އަންދާޒާކުރި ޢަދަދަށް ހިލޭ އެހީ ލިބިއްޖެ

ހިލޭ އެހީގެ ގޮތުގައި ދައުލަތަށް މި އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް އާމްދަނީ ލިބިފައިވާކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން ވަނީ ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި، ދަޢުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، މަންތްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް އާންމުކޮށްފައެވެ.
މާލީ ވުޒާރާއިން މިއަހަރަށް ހުށަހެޅި ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 373.6 މިލިޔަން ރުފިޔާއެވެ. މާލީ ވުޒާރާއިން އާންމުކޮށްފައިވާ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުން ދައްކާގޮތުގައި މިމަހުގެ 4ވަނަ ދުވަހާއި ހަމައަށް ހިލޭ އެހީގެ ގޮތުގައި 393.6 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. އެހެންކަމުން އަންދާޒާއަށްވުރެ ލިބުނު ހިލޭ އެހީގެ އަދަދު ވަނީ 5.3 އިންސައްތަ އިތުރުވެފައެވެ.
ރިޕޯޓުގައިވާގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 128.7 މިލިޔަން ރުފިޔާއެވެ. އަހަރުގެ މިހާތަނަށް ޓެކްސް އާމްދަނީއާއި ޓެކްސްނޫން އާމްދަނީ އަދި ހިލޭ އެހީގެ ގޮތުގައި މި އަހަރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 40.3 ބިލިޔަން ރުފިޔާއެވެ.
ވީކްލީ ފިސްކަލް ރިޕޯޓުން ދައްކާގޮތުގައި، މިމަހުގެ މިހާތަނަށް 19 ބިލިޔަން ރުފިޔާ އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު %10 އިތުރުއަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 17.3 ބިލިޔަން ރުފިޔާއެވެ.
ދައުލަތަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބޭ ފައިސާއެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސްގެ ގޮތުގައި 13.2 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ ޖޫންމަހުގެ 4ގެ ނިޔަލަށް އެ އަދަދު ވަނީ 14.8 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ 12.4 އިންސައްތައިގެ ކުރިއެރުމެކެވެ. ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 78 އިންސައްތައަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާއެވެ.
މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީއެވެ. 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 5 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 6 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ 7.6 އިންސައްތައިގެ ކުރިއެރުމެކެވެ.
މީގެއިތުރުން، އާންމު މުދަލާއި ޚިދުމަތުގެ ޓެކްސް ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 2.2 ބިލިޔަން ރުފިޔާއިން 2.5 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ