގެ އެކި މަންޒިލުތަކުގައިކަމަށެވެ. އެހެންކަމުން ކޮންޓެއިނަރުތަކަށް މުދާ ބަރުކޮށްގެން ގެނައުމަށް އެދުމުން އެ ހިދުމަތް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިތުރު ކޮންޓެއިނަރުތައް ހޯދުމުގެ މަސައްކަތްތައް ކުރުމަށްވެސް ކުންުފުނިން ނިންމާފައިވާކަމަށެވެ.
މަސައްކަތްތަކުގެ އިތުރު ތަފްސީލު ދެއްވަމައި އެމްޑީ ވިދާޅުވީ، އެމްއެސްއެސް އަކީ އެސްޓީއޯގެ ދަށުން ހިންގާ ކުންފުންޏެއްކަމަށެވެ. އެހެންކަމުން މައިގަނޑު ގޮތެއްގައި އެސްޓީއޯގެ ހުރިހާ މުދަލެއް ގެނައުމުގެ މަސައްކަތްތައްވެސް ކުރަމުންދަނީ އެމްއެސްއެސްއިންކަމަށާއި ވަކި ގައުމަކަށް ބަރޯސާނުވެ ކޮންމެ ގައުމަކުންވެސް ކާޑުގެ ބާވަތްތައް ގެނައުމުގެ ގާބިލުކަން އަމިއްލަ ޝިޕިންގް ލައިނެއް އޮތުމުން ހާސިލުކުރެވިފައިވާކަމަށެވެ. އަދި އެ ކުންފުނިން ކުރަމުންދަނީ އެ މަސައްކަތްތައްކަމަށާއި އެސްޓީއޯއިން އެދޭ ކޮންމެ މަންޒިލަކުންވެސް މިހާތަނަށް މުދާ ގެންސްދެވިފައިވާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ