ޕީއެންސީ ބަލިކުރަން ސޯދިގަށް ވޯޓު ދޭން ޔާމީން ގޮވާލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާ މެންބަރުކަމުގެ ބައި-އިލެކްޝަންގައި ކުރީގެ ރައީސް އަދި ޕީއެންއެފްގެ ލީޑަރު އަބްދުﷲ ޔާމީން ތާއީދުކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަދި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގަށް ކަމަށް ރޭ ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ޕީއެންސީގެ މެންބަރު މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮވެގެން ހުސްވި އެ ގޮނޑީގެ ބައި-އިލެކްޝަންނަށް ކުރިމަތިލެއްވީ ދެ ކެންޑިޑޭޓެކެވެ. އެއީ:
ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ)
އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ)
ތަފްސީލް - ޔާމީންގެ ޕާޓީ، ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މިހާރު ވެރިކަންކުރާ ޕީއެންސީން ކުރިމަތިލާ ކެންޑިޑޭޓުންނަށް ކުރިއަށް އޮތް އިންތިހާބުތަކުގައި ވޯޓު ނުދިނުމަކީ އެ މަނިކުފާނުގެ ވަރަށް ބޮޑު އިލްތިމާސެއް ކަމަށެވެ.
"އެ ތަނަށް [ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި] ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް. އެހެންވީމާ މިހާރު އޮތް ހާލަތު ބަދަލުކުރާ ކަމަށް ވަންޏާ، ޕީއެންސީގެ ކެންޑިޑޭޓަށްވުރެ އަޅުގަނޑަށް ރަނގަޅީ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ އެމްޑީޕީގެ ކެންޑިޑޭޓޭ،" ޔާމީން ވިދާޅުވި އެވެ.
އެނގުން މުހިންމު - ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުލުން އޮންނާނީ 6 ޖޫން ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 އަށެވެ.
ފާހަގަކޮށްލެވޭ - މި ސަރުކާރާ ދެކޮޅަށް ޔާމީންގެ އިތުރުން އެމްޑީޕީގައި ތިއްބެވި ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އިބްރާހީމް މުހައްމަދު ސޯލިހު ގުޅިވަޑައިގެން އިދިކޮޅު ސިޔާސީ ހަރަކާތެއް ވެސް ވަނީ ފައްޓަވައިފަ އެވެ. އެ ހަރަކާތަށް އެމްޑީޕީގެ ގައުމީ މަޖިލީހުންނާއި ޕީއެންއެފްގެ ކައުންސިލުން ވެސް ވަނީ ރުހުން ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ