ލޯންޗް ޖެހުނީ ސަޕްލައި ދޯންޏެއްގައި، ދޯނި މަޑުނުކޮށް ދިޔަ މައްސަލަ ބަލަނީ

މިއަދު ހެނދުނު ހިނގި ކަނޑުމަތީގެ އެކްސިޑެންޓުގައި ލޯންޗް ޖެހުނީ ސަޕްލައި ދޯންޏެއްގައި ކަމަށާއި އަދި ދޯނި މަޑުނުކޮށް ދިޔަ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
މިއަދު ހެނދުނު 6:30 ހާއިރު އެކްސިޑެންޓުވީ ދެ މީހުންނާއެކު، ދަތުރުކުރަމުން އައި "ޓުއާ ގާޑް" ނަމަކަށް ކިޔާ ލޯންޗެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ހާދިސާގެ ތަހުގީގުގައި ކުރި މަސައްކަތުން، އެ ލޯންޗު ޖެހުނު އުޅަނދު މިހާރު ދެނެގަނެވިފައިވާ ކަމަށެވެ.
ލޯންޗު ޖެހިފައިވަނީ ސަޕްލައި ދޯންޏެއްގައި ކަމަށާއި ނަަމަވެސް އެ އެކްސިޑެންޓަށްފަހު އެ ދޯނި މަޑުނުކޮށް ދިޔަ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ވެސް އެ އަޮފިޝަލް ވިދާޅުވި އެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި އެ ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބީ ދެ ފަޅުވެރިންނެވެ. އެ ދެ މީހުންނަށް ބޮޑެތި އަނިޔާތަކެއް ވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް ކަމަށް ވެސް އެމްއެންޑީއެފުން ކުރިން ބުންޏެވެ.
ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އެ ދެ މީހުންގެ ހާލަތު މިހާރު ރަނގަޅު ކަމަށެވެ.
ފަރުވާ ދެމުންދަނީ 38 އަހަރުގެ ދިވެހި ފިރިހެނަކާއި 30 އަހަރުގެ ބިދޭސީ ފިރިހެނަކަށެވެ.
އެ ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފުލުހުންގެ ތަހުގީގުގެ ތެރެއިން ކުރަމުންދާއިރު، އެ އެކްސިޑެންޓުގައި ލޯންޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެގޮތުން އެ ލޯންޗުގެ ކުރީކޮޅު އެއްކޮށް ވަނީ "ފުނޑުފުނޑުވެފަ" އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ